ހއ.އިހަވަންދޫގައި ގާއިމްކުރަމުން ދާ ދަނޑުގައި ޓާފްއަޅަން ތައްޔާރުވަމުން ދަނިކޮށް، ޓާފްރޯލުތަކުގައި ކަޓަރުއަޅާ ހަލާކުކޮށްލައިފިއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވިދާޅުވެފައިވަނީ މިކަން ކޮށްފައިވަނީ އިދިކޮޅުފަރާތްތަކުން ކަމަށާއި މިއީ ޒުވާނުންގެ ކުރިއެރުމަށް ހުރަސްއަޅަން ކުރެވުނު ކަމެއް ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ސޯޝަލް މީޑިޔާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ ދަނޑުގައި ޓާފްއެޅުމަށް ތައްޔާރުވަމުން ދަނިކޮށް އަންގާރަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ޓާފްރޯލުތަކުގައި ކަޓަރު އަޅާ ހަލާކުކޮށްލައިފައިވާ ކަމަށެވެ.
އަދި މި އަމަލަކީ ރަށުގެ ތަރައްގީއަށް ނޭދޭ ބަޔަކު ހިންގާފައިވާ ފިނޑި އަމަލެއްގެ ސިފަކުރައްވައި، ޝިފާއުވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
"ސަން"އަށް މައުލޫމާތުދެމުން މެންބަރު ވިދާޅުވީ ޒުވާނުންގެ އެތައް ދުވަހެއްގެ ހުވަފެނެއްގައި ކުލަޖެހެން ކައިރިވެފައިވަނިކޮށް މިފަދަ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަން ކުރި ބަޔަކު ހޯދާ ފިޔަވަޅު އެޅުމަށްވެސް މެންބަރު ވަނީ ގޮވާލައްވާފައެވެ.
"ޓާފްގައި ކަޓަރުއެޅީ އިދިކޮޅު ފަރާތްތަކުން، މިއީ ޒުވާނުންގެ ކުރިއެރުމަށް ހުރަސްއަޅަން ކުރެވުނު ދަށު ދަރަޖައިގެ ޢަމަލެއް،" މެންބަރު ވިދާޅުވެފައިވެއެވެ.
ދަނޑުގެ މަސައްކަތް ނިމުމަށް މިކަމުގެ ސަބަބުން އަސަރު ނުކުރާނެ ކަމަށާއި މެއި މަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމާލެވޭނެކަމަށް މެންބަރުު ވަނީ ފާހަގަކުރައްވާފައެވެ.
"މިކަމުގެ ސަބަބުން ދަނޑުގެ މަސައްކަތް ނިންމުމަށް މަޑުތަކެއް ނުޖެހޭނެ. ޒުވާނުން މާޔޫސްވެ ނުލައްވާ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ޓާފްއަޅައި ނިންމާނަން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ވައުދު ލަސްނުވެ ފުއްދާނަން،" ޝިފާއު ވިދާޅުވިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞޮބާހު ވިދާޅުވީ ކޮންމެ ބަޔަކު ކުރި ކަމުގައި ވިޔަސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިމައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.
"ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް މިއީ ބަލައިގަނެވޭނެ ކަމެއްނޫން. ކައުންސިލުންވެސް މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން . މި މައްސަލަ މިހާރު ޕުލުހުން ދަނީ ތަހުޤީގު ކުރަމުން،" ޞޮބާހު ވިދާޅުވިއެވެ.
ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ދަނޑުގައި އަޅަން ގެނެސްފައިވާ ޓާފް ރޯލުތައް ވެހޭހާ ވާރެއެއްގަޔާއި ދޭހާ އަތްވެއްގައި ހުންނަތާ ދެ އަހަރެއް ހާ ދުވަސް ވެދާނެ ކަމަށެވެ. ބައެއް ޓާފްރޯލުތައް ހުރީ ފީވެ ހަލާކުވެފައި ކަމަށްވެސް ޞޮބާހު ވިދާޅުވިއެވެ. މިކަމުގެ ކަންބޮޑުވުންތައް ޒުވާނުން އެތައް ފަހަރެއްގެ މަތިން ކޮށްފައިވާކަމަށްވެސް ޞޮބާހު ފާހަގަކުރެއްވިއެވެ.

އިހަވަންދޫ ދަނޑުގައި އަޅަންގެނެސްފައިވާ ޓާފްރޯލްތައް--ފޮޓޯ/އިހަވަންދޫ ކައުންސިލް
"ވެދާނެ ފީ ޓާފް ދަނޑުގައި އަޅަން ބޭނުންނުވާތީ ކުރި ކަމަކަށްވެސް. ހަލާކުވެފައިވާ ފީ ޓާފް ދަނޑުގައި އަޅަން އުޅޭކަމުގެ ކަންބޮޑުވުން އެތައް ފަަހަރެއްގެ މަތިން ޒުވާނުން ވަނީ ފާޅުކޮށްފަ. އަޅުގަނޑުމެން ކައުންސިލްގެ ފަރާތުންވާނީ ސަރުކާރަށާއި މިނިސްޓްރީއަށްވެސް މިކަންކަން ހިއްސާކޮށްފަ" ޞޮބާހު ވިދާޅުވިއެވެ.
ދަނޑުގައި ފީވެފައިވާ ޓާފް އަޅާކަމަށް ބުނެ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމަށް އިހަވަންދޫ ޒުވާނުންގެ އެއްވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.