ވިލިމާލޭ އަންހެނުންގެ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެ

--- ފޮޓޯ/ މުޒައްޔިން ނާޒިމް

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު "ސަން"އަށް ވިދާޅުވީ އެމްޑީޕީއިން އެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް އައި ނަމަވެސް ފޯމު ހުށަހެޅުމުގެ ސުން ގަޑި އޭރު ވަނީ ހަމަވެފައިކަމަށެވެ.

"އެބޭފުޅުން އައި ފޯމުތައް ހިފައިގެން. އެހެންނަމަވެސް އޭރު ޑެޑްލައިން ވަނީ ހަމަވެފައި ފޯމު ހުށަހެޅުމުގެ،" ފުއާދު ތައުފީޤް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕީޕީއެމްއާއި އެމްއެންޕީއިން އިންތިހާބުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވާކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިއަދުގެ މެންދުރު 12:00 އަށްށެވެ.

އެ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލީވެސް އިއްޔެގެ ވަގުތެއްގައެވެ.

އެ އިންތިހާބުގެ ގުރުނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގައެވެ.

ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުރި އެމްޑީޕީގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުގައެވެ. އީމާން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް