ނިއުގެ ކުރީގެ ކޯޗަށް ދޭންޖެހޭ މުސާރަ ދޭން އަނެއްކާ ވެސް އަންގައިފި

ނިއު ރޭޑިއަންޓުގެ ލޯގޯ -- ފޮޓޯ / ނިއު ރޭޑިއަންޓް

ސަސްޕެންޑުކޮށްފައިވާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒަށް އެ ކުލަބުން ދޭން ޖެހޭ ފައިސާ ދެއްކުމަށް އަނެއްކާ ވެސް ދުނިޔޭގެ ފުޓުބޯޅަ ފެޑަރޭޝަން (ފީފާ)އިން މުއްދަތެއް ދީފިއެވެ.

ނިއުގެ ކޯޗުކަމުން އޭނާ ވަކިކުރީ ޤަވާއިދާ ޚިލާފަށް ކަމަށް ބުނެ، އޭނާ ވަނީ 2017 ވަނަ އަހަރު ފީފާއަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ބެލުމަށް ފަހު އޭނާއަށް ދޭން ޖެހޭ މުސާރަ ދިނުމަށް ފީފާއިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެންގިއެވެ. އެ ފަހަރު މުސާރަ ދިނުމަށް ނިއުއަށް ދިނީ 30 ދުވަހުގެ މުހުލަތެކެވެ.

އެ އެންގުން އެގޮތަށް އެންގި ނަމަވެސް، ނިއު އިން އޮތީ ޓަވަރޭޒަށް ދޭންޖެހޭ މުސާރަ ނުދީއެވެ. އެކަން އެހެން އޮއްވާ އިއްޔެ އަނެއްކާ ފީފާއިން ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ނިއުއަށް ސިޓީއެއް ފޮނުވާފައެވެ. އަދި މިފަހަރު އަންގާފައިވަނީ ހަ ދުވަހުގެ ތެރޭގައި އެ ފައިސާ ޓަވަރޭޒަށް ދިނުމަށެވެ.

ފީފާގެ އެންގުމަށް ނިއު އިން މިފަހަރު އަމަލު ނުކޮށްފިނަމަ، އެ ކުލަަބަށް ފީފާއިން އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ވެސް އެ ސިޓީގައިިވެއެވެ. ކުރިން ފީފާއިން ދިން މުއްދަތުގައި ނިއު އިން ޓަވަރޭޒަށް މުސާރަ ނުދިނުމުން ވެސް ފީފާއިން ވަނީ ނިއުއަށް ފިޔަވަޅު އަޅާފައެވެ. އެފަހަރު އަޅާފައިވާ ފިޔަވަޅަކީ ނިއުއަށް ކުޅުންތެރިން ރަޖިސްޓްރީ ކުރުން މަނާކުރުމެވެ.

ޓަވަރޭޒަށް ދޭން ޖެހޭ މުސާރައިގެ ތަފްސީލް ފީފާއިން ވަނީ ނިއުއަށް އަންގާފައެވެ. އޭގެ ތެރޭގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރާއި، އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓާ ނިއުއިން ޚިލާފުވެފައިވާތީ ބަދަލުގެ ގޮތުގައި ދޭންޖެހޭ 20،000 އެމެރިކާ ޑޮލަރާއި، ފީފާއަށް ދޭން ޖެހޭ 8000 ސްވިސް ފްރެންކްސް އާއި ޖޫރިމަނާގެ ގޮތުގައި 5000 ސްވިސް ފްރެންކްސް ހިމެނެއެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ ޖުމުލަ 571،724 ރުފިޔާއެވެ.

ފީފާއިން ނިއުއަށް މި ގޮތަށް އަންގާފައިވަނީ ނިއުގެ ސަޕޯޓަރުންތަކެއް އިސްވެ ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ނަމުގައި ކުލަބެއް އުފައްދަން މަސައްކަތް ފަށާފައިވަނިކޮށެވެ.

އޭއެފްސީން ވަނީ ރޭޑިއަންޓަކީ ނިއުގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ބެލެވޭތީ އެކުލަބުގެ ކަންކަން މަޑުޖައްސާލުމަށް އެފްއޭއެމަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

އެއާއެކު އެފްއޭއެމްގެ އެއްވެސް މުބާރަތެއްގައި ރޭޑިއަންޓަށް ބައިވެރިނުވެވޭނެ ކަމަށް ވެސް ވަނީ އެ ކުލަބަށް އަންގާފައެވެ. ނަމަވެސް، ނިއުގެ ދަރަނިތަކާ ހަވާލުވާނަމަ، ސަޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓަށް ކުރިއަށް ދެވޭނެކަމަށް އެފްއޭއެމުން ބުނެއެވެ.

comment ކޮމެންޓް