ވިލިމާލޭ ދާއިރާއަށް ވާދަ ނުކުރެވުނީ އެ ދާއިރާގެ ރައީސްގެ އިހުމާލުން: ކެންޑިޑޭޓް

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ވާދަ ނުކުރެވުނީ އެދާއިރާގެ އެމްޑީޕީގެ ރައީސް، ފިރުޒުލް ފިރާޒްގެ އިހުމާލުން ކަމަށް އެ ދާއިރާއަށް އެމްޑީޕީން ވާދަ ކުރަން އުޅުނު ޙައްވާ އިބްރާޙީމް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑި ހުސްވީ އެ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި އާމިނަތު އީމާން، 29، ނިޔާވުމުންނެވެ.

އެ އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު އެމްޑީޕީގެ ފޯމް ވަގުތު ހަމަވިފަހުން ހުށަހެޅުމުން ބަލައި ނުގަންނަން އިލެކްޝަންސް އިން ވަނީ ނިންމައިފައެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަން ޝައުޤުވެރިކަން ފައުޅު ކުރެއްވި އެ ޕާޓީގެ މެންބަރު ހައްވާ އިބްރާޙީމް ވިދާޅުވީ އެ ހުރިހާ ކަމެއް ދިމާވީ ދާއިރާގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ މެންބަރު ފިރުޒުލްގެ ފަރުވާ ކުޑަކަމާއި އަޅާލުން ކުޑަކަމުގެ ސަބަބުން ކަމަށެވެ.

"ބައިވެރި ނުވެވުނު ގޮތަކީ ކުށުގެ ރެކޯޑް ފޯމް ފުރަން ޖެހޭތީވެ އިއްޔެގެ ހެނދުނާ އަޅުގަނޑު ދިޔައީ ޖުޑިޝަރީއަށް. ދެން ދިޔައީ ކަރެކްޝަނަށް. މި ދެތަނުން އިންނަނީ ފޯމް ފިލް ކުރަން އިނގޭތޯ. ދެން ވީގޮތަކީ ޖުޑިޝަރީން ކަރަންޓު ކެނޑުނީ. އެހެންވެގެން އެތަނުން މެންދުރު ބާރަ ޖެހިފަހުން އެ އެއްޗެހި އަތަށް ލިބުނީ. ދެން ދިޔައީ އިލެކްޝަނަށް. މައުލޫމާތު ހަމަ ނުވުމުން އެތަނުން ވެސް ބަލައެއް ނުގަތް. އަސްލު މައްސަލައަކީ އެތަނުން ކަރަންޓު ކެނޑުން،" ހައްވާ ވިދާޅުވިއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ މި ބައި އިލެކްޝަންގައި ވާދަ ކުރައްވައި ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލާފައި އޮތީ އިއްޔެ މެންދުރު ފަހު، 2:00އަށެވެ.

މި ބައި އިލެކްޝަނަށް ކުރިމަތިލާން އިލެކްޝަނުން ހުޅުވާލި ފުރުސަތުގައި ހައްވާ އިބްރާޙީމްގެ ފޯމް ހުށަނޭޅުމުން އެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމްޑީއަށް ވަނީ ގެއްލިފައެވެ. އެ އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމާއި އެމްއެންޕީއިންނެވެ.

އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ކޮންމެ މަހަކު ލިބެނީ 5،000 ރުފިޔާގެ އެލަވެންސެކެވެ.

comment ކޮމެންޓް