ހއ. އިހަވަންދޫ ތަޢާވުން މިސްކިތަށް މެދުނުކެނޑި 40 ދުވަސް ވަންދެން ފަތިސް ނަމާދަށް ދިޔަ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން، އެ މިސްކިތުގެ އިމާމު ހުސައިން ރަޝީދު ބައިސްކަލު ހަދިޔާކޮށްފިއެވެ.
މިއީ އެ ރަށުގައި އެގޮތަށް މީހަކު އިސްނަގައިގެން އަލަށް ހިންގާފައިވާ ހަރަކާތެކެވެ.
'ސަން' އާ ވާހަކަދައްކަމުން ހުސައިން ރަޝީދު ބުނީ، އެފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި، ނަމާދަށް ފަރުވާތެރިވެ، ނަމާދު ކުރުމަށް އެ ކުދިން ފަރިވާތެރިކުރުވުން ކަމަށެވެ.

ހއ. އިހަވަންދޫ ތަޢާވުން މިސްކިތަށް މެދުނުކެނޑި 40 ދުވަސް ވަންދެން ނަމާދަށް ދިޔަ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ބައިސްކަލު ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ކައުންސިލް
ވަކިން ޚާއްސަކޮށް އެއީ ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް އެ ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ޖެހިޖެހިގެން 40 ދުވަހު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ހުޅުވާލުމުން 64 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ގްރޭޑު ހަތަކާއި ގްރޭޑް ނުވަޔަކާ ދެމެދު ފުރާގެ ދަރިވަރުންނެވެ.

ހއ. އިހަވަންދޫ ތަޢާވުން މިސްކިތަށް މެދުނުކެނޑި 40 ދުވަސް ވަންދެން ނަމާދަށް ދިޔަ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ބައިސްކަލު ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ކައުންސިލް
ޕްރޮގްރާމް ނިމުނުއިރު، މެދުނުކެނޑި ނަމާދުގެ ޖަމާއަތުގައި ބައިވެރިވި 38 ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އޭނާ ވަނީ ބައިސްކަލު ހަދިޔާކޮށްފައެވެ.
މި ބައިސްކަލުތައް އެ ދަރިވަރުންނާ ހަވާލުކޮށްފައި ވަނީ ރޭ ތަޢާވުން މިސްކިތް ކުރިމަތީ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ހއ. އިހަވަންދޫ ތަޢާވުން މިސްކިތަށް މެދުނުކެނޑި 40 ދުވަސް ވަންދެން ނަމާދަށް ދިޔަ ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ބައިސްކަލު ހަދިޔާކުރި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ކައުންސިލް
ހުސައިން ރަޝީދު ބުނިގޮތުގައި މީގެ އިތުރުން ވެސް ކުދިންނަށް ނަމާދުގައި ކިޔާ ތަކެތި ދަސްކޮށްދިނުމާއި، ނަމާދުކުރުމުގެ ހަރަކާތްތައް ދަސްކޮށްދިނުމުގެ އިތުރުން ނަމާދާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ކުލާސްތަކެއް ވެސް ކުރިއަށްގެންދިޔަ ކަމަށެވެ.
އަދި ކުރިއަށް ވެސް ބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކުޑަ އިމާމުން ތަމްރީނުކުރުމުގެ ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް އޮތް ތަނުގައި އިއުލާނު ކުރާނެ ކަމަށް އޭނާ މައުލޫމާތުދިނެވެ.