ބެންޒީމާގެ ގޯލުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލައި ރެއާލް ސެމީއަށް

މިރޭ ރެއާލް ކުޅުނު މެޗުގެ ތެރެއިން ލަނޑު ޖެހުމަށްފަހު ބެންޒީމާ އުފާ ފާލުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ ކަރީމް ބެންޒީމާ ކާމިޔާބުކޮށްދިން ލަނޑާއެކު. މުބާރަތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ކަޓުވާލައި ރެއާލް މެޑްރިޑުން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލްގެ ސެންތިއޯގޯ ބާނަބައުގައި މިރޭ ކުޅުނު މި މެޗު ނިމުނީ 3-2 އިން ޗެލްސީ މޮޅުވެގެންނެވެ. ނަމަވެސް ރެއާލް ކުރި ހޯދާފައިވަނީ އެގްރިގޭޓް ނަތީޖާއިންނެވެ. އެއީ 5-4 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު އޮތީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައެވެ. ކަރީމް ބެންޒީމާގެ މޮޅު ކުޅުމާއެކު އެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ރެއާލުންނެވެ.

ރެއާލަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ މާދަމާ ރޭ މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން ކުރި ހޯދާ ޓީމަކާއެވެ.

މިރޭގެ ފަށައިގެން ޗެލްސީން ވަނީ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ރެއާލުން ވަނީ މެޗުގެ ތެރެއަށް ވަދެ، ޗެލްސީގެ ޑިފެންސަށް ބާރު ބޮޑޮކޮށް، ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ބެންޒީމާ އާއި ވިނީޝިއަސް ޖޫނިއާ ހުއްޓުވުމަށް ޗެލްސީގެ ޑިފެންޑަރުން ކުރަން ޖެހުނު މަސަައްްކަތް ބޮޑެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި ވިނީޝިއަސް އަށް ކުރި ފައުލަކާ ގުޅިގެން މެޑްރިޑަށް ވަނީ ޗެލްސީގެ އޭރިޔާ ބޭރުން ނުރައްކާތެރި ހިސާބަކުން ހިލޭޖެހުމެއް ލިބިފައެވެ. ބެންޒީމާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން، ޗެލްސީއަށް ލިބުނު ކޯނަރެއްގައި ލިބުނު ބޯޅައަކުން ރޫޑިގާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އޭރިޔާ ތެރެއިން ލިބުނު ބޯޅައެއްގައި، ބޯޅަ ގޯލަށް ފޮނުވާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ މޭސަން މައުންޓެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޓިމޯ ވާނާގެ އެހީތެރިކަމާއެކުއެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ރޫޑިގާއެވެ. އޭނާ މި ލަނޑު ޖެހީ މައުންޓް ދިން ބޯޅައެއްގައެވެ.

އޭގެ ފަހުން ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި އެގްރިގޭޓުން ވެސް ކުރި ހޯދާފައެވެ. މާކުސް އެލޮންސޯ އެ ލަނޑު ޖެހި ނަަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ގޯލު ބަލައި ނުގަތުމަށެވެ.

އޭގެ ފަހުން ވެސް ރެއާލުން ވަނީ މެޗުގެ ތެރެއަށްވަދެ، ލަނޑު ޖަހާނެ ތަނަަވަސް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ރެއާލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވެފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ.

މެޗުގެ 80 ވަަނަ މިނެޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށް، ރެއާލަށް އުންމީދު ހޯދައިދީފައެވެ. މި ލަނޑު އޭނާ ޖެހީ މެޗުގައިި މޮޅު ކުޅުމެއް ދެއްކި ލޫކާ މޮޑްރިޗް ދިން ބޯޅައަކުންނެވެ.

ލަނޑާއެކު ލިބުނު އުންމީދާއެކު ކުޅެ، ރެއާލުން ވަނީ އިތުރު ހަަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވީއިރު، އެގްރިގޭޓް ނަތީޖާ ހަމަހަމަވުމުން ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފު ރެއާލުން ފެށީ ވެސް ވަރުގަދަ ކޮށެވެ. މެޗުގެ 96 ވަނަ މިނެޓުގައި ރެއާލް މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ވިނީޝިއަސް ދިން ބޯޅައަކުން އިތުބާރު ފޯވާޑް ބެންޒީމާއެވެ. މި ހާފުގައި ޗެލްސީން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މެޗުން މޮޅުވެ ރެއާލުން ސެމީއަށް ދަތުރުކޮށްފައިވަނީ ފަހަތުން އަރައި އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް