ޕާކިސްތާނުގައި ލަންކާ މީހަކު މަރާލި މައްސަލާގައި ހަ މީހަކު މަރަން ހުކުމްކޮށްފި

ސްރީލަންކާގެ ފެކްޓްރީ މެނޭޖަރު ޕްރިޔަންތާ ދިޔަވަޑަނަގޭ ގެ ހަނދާނުގައި ބޭއްވި ހަރަކާތުގައި މަދަނީ ޖަމްއިއްޔާއެއްގެ ބަޔަކު ބައިވެރިވަނީ -- ފޮޓޯ/ އޭޕީ

ދީނަށް ފުރައްސާރަކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރު ޕާކިސްތާނުގައި ލަންކާގެ މީހަކު މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ ހަ މީހުން މަރަން ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ މައްސަލަ ބެލި ލާހޯރުގެ އެންޓި ޓެރަރިޒަމް ކޯޓުގައި ހަ މީހުންގެ މައްޗަށް ސާބިތުވެފައި ވަނީ، ޕާކިސްތާނުގައި ފެކްޓަރީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޕްރިޔާންތަ ކުމާރާ ދިޔާވަދަނާ މަރާލި ކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި ނުވަ މީހަކު އުމުރަށް ޖަލަށް ލާން ވެސް ލާހޯރުގެ ކޯޓުން ހުކުމްކުރިއެވެ. އަދި އެކަކަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު 72 މީހަކަށް ދެ އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ އަށް ކުދިން ވެސް ހިމެނެއެވެ.

ދިޔާވަދަނާ މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނުގެ އިރުމަތީ ސިއާލްކޮޓް ސިޓީގައި ހުންނަ ސްޕޯޓްސް އިކުއިޕްމަންޓް ފެކްޓްރީއެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ލަންކާ މީހާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އަފްތާބް ރިޒްވީ

ދިޔާވަދަނާއަށް ހަމަލާދިނީ އޭނާ މަސައްކަތްކުރަމުން ދިޔަ ފެކްޓަރީގައި ހުރި ދީނީ ޕޯސްޓަރުތަކެއް ވީދާލުމަށް ފަހު ޑަސްބިނަށް އެއްލާލިކަމަށް ބުނެއެވެ.

ގިނަ އަދަދެއްގެ މީހުން އެއްވެ، ދިޔާވަދަނާއަށް އަނިޔާކުރާ މަންޒަރާއި އޭނާގެ ހަށިގަނޑުގައި ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯތައް އޭރު ސޯޝަލް މީޑިއާގައި އާންމުވިއެވެ.

އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން މޫނު ފޮރުވަން މަސައްކަތްކުރި ނަމަވެސް، ދިޔާވަދަނާގެ ހަށިގަނޑު ކައިރީގައި ބައެއް މީހުން ސެލްފީ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

comment ކޮމެންޓް