ސެމީގައި ވަރުގަދަ ސިޓީއާއި ރެއާލްގެ ކުރިމަތިލުމެއް، އަނެއް ކޮޅުން ލިވަޕޫލާއި ވިލަރެއާލް

މީގެ ކުރިން ސިޓީއާއި ރެއާލް ބައްދަލުކުރި މެޗެއްގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި، ޕްރިމިއާ ލީގުގެ ގަދަ ބާރު މެންޗެސްޓާ ސިޓީ ކުރިމަތިލާން ޖެހިއްޖެއެެވެ.

ރެއާލުން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ 5-4ގެ އެގްރިގޭޓް ނަތީޖާއިން ބަލިކޮށްގެންނެވެ. އަދި ސިޓީ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލްގައި އެތުލެޓިކޯގެ މައްޗަށް 1-0ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗު 1-0އިން ކާމިޔާބުކުރީ ސިޓީއެވެ. އަދި ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދާފައެވެ.

ފުރަތަމަ ލެގާ ހިލާފަށް މި ލެގުގައި އެތުލެޓިކޯގެ ކުޅުން ތަފާތެވެ. މި މެޗުގައި އެ ޓީމު ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ނަމަވެސް، ލިބުނު ފުރުސަތުތަކުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ފަގު ވަގުތުގެ ތެރޭގައި ވަނީ ހަމަނުޖެހުމެއް ވެސް ހިނގާފައެވެ. އެކަމުގެ ތެރޭގައި އެތުލެޓީކޯގެ ފެލިޕޭއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ވެސް ދައްކާފައެވެ. އަދި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭއަށް ވަނީ ރީނދޫ ކާޑެއް
ދައްކާފައެވެ.

ސެމީ ފައިނަލްގައި ވަރުގަދަ ރެއާލްއާ ދެކޮޅަށް ސިޓީ ނިކުންނައިރު، 2020/2019 ވަނަ އަހަރުގެ ގަދަ 16 ގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރުގެ ދެ ލެގު ވެސް ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ.

ރެއާލަކީ މުޅި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ. ރެއާލުން ވަނީ ޗެމްޕިއަންސް ލީގު 13 ފަހަަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް، ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފައެވެ.

މުބާރާތުގެ އަނެއް ސެމީގައި ބައްދަލުކުރާނީ ލިވަޕޫލާއި ވިލަރެއާލެވެ. ވިލަރެއާލް ސެމީއަށް ދަތުރުކުރީ ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކް ކަޓުވާލާފައެވެ. އަދި ލިވަޕޫލުން ސެމީއަށް ދަތުރު ކުރީ ބެންފިކާގެ މައްޗަށް 6-4ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ފުރަތަަމަ ލެގުގައި ލިވަޕޫލް ވަނީ 3-1އިން ބެންފިކާގެ ދަނޑުގައި އެ ޓީމު ބަލިކޮށްފައެވެ. ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ނިމުމީ 3-3އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން އެގްރިގޭޓް 6-4އިން ކުރި ލިބުނީ ލިވަޕޫލަށެވެ.

ވިލަރެއާލުން ވަނީ ސެމީގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0އިން ބަޔާން ބަލިކޮށްފައެވެ. ދެ ވަނަ ލެގުގައި ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން ލަނޑެއް ޖަހައި، އެގްރިގޭޓް 1-1އިން އެއްވަރުކޮށްފައި ވަނިކޮށް، ވިލަރެއާލުން ވަނީ ފަހު ވަގުތު ލަނޑެއް ޖަަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް، އެގްރިގޭޓުން ކުރި ހޯދައި ބަޔާން ކަޓުވާލާފައެވެ.

ސިޓީއާއި ރެއާލް ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގު އޮތީ މި މަހުގެ 27ގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގެއެވެ. އަދި ދެ ވަނަ ލެގު އޮތީ ރެއާލްގެ ސެންތިއާގޯ ބާނަބައުގައި އަަންނަ މަހުގެ ފަހެއްގައެވެ.

ލިވަޕޫލާއި ވިލަރެއާލް ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގު އޮތީ މި މި މަހުގެ 28ގައި އެންފީލްޑްގައެވެ. އަދި ދެވަނަ ލެގު އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ވިލަރެއާލްގެ ދަނޑުގައެވެ.

comment ކޮމެންޓް