ހއ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން، ކޮލެޖު އަދި ޔުނިވާސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދެ ކައުންސިލް މުވައްޒަފަކަށް އެހީ ދީފިއެވެ.
އެ ދެ މުވައްޒަފުންނަށް އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހެނދުނު 10:00ގައި ހއ. އަތޮޅު ކޮންފަރެންސް ހޯލުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މާލީ އެހީ ދީފައިވަނީ ހއ. އަތޮޅު ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު ދީމާ ޙަސަނާއި އެ އަތޮޅު އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރު އިބްރާހީމް ސުހޭލަށެވެ.
އެ ދެ މުވައްޒަފުންނަށް އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

ހއ. ކައުންސިލްގެ މުވައްޒަފުންނަށް މާލީ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި --- ފޮޓޯ/ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް
މާލީ އެހީއަށް ކޮންމެ މުވައްޒަފަކަށް 37،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.
މިއީ، މި އަހަރު ހއ. އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ހއ. ކައުންސިލްގެ މުވައްޒަފުންނަށް މާލީ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި --- ފޮޓޯ/ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް
މި ހަރަކާތުގެ މަޤުސަދުތަކުގެ ތެރޭގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑާޝިޕް ކުރިއަރުވުން ހިމެނެއެވެ.
އަދި މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ޤާބިލް ބަޔަކަށް މުވައްޒަފުން ހެދުން ހިމެނޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.