ދެވަނަ ފިޔަވަހީގައި ދެ ސުކޫލެއް އަޅަން ބިން ހަވާލުކޮށްފި

ދެވަނަ ފިޔަވަހީގައި ސުކޫލު އެޅުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސުކޫލެއް އެޅުމަށް ބިން ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބިން ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒެވެ. އަދި އެޗްޑީސީގެ ފަރާރުން ސޮއި ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙުމަދެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ ހަތަރު ސްކޫލް އެޅުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒު "ސަން"އަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަޅާނީ ދެ ސުކޫލްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ސުކޫލު އެޅުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ އެޗްޑީސީ

ދެވަނަ ފިޔަވަހީގައި ސުކޫލެއް ހުޅުވޭނެކަމަށް ލަފާކުރަނީ މިއަހަރުގެ އޯގަސްޓު މަހުގައި ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދައުލަތުން ޚަރަދުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަން ހަމަޖެހިފައިވާ ދެ ސުކޫލު އެޅުމުގެ މަސައްކަތް ވަަރަށް އަވަހަށް ހަވާލުކުރެވިގެންދާނެކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި އަޅާ ދެ ސުކޫލުގެ ތެރެއިން އެއް ސުކޫލް އެޅުމަށް ދޫކޮށްފައިވަނީ 60720.88 އަކަފޫޓުގެ ބިމެކެވެ. އެއީ އެއް ފަހަރާ 1200 ކުދިންނަށް ކިޔަވައިދެވޭނެ ޖާގަ އޮންނާނެ ސްކޫލެކެވެ.

ދެވަނަ ފިޔަވަހީގައި އަޅާ ދެވަނަ ސްކޫލު އެޅުމަށް ދޫކޮށްފައި ވަނީ 65534.61 އަކަފޫޓުގެ ބިމެކެވެ. އެއީ 1500 ކުދިންނަށް ކިޔަވައިދެވޭނެ ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާ ސުކޫލެކެވެ.

comment ކޮމެންޓް