އެމްޑީޕީ މެންބަރުން ގަބޫލުނުވާ މައްސަލަތައް ބޭރުކޮށްލަނީ ރައްޔިތުންނަށް ބެލުމެއްނެތި: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުން ހިތްހަމަނުޖެހޭނަމަ ރައްޔިތުންގެ މަޖިލީހުން މައްސަލަތައް ބޭރުކޮށްލަނީ ރައްޔިތުންނަށް ބެލުމެއް ނެތިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިހެން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ދަތިތަކާ ބެހޭ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.

"އިއްޔެ މިތަނަށް ހުށަހެޅުނީ މަސްވެރިކަމާ ގުޅުންހުރި މައްސަލައެއް. ބޭރުކޮށްލީ. މިއަދު މި ހުށަހެޅުނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލައެއް. ބޭރުކޮށްލީ. އެމްޑީޕީގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ގަބޫލުނުވާ މައްސަލައެއްނަމަ ބޭރުކޮށްލަނީ. ރައްޔިތުންނާ ގުޅުންހުރިތޯ ނެތްތޯވެސް ބެލުމެއް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގައިވެސް ފިރިހެނުންގެ ދައުރަށް ވުރެ އަންހެނުންގެ ދައުރު ކުޑަނުވާނެކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުން ލިބޭ ނަފާ އަދި ގެއްލުމަކީ ދޯނިން މަހަށްދާ ފަޅުވެރިޔާ ނުވަތަ ކެޔޮޅު މީހާއަށް އެކަނި ލިބޭ އެއްޗެއް ނޫންކަމަށެވެ. އަދި މަސްވެރިކަމުން އެ ލިބޭ އާމްދަނީ ދަށްވެއްޖެނަމަ އެތަކެއް އާއިލާއެއް ބިނާކުރުމަށްވެސް ބުރޫއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ކޫއްޑޫގައި އެ ތިބީ ދެކުނުގެ މަސްވެރިންނަށް މަސް ނުކިރިފައި. މި މައްސަލަ ހައްލު ކުރާ ވާހަކަ މި ތަނުގައި ތެދުވެ ދައްކަންވީ. އެކަމާ ގުޅުން ހުރި މައްސަލައެއް މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު ހުށަހެޅުއްވީމަ ސައްޕެއް ޖަހާ ބޭރު ކުރާނީކީ ނޫން، ރައްޔިތުންނަށް ހެޔޮ އެދިގެން މިތަނުގައި މަސައްކަތް ކުރާ ނަމަ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިޝާރާތް ކުރެއްވީ، މިފްކޯއިން މަސް ކިރުން ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން އިއްޔެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށެވެ. އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ 41 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ ނުވަ މެންބަރުންނެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައްސަލަތަކަށް ވޯޓު ދޭނެ ގޮތް އެމްޑީޕީން މާކުރިން ނިންމާފައި އޮންނަ ކަމަށެވެ.

"ހެނދުނު އިރު އަރާއިރު، އެ މައްސަލައަކާ ދޭތެރޭގައި ގޮތް ނިންމާފައި އޮންނަނީ. ދެން ރައްޔިތުންގެ ވާހަކަ މިތަނުގެ އެމްޑީޕީގެ އިއްޒަތްތެރި މެމްބަރުން ނުދެއްކެވިއްޔާ މާ ރަނގަޅު ވާނެ،" ޝިޔާމް ވިދާޅުވިއެވެ.

މަޖިލީހުގެ 65 ގޮނޑި ތަމްސީލުކުރަނީ އެމްޑީޕީގެ މެންބަރުންނެވެ.

comment ކޮމެންޓް