ޔާމީން ރަޝީދު މަރާލުން: ދެ މީހަަކަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފުކޮށްފި

ޔާމީން ރަޝީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ---

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ދައުވާ ސާބިތުނުވި ދެ މީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެފައި ވަނީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.

އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށްވާ ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

ޔާމީން ރަޝީދު މަރާލުމައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ ޒިހާނާއި ހައިޝަމަށެވެ. ޒިހާނުގެ ބަދަލުގައި ކުރިން އެ މީހުން ރާވާފައި އޮތީ އެ ގެއަށް ޒިޔާދު ވަނުމަށެވެ. ނަމަވެސް ޒިޔާދުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވިފައެއް ނުވެއެވެ.

އިސްމާއީލް ރަޝީދަކީ ހަމަލާދިން މީހުންނާއެކު އެގެ ކައިރިއަށްގޮސް އެގޭގެ ބޭރުގައި މަޑުކޮށްގެން ހުރި މީހާއެވެ. ޝިފާޒްއާއި ދިފްރާން އުޅުނީ ޔާމީން ރަޝީދަށް ފާރަލުމަށެވެ.

ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ. އޭނާގެ ގައިގެ 30 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވެއެވެ.

comment ކޮމެންޓް