ދިފާއީ ވަޒީރުކަން އަންހެނަކާ ހަވާލުކުރުމުން، ރައީސް އަންހެންނަށް ކުރައްވާ އިތުބާރު ދޭހަވޭ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ -- ފޮޓޯ/ އެމްއެންޑީއެފް

މި ސަރުކާރުގައި ދިފާއީ ވަޒީރުކަން އަންހެނަކާ ހަވާލުކުރުމުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންހެންނަށް ކުރައްވާ އިތުބާރު އެނގިގެންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، 130 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން، "މިނިސްޓަރުގެ ގަލަންކޮޅުން" މިނަމުގައި މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށްފައިވާ ލިޔުމެއްގައެވެ.

މިލިޔުމުގައި މިނިސްޓަރު މާރިޔާ ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، އަމާން، ސުލްހަވެރި މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

"ރައީސް ޞާލިޙްގެ އެންމެ އިސް ވާޖިބުކަމަށްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަތިކޮށްފައިވާ ދިފާއީ ވުޒާރާ ހިންގުމުގެ މަތިވެރި ޒިންމާ، ދިވެހި ތާރީޚުގައި، ފުރަތަމަ ފަހަރަށް އަންހެން ވަޒީރަކާ ހަވާލުކުރައްވާ، ދިވެހި އަންހެނުންނަށް އެމަނިކުފާނު ކުރައްވާ އިތުބާރާއި އިޙްތިރާމް އަމަލުފުޅުން ސާބިތުކޮށްދެއްވި ކަމަށްޓަކައި، ގައުމުގެ ހުރިހާ އަންހެން ބޭފުޅުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރައީސް ޞާލިޙަށް ހާއްސަ ޝުކުރެއް ދަންނަވަން،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މިނިސްޓަރު މާރިޔާ ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ފަޚުރުވެރިވާ ފަދަ އެތައް ކާމިޔާބިއެއް ހޯދައިފައިވާ ކަމަށް ވިދާޅުވެފައެވެ.

"ކޮވިޑު-19ގެ ދަތި އުނދަގޫ ހާލަތުގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެމްއެންޑީއެފްގެ 60 އިންސައްތަ ސިފައިން ވަނީ ތަފާތު އެކިއެކި ތަމްރީނުތައް ފުރިހަމަކޮށްފަ،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިފައިންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްވެސް އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވާނެކަން މިނިސްޓަރުގެ ބަޔާނުގައިވެއެވެ. އަދި މީގެ ކުރިން ދެކެފައިނުވާފަދަ ކުރިއެރުންތަކެއް އަންހެން ސިފައިންނަށް ހާސިލުކުރެވިއްޖެކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

"އެމްއެންޑީއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން އަންހެން އޮފިސަރުންނަށް ވަނީ ލެންޓިނެންޓް ކާނަލްގެ މަގާމް ހާސިލްކުރެވިފަ،" މިނިސްޓަރުު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއަށް ހޯދިފައިވާ ކާމިޔާބީތަކުގެ ފަހަތުގައިވަނީ ރައީސް ޞާލިޙް ސިފައިންގެ ކަންކަމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ކަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް