އެސްޓީއޯ ސަން ބަދިގެ: ރިހާކުރު ފޮޅި

"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 12 ވަނަ ދުވަހު މި ގެނެސްދެނީ ރިހާކުރު ފޮޅި ތައްޔާރުކުރާނެ ގޮތެވެ. ރިހާކުރު ފޮޅިއަކީ ރޯދަ ވީއްލާގަޑީގައި ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ހިމަނާ ބާވަތެކެވެ.


ބޭނުންވާނެ ތަކެތި:

  • 4 ބިސް
  • 1 ފިޔާ
  • ބައި ޖޯޑު ފުށް
  • ބައި ޖޯޑު ހުނި
  • 5 ހިކަނދިފަތް
  • ބައި ސަމުސާ އަސޭމިރުސް
  • ބައި ދަޅު މަސް
  • ބައި ޖޯޑު ހަނޑޫ (ފެނުލާފައި މުގުރާފައި)
  • ލުނބޯ ފަޅިއެއް
  • އިނގުރުކޮޅެއް
  • 2 ލޮނުމެދު
  • ގިތެޔޮ މިރުހެއް
  • ރިހާކުރު (ޖޯޑެއްގެ ހަތަރުބައި ކުޅަ އެއްބައި)
  • ބައި ސަމުސާ ރީނދޫ
  • ބައި ސަމުސާ ދިރި
  • ރަހަލާވަރަށް އަޖިނަމަޓޯ
  • ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް:

މި ޑިޝް ތައްޔާރު ކުރަން ގިނަ ބާވަތްތަކެއް ބޭނުންވިޔަސް، މިއީ ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ ޑިޝްއެކެވެ.

އެގޮތުން އެންމެ ފުރަތަމަ ފިޔާ، މިރުސް، ހިކަނދިފަތް، އަސޭމިރުސް އަޖިނަމަޓޯ، ލޮނު، ރީނދޫ އަދި އިނގުރު އަޅައި މޮޑެލާނީއެވެ.

އެއަށްފަހު ހުތް ޖަހައި، ހުންޏާއި ރިހާކުރު އަޅައި، ރަހަ ނުކުންނަ ވަރަށް މޮޑެލާނީއެވެ.

މިހިސާބުން މަސްދަޅު އަޅަންވާނެއެވެ. އަދި މަސްދަޅު އަޅައި އެއްކޮށްލާފައި ފުށާއި ހަނޑޫ އަޅާނީއެވެ. އެތަކެތި އެއް ކުރުމަށްފަހު ދެން އަޅާނީ ބިހެވެ. ބިސް އަޅައި އެއްވުމުން މުރަނގަ ފަތްކޮޅު އަޅައި އެއްކޮށްލާނީއެވެ.

މިވަރުން މަސްގަނޑު ހިކިނަމަ އިތުރު ބިހެއް ނުވަތަ ފެންފޮދެއް އެޅިދާނެއެވެ.

މަސްގަނޑު ތައްޔާރުވުމުން، ތަވައެއްގައި ތެޔޮ އުނގުޅާފައި، މަޑު ގިނީގައި ފޮޅި ފިހެ ނިމުމުން ހުންނާނީ ރިހާކުރު ފޮޅި ތައްޔާރުކޮށް ނިމިފައެވެ.

މި ޑިޝް ތައްޔާރު ކުރާއިރު، މަސްދަޅުގެ ބަދަލުގައި ބައެއް މީހުން ހިކިމަސް އަޅައެވެ. އަނެއްބައި މީހުން މަސް ނާޅާވެސް ހަދައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިޝަތު އާދަމް

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް