ސަރުކާރުން އެމްޑީޕީ ވަކިވާން ނަޝީދު އެދިވަޑައިގެންފި

ފެބްރުއަރީ 17، 2020: ރައީސް ނަޝީދު ރައީސް ސޯލިހާއެކު -- ސަންފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ހިންގާ ކޯލިޝަނުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ވަކި ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރު އަންނަނީ ފެތެމުން ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މިހާރު އެންމެ ރަނގަޅު ގޮތަކީ "ފެތެމުން އަންނަ ސަރުކާރާއެކު" ނުފެތުން ކަމަށެވެ. އަދި މި ސަރުކާރުގައި އެ ޕާޓީގެ މެންބަރުން އެދޭ ކަންކަން ނުވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވާ ވާހަކަ ނަޝީދު ވަނީ ތަކުރާރުކުރައްވައިފައެވެ.

"މިވަގުތަށް މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާ އެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރެއް ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މި ޕާޓީގެ ވައުދުތައް ނުފުއްދެނީ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބޯމަތިވެފައިވާއިރު، ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަކަށް ފާޅުގައި ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ 2023 މި ސަރުކާރަށް ނުލިބޭނެ ކަމަށް ދޭހަވާ މޭރުކަމުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް ސަރުކާރަށް ހީވި ނަމަވެސް އެހާ ބޮޑު ތާއީދެއް ލިބޭ ވަރަށް ވުރެ ގިނަ ގޯސްތައް ސަރުކާރަށް ހެދިފައިވާ ކަމަށާއި އެ ގޯސްތައް ސަރުކާރުން ގަބޫލުނުކުރާކަމަށެވެ.

އެހެންކަމުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން "އުނދަގޫ ވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ވަރަަށް އުނދަގޫވާނެ ކަމަށް، މާގިނަ ގޯސް ހެދިއްޖެ، އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ،" ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް