މޭގައި ރިއްސާތީ، ގއ. ވިލިނގިލީ ހޮސްޕިޓަލަށް ދައްކަން ދިޔަ މީހަކަށް އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވައިފައިވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދެވެ. ސައީދު ވިދާޅުވީ މި މައްސަލަ މަޖިލީހަށް ހުށަހެޅީ އާއިލާގެ އެދުމުގެ މަތީން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް މައްސަލަ ގެނައުމަށް ކަމަށެވެ.
ސައީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ބަލި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ބޮޑަށް މޭގައި ރިއްސާތީ ކަމަށާއި އެހެންނަމަވެސް އެއީ ގޭހުގެ މައްސަލައެއް ކަމަށް ބުނެ ހޮސްޕިޓަލުން އޭނާއަށް މާ ބޮޑު ފަރުވާއެއް ދީފައި ނުވާ ކަމަށެވެ. އަދި ބަލި މީހާގެ ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް އީސީޖީ ވެސް ހަދައިފައިވަނީ ދެ ގަޑިއިރު ފަހުން ކަމަށެވެ.
"ނަމަވެސް ތަދު ބޮޑު ވަމުން ދިޔުމާއެކު އާއިލާއިން ތަކުރާރުކޮށް އެދިގެން، އެހެން ޑޮކްޓަރަކު ގެނެސް، ދެ ގަޑިއިރު ފަހުން އީސީޖީ ހެދި ކަމަށާއި އަދި އިސީޖީގައި މައްސަލަތަކެއް ހުރި ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށާއި އަދި އެ ކަމުގެ ތަފްސީލް ނޭނގޭތީއާއި ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ވަގުތުން މާލެ ފޮނުވައިދިނުމަށް އާއިލާއިން އެދުނު،" ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ބަލިމީހާ މާލެ ފޮނުވަން ޑޮކްޓަރުގެ ލިޔުން ލިބުނީ ގެންދިޔަތާ ނުވަ ގަޑިއިރު ފަހުން ކަމަށާއި މާލެ ގެންގޮސްފައިވަނީ ވެސް ޓްރާންސިޓް ފްލައިޓެއްގައި ކަމުން އިތުރަށް ލަސްތަކެއް ވެގެންދިޔަކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ބަލި މީހާ މާލެ ގެންދެވުނީ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނުތާ 36 ގަޑިއިރު ފަހުން ކަމުގައި ބުނެފައިވެއެވެ.
ބަލިމީހާ އައިޖީއެމްއެޗަށް ގެނެސް ހެދި ޓެސްޓުތަކުން ޖެހުނީ ހާޓް އެޓޭކެއް ކަމަށް ދެއްކިއިރު، ފަރުވާ ލަސްވުމުގެ ސަބަބުން ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނުކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ވިލިނގިލި ހޮސްޕިޓަލުން އިހުމާލުވެފައިވާތީ ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި މި މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ އަށް މެންބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 39 މެންބަރުން ވޯޓު ދެއްވައިފައިވާތީ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.