ޝަރުއީ ދާއިރާގެ ހައިބަތު ގެއްލޭ ގޮތަށް އަމަލު ކުރުމުން ސިވިލް ކޯޓުގެ އިސް ގާޒީއަށް ފިޔަވަޅު އަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ: އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި ---

އަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަމަލުކުރިކަން ސާބިތުވުމުން ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުالله ޢަލީއަށް ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ޖޭއެސްސީން މިއަދު ބުނީ, ސިވިލް ކޯޓުގެ ގަޟިއްޔާއިން ބަލާ މައްސަލައަށް ހާޒިރުވުމަށް އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީޚަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސިވިލް ކޯޓުގެ ގަޟިއްޔާ ބާތިލުކުރުމުގައި އިސް ގާޒީ ޢަބްދުﷲ ޢަލީ އަމަލުކޮށްފައި ވަނީ ޢަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން ކަމަށެވެ.

ހަމައެއާއެކު، ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތަޢައްޞުބެއް އޮތްކަން ފެންނަން އޮތުމުގެ އިތުރުން، ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތަށް އިސް ގާޒީ ޢަބްދުﷲ ޢަލީ އަމަލުކޮށްފައިވާކަން އޭނާގެ ބަހުންނާއި ލިޔެކިޔުންތަކުން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން އިސް ގާޒީ ޢަބްދުﷲ ޢަލީގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސް ގާޒީ ޢަބްދުﷲ ޢަލީއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުالله ޢަލީއާ ގުޅޭ ގޮތުން ތިން މައްސަލައެއް ބަލަމުން އަންނަ ކަމަށް މީގެ ކުރިން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް