ކޮލަންބޯ (21 އެޕްރީލް 2022) : ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ބޭނުންވާ އައިއެމްއެފްގެ ލޯން ލިބޭނެ ކަމަށް ބެލެވެނީ އަދި މަދުވެގެން ހަ މަސް ފަހުން ކަމަށް ވާތީ އެ ލޯން ލިބެންދެން ގައުމުގެ އިގްތިސާދު މެނޭޖުކުރުމަށް ރަހްމަތްތެރި ގައުމުތަކުގެ އެހީ ހޯދަމުން ގެންދާނެކަން އެ ގައުމުން ހާމަކޮށްފިއެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ގާމިނީ ލަކްޝްމަން ޕެއިރިސް ވިދާޅުވިގޮތުގައި އައިއެމްއެފް އިން ހޯދަން މަސައްކަތްކުރަނީ ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަނެވޭވަރުގެ ބޮޑު ލޯނެކެވެ. އެލޯނު ގެ މަޝްވަރާތަކާއި ޝަރުތުތައް ފުރިހަމަ ކުރުމަށާ އަދި އައިއެމްއެފްގެ އިތުބާރު ހޯދުމަށް ހަމަސް ނަގާނެއެވެ.
ނަމަވެސް މިމުއްދަތުގައިވެސް ސްރީލަންކާއަށް ބޭނުންވާ އަސާސީ ކަންކަމަށް ޚަރަދުތައް ކުރުމަށް ބޭނުންވާ އެކިބާވަތުގެ އެހީތައް ހޯދުމަށް އިންޑިއާ، ޗައިނާ، ބަންގްލަދޭޝް ފަދަ ރަހުމަތްތެރި ގައުމުތަކާ އަދި މާލީ މުއައްސަސާތަކާ މަޝްވަރާކޮށް އެހީތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ހަ މަސް ތެރޭގައި މަދުވެގެން ތިން ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ. ސްރީލަންކާ ސަރުކާރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާ ވާހަކަ ދައްކަމުން ގެންދަނީ 3.5 ބިލިޔަން ޑޮލަރުގެ ލޯނެއް ހޯދުމަށެވެ.
އައިއެމްއެފްގެ ލޯނުގެ ޝަރުތުތައް ބޮޑުކަމާއި އެޝަރުތުތަކަށް ބޯލަނބަން ސްރީލަންކާއަށް ދަތިވާތީ ހަމަސް ތެރޭގައިވެސް ލޯނު ނުލިބިދާނެކަމުގެ ބިރުވެސް އެބައޮތެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި މިހާރު ގައުމުގެ އިގްތިސާދު ހިފެހެއްޓުމަށް ބޭނުންވާ އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އިންޑިއާއާއި ޗައިނާއިންނެވެ. އަނެއްކޮޅުން ބަންގްލަދޭޝަށް ދައްކަންޖެހޭ 450 މިލިޔަން އެމެރިކާ ޑޮލަރު ދެއްކުން ފަސްކުރުމަށް އެ ގައުމުން ވެސް ވަނީ ވަނީ ނިންމާފައެވެ. މިއީ ސްރީލަންކާގެ މާލިއްޔަތަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަން ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ސްރީލަންކާ ލޯން ނަގާފައިވާ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އަދި އިސްލާމިކް ބޭންކްފަދަ މުއައްސަސާތަކުންވެސް މިގޮތަށް އަމަލުކޮށްދިނުމަށް އެދި އެގައުމު ގެންދަނީ އެފަރާތްތަކާ ވާހަކަދައްކަމުންނެވެ.
މިތަންތަނަށް ދައްކަންޖެހޭ ލޯންތަކުގެ ޕޭމަންޓްތައް ފަސްކޮށްފިނަމަ މި ހަ މަސް ތެރޭގައި ސްރީލަންކާގެ ހާލަތު އިތުރަށް ގޯސްނުވެ މާލިއްޔަތު މެނޭޖު ކުރެވޭނެކަމަށް އެ ގައުމުން ދެކެއެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި އިންޑިއާއާއި ޗައިނާއިން ވަނީ އެތައް ބިލިޔަން ޑޮލަރެއް އެގައުމަށް ހިލޭ އެހީގެ ގޮތުގައާއި ލުއި ލޯންގެ ގޮތުގައި ފާއިތުވި ދެ އަހަރު ތެރޭގައި ފޯރުކޮށްދީފައެވެ. އަދި އެ ދެ ގައުމުން މިހާރުވެސް ގެންދަނީ ކާބޯތަކެތީގެ ބައެއް ޝިޕްމަންޓްތައްވެސް ސްރީލަންކާއަށް ފޯރުކޮށްދެމުންނެވެ.