ކުޑަ ހުސައިން: ބުލީކޮށް ބާކީކޮށްލުމުން ވެސް، ކުޅިވަރާއި ކިޔެވުމުން ޗެމްޕިއަނަކަށް!

ދިރިއުޅުމުގައި ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން)އަށް ކުރިމަތިވިހާ ގިނަ ދަތިތަކާއި އުނދަގޫތައް ކުރިމަތިވިނަމަ، ކޮންމެ މީހެއްގެ ވެސް ހިތްވަރު އެލުނީހެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ހުސައިންއަށް ކުރިމަތިލާން ޖެހުނީ ދައްޗާއި ތުރާލާއެވެ. މިއަދު އެތައް ބައެއްގެ ލޯބި އޭނާއަށް ލިބިފައި ވިޔަސް، ބާކީވެ އެކަނިވެފައި ވެސް އޭނާ ހުންނަން ޖެހުނެވެ.

މަލާމާތާއި ހަނގާކުރުމުގެ ޝިކާރައަކަށްވިއެވެ. އެއްވެސް ކަމެއް ނުވާ މީހެއްގެ ގޮތުގައި ސިފަކޮށް އެއްޗެހި ކިޔައި ހެދިއެވެ. އެކަމަކު، ހުސައިން ހިތްވަރު އެލުވައެއް ނުލައެވެ.

ވިހޭއިރު އޮތީ ވަރަށް ބަލިކޮށް!

ހުސައިން ވާހަކަ ފެށީ އެންމެ ކުރީގެ ވާހަކަތަކުންނެވެ. އޭނާގެ ހަނދާނުގައި ވެސް ނެތް ވާހަަކަތަކެކެވެ. މަންމަ އޭނާއަށް ކިޔައިދީފައިވާ ވާހަކަތަކެވެ.

ހުސައިން ވިހޭއިރު އޭނާ އޮތީ ވަރަށް ބަލިކޮށްނެވެ. ދުނިޔޭގައި މާ ގިނަ ދުވަހު ހުންނާނެކަމުގެ އުންމީދެއް ވެސް ނެތެވެ.

"ހަނދާންހުރޭ ކުޑައިރުގައި އުމުރުން ހަތަރު، ފަސް އަހަރުގައި ސުކޫލު މެދުކެނޑުނު، ގައިގައި ކަސް ނަގައިގެން. ނިދަން އޮންނަން ޖެހެނީ ހަތަރެސްފައި ޖަހައިގެން،" ހުސައިންް ކިޔައިދިނެވެ.

މަންމައާއި ބައްޕަގެ ވަކިވުން!

ހުސައިން ކިރިޔާ ހަނދާން ހުންނައިރު އޭނާގެ މަންމައާއި ބައްޕަ ވަރިވިއެވެ. އޭރަކު ވަރީގެ މާނައެއް ވެސް އޭނާއަކަށް ނޭނގެއެވެ.

"މާމަ ގޭގައި ހުއްޓާ އެއް ދުވަހަކު މާމަ ރޯން ފަށައިފައި ބުނަނީ، ކަލޭގެ މަންމައާއި ބައްޕަ ވަރިވެއްޖޭ. ދެން މާމަ ރޯތީ އަހަރެމެން ވެސް ރޮނީ. އެކަމަކު ވަރީގެ މާނައެއް ނޭނގޭ،" ހުސައިން ކިޔައިދިނެވެ.

އެއީ އޭނާގެ ދިރިއުޅުމުގައި އައި ފުރަތަަމަ ތޫފާނޭ ބުނެވިދާނެއެވެ. އެއީ ހިިތި ތަޖުރިބާއެކެވެ. ހިތާމަވެރި ދުވަހެކެވެ.

ކުޑަ ހުސައިން އޭނާގެ މަންމައާއެކު --

ހުސައިންގެ މަންމައާއި ބައްޕައަށް ފަސް ކުދިން ލިބުނެވެ. މަންމައާއި ބައްޕަ ވަކިވުމުން ދޮށްޓަށް ތިބިދެ ކުދިން ދިޔައީ ބައްޕައާއެކުގައެވެ. ހުސައިންއަކީ ތިންވަނައަށް ހުރި ކުއްޖާއަށް ވުމުން އޭނާ ދާން ޖެހުނީ މަންމައާއެކުގައެވެ.

"ބައްޕަ އުޅެނީ މާފަންނުގައި، މަންމަ އުޅެނީ ހެންވޭރުގައި. ދެން އޭރު ވަރަށް ފަގީރު،" ހުސައިން ކިޔައިދިނެވެ.

ސުކޫލު ދައުރު؛ ގަނާކުރުމާއި މަލާމާތް!

ބާކީވެ އެކަނިވެފައި ހުންނަން ޖެހުމަކީ ހުސައިންއަށް ކުރިމަތިވި ކަމެކެވެ. އޭގެ އިތުރުން، ސުކޫލުގައި އުޅުނު ބައެއް ސިޔާސަ ކުދިންގެ ޖެއްސުމާއި އުނދަގޫ ވެސް އޭނާއަށް ކުރިމަތިވިއެވެ.

ސުކޫލުގައި އޭނާ އުޅުނުއިިރު، އެއް ދުވަހަކު ހަަތަރު ކުއްޖަކު ވެގެން އޭނާގެ ސޯޓު ބާލުވައިލިއެވެ. އެއަަށްފަހު ހަތަރެސްފައިގައި ހިފައިގެން ގެންދިޔައެވެ.

"މަ ހަޅޭއްލަވައި ރުޔަކަސް ޓީޗަރަކު ވެސް އަޅައެއް ނުލައި. އެކަހަލައިގެ ނެގެޓިވް ކަންތައްތަކެއް ދިމާވެފައި ހުރީ،" ހުސައިން މާޒީގެ ހަނދާންތައް އައުކުރިއެވެ.

ސުކޫލުގައި އޮންނަ މުބާރާތްތަކުގައި ބައިވެރިވުމުގެ ވެސް މާ ބޮޑު ފުރުސަތެއް އޭނާއަކަށް އޭރު ނުލިބުނެވެ. އޭރު އޮންނަނީ ފަގީރު ކުއްޖާ ބާކީކޮށްލުމުގެ ފަލްސަފާއެވެ.

"ހެންވޭރުން ވެސް މި ގުޅުނީ ތަންކޮޅެއް ނުކިޔަވާ ގުރޫޕުގަނޑަކާ. ދެން އެހެންވެގެނެއް ނޫން. މަގޭ ވިޔާނުދާކަމުން ކަންނޭނގެ. އޭރަކު ކިޔަވާކަށް ނޫޅެން. ސުކޫލަށް ގޮސް ފެއިލްވާން ފަށައިފި،" ހުސައިން ކިޔައިދިނެވެ.

ކުޑަ ހުސައިންގެ ސުކޫލު ދައުރުގެ ފޮޓޯއެއް --

މަޖީދިއްޔާގައި އޭނާ ހަނދާންވާ ގޮތުން އޭނާ ގްރޭޑް ހަތަރަކާހަމައަށް ވަރަށް ރަނގަޅަށް ކިޔެވިއެވެ. އެއަށްފަހު ދަށްވަމުން ދަށްވަމުން ގޮސް، ގުރޭޑް ހަތެއްގެ ހަނދާންތައް އައުކުރަމުން ހުސައިން ބުނީ ޖޭއެސްސީގައި އޭނާ ފެއިލްވީ ކަމަށެވެ.

"ދެން ރިޕީޓް ކުރީ. ރިޕީޓް ކުރިޔަކަސް ސުކޫލަކަށް ނުދޭ. ދަނޑުމަތީގައި ބޯޅަ ކުޅެން އުޅެފައި ބައެއް ފަހަރަށް ޓެސްޓަށް ދެވޭނެ ފަށާތާ ބައިގަޑިއިރު ފަހުން. ދެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވައްދާނެ،" ހުސައިން ކިޔައިދިނެވެ.

ސުކޫލުން ކަނޑާލުން؛ ހިތާމަވެރި ދުވަހެއް!

މިއަދު ހުސައިން ޕީއެޗްޑީ ހާސިލުކޮށްގެން ހުއްޓެއްކަމަކު، އޭނާއަކީ ސުކޫލުން ފާސްނުވެގެން ކަނޑާލި ދަރިވަރެކެވެ.

ގުރޭޑް ހަތެއްގައި ފާސްނުވުމުން، ހުސައިންގެ މަންމަ ސުކޫލަށް ހާޒިރުކުރިއެވެ. އޭރު، ޕޭޕަރު ޑަބަލް ޗެކުކޮށްގެން ރިޕީޓްނުވެ ސަލާމަތްވެވެން އޮވެއެވެ.

އެހެން ނަމަވެސް، ހުސައިންއަކަށް އެ ނަސީބެއް ވެސް ނުލިބުނެވެ. އެ ނަސީބު ވެސް ލިބުނީ މުއްސަނދިންގެ ދަރިންނަށެވެ. ނަސީބަކީ އޭރު ކަތީބަކު ދޭ އެއްޗެއްތާއެވެ.

"މަންމަ ވަރަށް ރޮއެފައި ބުނީ އެކަމަކު ވެސް މީނަ ބަހައްޓާށޭ. ދެން ވަރަށް ދެރަވި އެ ދުވަހު. ޕްރިންސިޕަލް ބުނި، ތިހާ ގަމާރު ކުއްޖަކަށް ދެން ނުއެއް ކިޔެވޭނެއޭ. އޭނަ ލައްވާ ކޮންމެވެސް އާދައިގެ ކަމެއް ކުރުވާށޭ،" ހުސައިން ކިޔައިދިނެވެ.

ޕްރިންސިޕަލް އެހެން ބުނުމުން ހުސައިންގެ މަންމަ ރޯތަން އޭނާއަށް ފެނުނެވެ. އެ ވަގުތު އައި ރުޅިއާއެކު، އޭނާގެ ހިތުގައި އުފެދެމުން، އުފަންވަމުން ދިޔައީ ވަރުގަދަ އަޒުމެކެވެ.

މަޖީދިއްޔާއިން ކަނޑާލުމުން ހުސައިން ވަނީ އީޕީއެސްއަށެވެ.

"އެތަނަށް ދިޔައިރު މަޖީދިއްޔާއިން، އަމީނިއްޔާއިން ކަނޑާލި ކުދިންތައް ވަރަށް ގިނަ. ތަންކޮޅެއް ފަސޭހަ އެތާ. ކޮޕީކުރުން ވެސް އޮވޭ. މަ ވެސް ވަރަށް ކުރަން. އެހެންވެ އޭރު އުޅޭ ޓޮޕް ފަހަކަށް ކްލާހުގައި،" ހުސައިން ކިޔައިދިނެވެ.

އެ ގޮތުގައި އުޅެމުން އޭނާ ޖީސީއީ އޯލެވެލް ވެސް ނިންމިއެވެ. އެހެން ނަމަވެސް ނަތީޖާއަކީ ޔޫ ސެޓެކެވެ.

ކުޅިވަރުތަކުގައި ވެސް ކޮށްލީ ބާކީ!

މަޖީދިއްޔާގައި އުޅުނުއިރުގެ ހަނދާންތަކުން ހުސައިން އައުކުރީ އޭނާ ކުޅިވަރުތަކުން ބާކީކުރާ ހަނދާނެވެ. އޭރު އޭނާގެ ކްލާހުގައި ވަރަށް މޮޅަށް ކުޅިވަރު ކުޅޭ ކުދިން އުޅެއެވެ.

އިންޓަ ހައުސް މުބާރާތްތަކަށް ހޮވޭތޯ ވެސް އޭނާ ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު ވަނީ ނާކާމިޔާބެވެ.

"އެއްފަހަރެއްގައި އެތްލެޓިކްސް މުބާރާތަށް ހޮވޭތޯ ބެލިން. ދެން ލޯންގް ޖަމްޕުގައި މަ ދިޔައީ ތިންވަނައަށް. އެހެންވީމަ ވަރަށް އުފާވެއްޖެ. މި އޮތީ އިންޓަ ހައުސްއަށް ހޮވިފައި. ދުވަހަކު ވެސް ކުޅިވަރަކަށް ނުހޮވޭ،" ހުސައިން ކިޔައިދިނެވެ.

ކުޑަ ހުސައިންއަށް ކުޑައިރު ކުރިމަތިވީ ދައްޗާއި ތުރާ --

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. އެ އުފާވެރިކަން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެއެވެ. ޖެހިގެން އައި ދުވަހު ހައުސް ޓީޗަރު ބުނީ، ހުސައިން އިސްކޮޅުން ކުރުވުމުން އެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އަނެއްކާ ވެސް ބާކީވީއެވެ.

"އެގޮތަށް ނެގެޓިވް ކަންކަން ވަމުންދިޔައިރު ހިތުގައި ވަރަށް ނުގުޑާފަދަ އަޒުމެއް ބިލްޑުވީ. މަގޭ ފެންވަރު ދައްކާލާނަމޭ،" ހުސައިން ކިޔައިދިނެވެ.

ޖަޕާނު ކޯޗަކާއެކު ފަރިތަކުރުންތަކަށް!

ތަނެއްގައި ކުޅިވަރު މުބާރާތެއް އޮންނަނަމަ ހުސައިން ބައިވެރިވާން ބޭނުންވެއެވެ. ނުހޮވުނަސް، ކާމިޔާބު ނުވިޔަސް އޭނާ ދުލެއް ނުދެއެވެ. އެކަމުގެ ސަބަބުން ރައްޓެހިންގެ މަލާމާތާއި ފުރައްސާރައާ އޭނާއަށް ކުރިމަތިލާން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ.

މަޖީދިއްޔާއިން އޭނާ ކަނޑާލި ދުވަސްވަރު އަލްމަރުހޫމް މުހައްމަދު ޒާޙިރު ނަސީރު އިއުލާނެއް ކުރެއްވިއެވެ. އެއީ 1988ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ދާނެ ޓީމެއް ނަގަން ކުރި އިއުލާނެކެވެ.

"ދިވެހިރާއްޖޭގެ އަޑު ކުރިމައްޗަށް ދާން ހަތަރެއް ޖަހާއިރަށް. އޯގަސްޓު ދިހައެއް ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރު،" ހުސައިން ކިޔައިދިނެވެ.

"ގޭދޮށުގައި އުޅުނު ރައްޓެއްސަކު ބުނީ ކަލޭ ވާނެ ނޫންހޭ އެތަނަށް ވެސް ދާން. މަ ބުނީ ދާނަމޭ. ކިޔާފަ ފުޓުބޯޅަ ބޫޓަށޭ ދާނީ،" ހުސައިން ކިޔައިދިނެވެ.

އިއުލާނުގައި ބުނާ ދުވަސް އަތުވެގެން ހުސައިން ވެސް އެތަނަށް ގޮސްފިއެވެ. އެއީ މިހާރުގެ ލޮނުޒިޔާރާތްޕާކު ސަރަހައްދެވެ. ހުރީ ޖަޕާނު ކޯޗެކެވެ. ލޯންގް، މިޑްލް އަދި ޝޯޓް ޑިސްޓެންސް ރަނަރސް ވަކިވާން ބުނުމުން ހުސައިން ދިޔައީ ލޯންގް ޑިސްޓެންސްއަށެވެ. އެތަނުގައި ހުރި ރައްޓެއްސަކު އެ ދިމާލަށް ދިއުމުންނެވެ.

ކޯޗު އިރުޝާދު ދިނީ ފަސް ބުރު ޖަހާށެވެ. ކޮންމެ ބުރެއްގައި 540 މީޓަރެވެ. ހުސައިން ހިތަށް އެރިއެވެ. ހުރި ބާރުމިނުގައި ނައްޓާލާނީއެވެ.

އެކަމަކު 100 މީޓަރަށް ވެސް ނުދުވެވެނިސް އޭނާގެ މޫނުން ތަރި ބުރައިފިއެވެ. ޖެހުނީ ހުއްޓާލާށެވެ. ހުސައިން ފިލައިގެން ގެއަށް ދާން އުޅެނިކޮށް މަޑުކުރީ ޒާހިރު ނަސީރު ވިދާޅުވެގެންނެވެ.

ކުޑަ ހުސައިން މަރުހޫމް ޒާހިރު ނަސީރާއެކު --

"ޒާހިރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ގަޑި ނުޖެހި އަންނާށޭ. ދެވަނަ ކަމަކަށް މި ޖަޕާނު ކޯޗު ބުނާ ޓްރެއިނިންއެއް ބުނާ ގޮތަކަށް ހަދައިފިއްޔާ މޮޅުވާނޭ. ދެން މަ ހިތަށް އެރީ ވަރަށް ފަސޭހަ ކަމެކޭ،" ހުސައިން ކިޔައިދިނެވެ.

"ލައިފްގައި މިހުރީ ހުރިހާ ކޮޅަކުން ފެއިލްވެފައި. ސުކޫލުން ކަނޑާލައިފައި، އާއިލާ މައިންބަފައިން ވަކިވެފައި، ގޭދޮށު ކުދިން ޖޯކުޖަހާނެ ދޯ ދެން. ކުޅިވަރުން ވެސް މޮޅެއް ނޫން. ޖޯކުޖަހާނެ އެކަމާ ވެސް،"

މި ހުރިހާ ކަމެއް އޭނާއަށް އެ ވަގުތު ހަނދާންވިއެވެ. އެހެންކަމުން، ޒާހިރު ވިދާޅުވި ވާހަކަތައް އޭނާއަށް ސިފަކުރެވުނީ އޭނާއާ މުހާތަބުކޮށް ދެއްކެވި ވާހަކަތަކަކަށެވެ.

އެ ދުވަހުގެ ފަހުން ކޮންމެ ދުވަހަކު ވެސް އޭނާ ގަވާއިދުން ފަރިތަކުރުންތަކަށް ދެއެވެ. އެންމެ ދުވަހެއް ވެސް ކަޓުވައިނުލާ ހަތަރު މަސް ވަންދެން އޭނާ ފަރިތަކުރުންތަކަށް ދިޔައެވެ.

ހުސައިންއަށްވުރެ މާ ހުނަރުވެރި ކުދިން އެތަނުގައި އުޅުނެވެ. އެކަމަކު، ހުސައިން އަންނަހެން ގަޑިއަކަށް އެ ކުދިން ނާދެއެވެ.

"މަ ހުންނަނީ ވާރޭ ނުވެހިގެން، ވެހިއްޖިއްޔާ ދަނީ. އެއީ މަށަށް އެނގޭ އެ ދުވަހު އެހެން މީހުން ކަޓުވައިލާނެކަން،" ހުސައިން ހިނިތުންވަމުން ބުނެލިއެވެ.

ހުސައިންގެ ފުރަތަމަ މެރެތަން!

ހަތަރު މަސް ދުވަހު ފަރިތަކުރުމަށްފަހު އޮތީ މެރެތަންއެވެ. އެއީ 1987ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހެވެ.

އެ ދުވަހު މެރެތަންއަށް ތައްޔާރުވާންވެގެން އޭނާ ބުއީ ބަތްޕެނެވެ. ބޫޓެއް ނެތުމުން ދުވީ، ރައްޓެއްސެއްގެ ބޫޓަކަށް އަރައިގެންނެވެ.

"ލޮޓޯ ބޫޓެއް ހުދުކުލައިގެ، އެއް ސެންޓިމީޓަރުވަރު ބޮޑު،" އޭނާ ކިޔައިދިނެވެ.

އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. ބައެއް ފަހަރަށް ތަނބިކައްޓާހަމައަށް ފެން ހުރެއެވެ. ބޫޓު އެއްކޮށް އޮތީ ތެމިފައެވެ.

ކުޑަ ހުސައިން މާލޭ މެރެތަންގައި --

އޭނާ ދުއްވައިގަތީ އޭރު ލެގޫންސް ޓީމަށް ކުޅޭ ޖޯންގެ ފަހަތުންނެވެ. މެރެތަންގައި އަށްބުރު ޖަހަން ޖެހޭއިރު، ފަސްވަރަކަށް ބުރު ޖެހިތަނާ އޭނާ ވެސް ހުއްޓައިލައިފިއެވެ.

"ދެން މަ އޮތީ އޭރު އެއްވަނައިގައި. ދެން މަ ދުވަމުން ދުވަމުން ގޮސް ފަހުބުރު ވަރުބަލިވެގެން ވިއްސަކަށް މިނެޓު ހިނގިން. މަ ނިންމީ ތިންގަޑި ސައްބީހުން. ދެވަނަ ކުއްޖާ ތިންގަޑި ފަންސާހުން،" ހުސައިން ކިޔައިދިނެވެ.

އެއްވަނައަށް ލިބުމުން އޭނާއަށް ލިބުނީ އެއްހާސް ރުފިޔާއެވެ. އެކަމަކު އަށާރަ އަހަރު ނުވާތީ، އޭނާއަށް ބޭންކް އޮފް އިންޑިއާއިން ޒާހިރު ހުޅުވައިދެއްވީ އެކައުންޓެކެވެ.

އެއީ އޭނާގެ ކުޅިވަރުގެ ފުރަތަމަ ކާމިޔާބީއެވެ. އެ ކާމިޔާބީއާއެކު އޭނާގެ ފޮޓޯ ނޫހަށް އެރިއެވެ. އަދިވެސް އެ ނޫސް ކަރުދާސް އޭނާގެ އަތުގައި އެބައޮތެވެ.

ނޫހުގައި ޖެހި ހުސައިންގެ ފޮޓޯ --

"ހިފައިގެން ގޮސް ގޭ ދޮށު މީހުންނަށް ދައްކާ. އެއީ އަސްލު ލައިފް ޗޭންޖުވި. ދެން އޭރު ދުވުން ލައިފްއަކީ،" ހުސައިން ކިޔައިިދިނެވެ.

ފުރަތަމަ ވަޒީފާ ޓްރޭޑް މިނިސްޓްރީގައި!

އެ ހިސާބުން ހުސައިންގެ މުޅި ދިރިއުޅުމަކީ ދުވުމެވެ. އޭނާ ނިދަނީ ވެސް ބޫޓަށް އަރައިގެންނެވެ. ދުވާކަށް ވަގުތެއް ވަގުތެއް ވެސް ނޯވެއެވެ.

މުޅި ކޮޓަރީގައި ހިއްޕައިފައި ހުންނަނީ ބޭރުގެ ދުވާ މީހުންގެ ފޮޓޯތަކެވެ. އެފަދަ ގިނަ މީހުން ބޯ ބާލައިފައި ހުންނާތީ ބޯ ވެސް ބޭލީއެވެ.

އޭރު ހުސައިން ވަޒީފާ އަދާކުރީ ޓްރޭޑް މިނިސްޓްރީގައެވެ. ރާއްޖޭގެ ވަރަށް މަތީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުން އޭރު އެ މިނިސްޓްރީގައި އުޅުނެވެ.

"ރައީސް ޔާމީން އެއީ އެސިސްޓެންޓް ޑިރެކްޓަރެއް. މާރިޔާ އަހްމަދު ދީދި އެއީ ލޯޔަރު. މަސްއޮޑި ނަސީމް އެއީ ޑިރެކްޓަރެއް. އިލްޔާސް އެެއީ މިނިސްޓަރު. މާރިޔާ ވެސް ވަރަށް ކުޅިވަރު ކުޅޭނެ. އެހެންވީމަ އޮފީހުގައި މަށަކީ ވަރަށް ގަދަ މީހެއް،" ހުސައިން ކިޔައިދިނެވެ.

އޭރު އޮފީހުގައި އުޅުނު އެންމެން ވެސް އޭނާއަށް ވަރަށް ހިތްވަރު ދެއެވެ. ދުވުމައިގެން ކުރިއަށް ދިޔުމުގައި ސަޕޯޓިވްއެވެ. ދުވަން ދާން ވެއްޖެ ނަމަ އޮފީހުން ފޮނުވައެވެ. އެ ފަހެލިކަން އޮވެއެވެ.

އޮފީހުގައި މާ ބޮޑު މަސައްކަތެއް ވެސް އޭނާ ނުކުރެއެވެ. މާ ރަނގަޅަށް ތައުލީމު އުނގެނެވިފައި ނެތުމުންނެވެ. އޮފީހުގައި ސިޓީއެއް ލިޔަން ބުނުމުން ވެސް އޭނާ ލިޔުއްވަނީ އެތާ އުޅޭ އެހެން ކުދިން ލައްވައެވެ.

"ދެން އެކަން ޔާމީންއަށް އެނގިވަޑައިގެންފި. ވިދާޅުވީ ހުސައިންއޭ ލިޔެކިޔުން ރަނގަޅުކުރަން ޖެހޭނެ ނޫންހޭ މި ކަހަލަ ތާކު އުޅެންޏާ. ކޮންމެ ހަފްތާއަކު އެސޭއެއް ލިޔާށޭ އިނގިރޭސިން،" މިނިސްޓްރީގެ ދުވަސްތަކުގެ ހަނދާންތައް އައުކުރަމުން ހުސައިން ކިޔައިދިނެވެ.

އެ ހިސާބުން ކޮންމެ ހަފްތާއަކު ވެސް ސިޓީއެއް ލިޔަނީއެވެ. ރައީސް ޔާމީނު އޭގެން ކުށް ފިލުއްވައިދެއްވައެވެ.

ގައުމު ތަމްސީލުކުރަން ރާއްޖޭން ބޭރަށް!

ޖަޕާނު ކޯޗު އައިސް 1988ވަނަ އަހަރު އޮންނަ އޮލިމްޕިކްސް ގޭމަށް ދާނެ ޓީމު ނެގި އިރު އެ ޓީމުގައި ފުރަތަމަ ހިމެނުނު މީހަކީ ހުސައިންއެވެެ. ސުކޫލުގައި އެންމެން ބާކީކޮށް ދަށްކޮށްލި ހުސައިންއެވެ.

އެކަމަކު އޭނާގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަކީ އެއީއެއް ނޫނެވެ. ފުރަތަމަ ރާއްޖޭން ބޭރަށް އޭނާ ދިޔައީ 1987ވަނަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި އޮތް އޭޝިއަން ޓްރެކް އެންޑް ފީލްޑަށެވެ.

"އޭގައި މަ ދުވަން އޮތީ 5000އާ 10،000އާ. އެއީ މަ ފުރަތަމަ ފަހަރަށް ސިންތެޓިކް ޓްރެކެއްގައި ދުވި ދުވަސް. ފުރަތަމަ ދުވީ 5000. ސަތާރަ މިނެޓު ތިރީސް ސިކުންތުން. އެއީ ގައުމީ ރިކޯޑެއް އޭރު،" ހުސައިން ކިޔައިދިނެވެ.

ކުޑަ ހުސައިންއަކީ ދުވުމުގެ ގިނަ ރިކޯޑުތަކެއް ހޯދި މީހެއް --

އޭގެ އަނެއް ދުވަހު އޭނާ އުޅުނީ ފައި މަސްގުޅަކަވައިގެންނެވެ. ފައެއް ނޭޅެއެވެ. އެކަމަކު ކޯޗު ހަމަހިލާ ދުލެއް ނުދިނެވެ. ކޯޗު ބޭނުންވީ އޭނާ ލައްވާ 10،000 ދުއްވާށެވެ.

އެ ދުވަހު އޭނާއަށް ނިންމުނީ 38 މިނެޓު 20 ސިކުންތުންނެވެ. އެއީ ވެސް ގައުމީ ރިކޯޑެކެވެ.

އޭރު ވެސް އޭނާ ހުންނަނީ ކުޑަކުޑަކޮށްނެވެ. ހިކިކޮށްނެވެ. އެހެން ގައުމުތަކުގެ އެތުލީޓުން ތިބެނީ ބިޔަކޮށްނެވެ. އެކަން ސިންގަޕޫރުގެ ނޫސްވެރިންނަށް ފާހަގަވިއެވެ.

"ސިންގަޕޫރު ނޫހެއްގައި ޖަހައިފައި އޮތް މޯލްޑިވިއަން މައިޓް ވާސެސް އޭޝިއަން ޖަޔަންޓްސް. މަ ދުވާ ވަރަށް ވުރެ އެ މީހުން ހަ މިނެޓު ވަރު ފާސްޓު،" ހުސައިން ކިޔައިިދިނެވެ.

އެއީ އޭނާގެ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާއެވެ. މަތިންދާބޯޓަކަށް އެރީ އަލަށެވެ. ރާއްޖޭން ބޭރަށް އަލަށެވެ. ރާއްޖޭން ބޭރުގެ މީޑިއާއަކަށް އިންޓަވިއު ދިނީ އަލަށެވެ. އެއީ ތަފާތު، ހިތްގައިމު ތަޖުރިބާއެކެވެ.

ސިންގަޕޫރުގެ ނޫހުގައި ހުސައިންގެ ވާހަކަ --

އޮލިމްޕިކްސް: ފުރަތަމަ ބޮޑު ޗެލެންޖު!

ހުސައިން ކުރިމަތިލި ފުރަތަމަ ބޮޑު ޗެލެންޖަކީ 1988ވަނަ އަހަރުގެ އޮލިމްޕިކްސްއެވެ. އޭރު އޮލިމްޕިކްސްއަކީ ކިހާވަރެއްގެ ބޮޑު މުބާރާތެއް ކަމެއް ވެސް ހުސައިންއަކަށް ނޭނގެއެވެ. އެ ފަހަރު މުބާރާތް އޮތީ ސައުތު ކޮރިއާގައެވެ.

އޮލިމްޕިކްސްއަށް ދާން ފުރުމުގެ ކުރިން 14 ދުވަހުގެ ކޭމްޕަކަށް ޖަޕާނަށް ދިޔައެވެ.

"ދިޔައީމަ ވީ ގޮތަކީ އޮލިމްޕިކްސްއަށް ދުވަން ޖެހޭ ވަރަށް ނުދުވެވުނީ ކޭމްްޕުގައި. ކޮންމެ ދުވަހަކު އޮންނަނީ ޖަޕާނުގެ ކޮލެޖެއް ނޫނީ ހައި ސުކޫލެއް ނޫނީ ކުލަބަކާ އެއްކޮށް ދުވަން. މަ މީ އޮލިމްޕިކްސްއަށް ދާ މީހާ. އެތާ ގިނަ މީހުން މަށަށްވުރެ ބާރަށް ދުވޭ،" ހުސައިން ކިޔައިދިނެވެ.

އެ ދެ ހަފްތާ ތެރޭގައި ކޮންމެ ދުވަހަކު، ގައިގައި ނެތް ހިތްވަރު ނެރެގެން ދުވުމުން އޭނާ ހުރީ ވަރަށް ބޮޑަށް "ބާން އައުޓް" ވެފައެވެ.

އޮލިމްޕިކްސްއަށް ދިޔައިރު ރާއްޖެ ޓީމުގެ ކެޕްޓަނަކަށް ހުރީ ހުސައިންއެވެ. އިސްކޮޅުން ކުރުވިޔަސް، އޭނާގެ ހިތްވަރުގެ ސަބަބުންނެވެ. އެތައް ހާސް މީހުން ކުރިމަތީގައި އޭނާ ދިވެހި ގައުމުގެ ދިދަ އެ ދުވަހު ވިހުރުވައިލިއެވެ. އެއީ ކެރިއަރުގައި އޭނާގެ އެންމެ އުފާވެރި ދުވަހެވެ.

އޮލިމްޕިކްސްއަށް ދިއުމުން ކޯޗު ހުސައިން ގާތު ބުނީ ދެ ގަޑިއިރާއި 35 މިނެޓުން މެރެތަން ނިންމަން ޖެހޭނެ ކަމަށެވެ. އޭރު އޭނާއަށް މެރެތަން ނިންމިފައި އޮތީ ދެ ގަޑިއިރާއި 57 މިނެޓުންނެވެ.

"އެ މާ ބޮޑު ޖަމްޕެއް. އެ ވަރު ނުވާނެކަން އެނގޭ އޭރު ނުކިޔަވާ ހުއްޓަސް. އެކަމަކު ކޯޗު ބުނީ އެ ވަރު ނުވެއްޖިއްޔާ ތަޅައޭ ގަންނާނީ. ދުވަހަކު ވެސް ދުވަން ނުގެންނާނަމޭ. ބުނެފަ ބިރު ދެއްކީ،" ހުސައިން ކިޔައިދިނެވެ.

އެހެންކަމުން ކޯޗު ބުނި ވަރަށް ދުވެވޭތޯ އޭނާ ދުއްވައިގަތީ ވަރަށް ބާރަށެވެ. ނަމަވެސް، 20 ކިލޯމީޓަރަށް ގޮސްފައި އޭނާއަށް ޖެހުނީ ހުއްޓޭށެވެ. މީހާ މުޅިން "ހުލިވެ" ދެން ޖެހުނީ ޖޮގިންކުރާށެވެ. ނޫނީ ހިނގާށެވެ.

ހިނގާފައި، ނުވަތަ ބަނޑުޖަހައިގެން ވެސް މީހުން ރޭސް ނިންމައިފައި ހުރި ކަމެއް އޭރަކު ހުސައިންއަކަށް ނޭނގެއެވެ. އެހެންކަމުން 34 ކިލޯމީޓަރަށް ދުވުމަށްފަހު އޭނާ ގިވްއަޕް ކުރިއެވެ.

"އެ ވަރަށް ދުވެފަ އެރީ ދެން ބަހަށް. ފަހަތުން އަންނާނެ ބަހެއް ނުނިންމާ މީހުން ނަގަން. އެރި އިރު ބަހުގައި ތިބި ފަންސަވީހަކަށް މީހުން، އެންމެން ވެސް ރޮވިފައި. ދެން ބަލާލިއިރު ދުނިޔޭގެ ޗެމްޕިއަނުން ތިބި،" ހުސައިން ކިޔައިދިނެވެ.

އެކަމަކު ހުސައިން ވަަރަށް މާޔޫސްވިއެވެ. ޓީމުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން އޮލިމްޕިކްސްއަށް ގޮސް، އޭނާއަށް ރޭސް ނުނިންމުމުންނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އެންމެ ހިތާމަވެރި ދުވަހެވެ. މިއަދު ވެސް އެ ހިތާމަ އޭނާގެ އެބަހުއްޓެވެ.

"އޭގެ ފަހުން އަޒުމު ކަނޑައެޅީ، ކުރާ ކަމެއް މަރު، ހޭނެތުން ނުވަތަ ބިޑިއެޅުމުން ނޫނީ ކުއިޓް ނުކުރާނަން ކަމަށް. މެރެތަންއެއް ދުވިޔަސް ހެވޭ ހިނގާފަ ވިޔަސް ކްރޯލް ކޮށްފައިވިޔަސް ގިވްއަޕެއް ނުކުރާނަމޭ،" ހުސައިން ބުނެލިއެވެ.

އެ ދަތުރަކީ އޭނާއަށް ހާއްސަ ދަތުރެކެވެ. އޭނާގެ ކެރިއަރުގެ އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް ވެސް ގުޅެނީ އެ ދަތުރާއެވެ.

ކިޔަވާހިތްވީ ބެލި ފިލްމެއްގެ ސަބަބުން

ދުވުމުގައި އޭރު ހުސައިންއަކީ ރާއްޖޭގެ އެއްވަނައެވެ. އޭނާގެ މައްޗަށް ކުރި ހޯދޭ މީހަކު އޭރު ރާއްޖެއަކު ނޫޅެއެވެ. އެހެން ނަމަވެސް، ބޭރު ގައުމުތަކަށް ދިއުމުން މާ ބޮޑު ކާމިޔާބީތަކެއް އޭނާއަކަށް ނުހޯދެއެވެ.

ދުވުމަކީ އޭނާ ހުރިހާ ވަގުތެއްގައި ވެސް އޭރު ކުރާ ކަންތަކެވެ. ފޫހި ވިޔަސް ދުވަނީއެވެ. ދެރަވިޔަސް، އުފާވިޔަސް ދުވަނީއެވެ.

އެ ގޮތުގައި އުޅެމުން، އޭނާގެ ޖަޕާނު ކޯޗު ބުނެގެން ހުސައިން ބެލީ "ރަނިން ބްރޭވް" ކިޔާ އިނގިރޭސި ފިލްމެކެވެ. އެ ފިލްމުގައި އުޅެނީ ބިލީ މިލްސް ކިޔާ އެމެރިކާ މީހެކެވެ.

ކުޑަ ހުސައިން

"އޭނަ ދެރަވީމަ މި ދުވަނީ. ވަރަށް ފަގީރު. އޭނާގެ ރައްޓެހިން އަމިއްލައަށް މަރުވެ، ޑްރަގްސްއަށް ގޮސް ބައިވަރު ކަންތައްތައް ވެފައި ހުރީ. ދެން އެ މީހުންގެ ހަނދާނުގައި މި ދުވަނީ މީނަ. ދެން ދުވަން މޮޅުވީމަ އޭނާއަށް މި ލިބެނީ ޕީއީ [ފިޒިކަލް އެޑިއުކޭޝަން] އިން ޑިގްރީ ހަދަން ސްކޯލާޝިޕެއް،" ހުސައިން ކިޔައިދިނެވެ.

އެ ޔުނިވާސިޓީގައި ކިޔަވަމުން، ދުވަމުން އޭނާ ގިނަ ކާމިޔާބީތަކެއް ހޯދައެވެ. ޑިގްރީ ނިންމައިފައި އައިސް އޭނާ ވަންނަނީ އެމެރިކާގެ މިލިޓަރީއަށެވެ.

"އެ ބަލާފަ މަ މިވީ އޭނައަށް. މަ އެކަނި ދުވިޔަސް މި ދުވަނީ ބިލީ މިލްސްއާ އޭނައާއެއްކޮށް އުޅޭ މީހުން ލައިގެން. މާލެ ތެރޭގައި ބިލީ މިލްސްއަށް ވެގެން މަ މިއުޅެނީ. އެހެންވީމަ އޭނަ ވީ ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް،" ހުސައިން ކިޔައިދިނެވެ.

އެ ފިލްމުގެ ސަބަބުން ކަންނޭނގެއެވެ. ހުސައިން ކިޔަވާ ހިތްވިއެވެ. އެހެންކަމުން، ބިލީ މިލްސް ފިލްމުގައި ކަންތައް ކުރާ ގޮތަށް ކަންތައް ކުރިއެވެ. އިނގިރޭސިން ސިޓީއެއް ރައްޓެއްސަކު ލައްވާ ލިޔުއްވިއެވެ.

އެއަށްފަހު، އޭގެ 50 ކޮޕީ ހެއްދިއެވެ. އެ 50 ކޮޕީ، ތަފާތު 50 ޔުނިވާސިޓީއަކަށް އޭނާ ޕޯސްޓު ކުރިއެވެ.

އޭގެ ތެރެއިން 49 ތަނުން އޭނާއަށް ލިބުނީ ރިޖެކްޝަން ލެޓާއެވެ. އެހެން ނަމަވެސް، އެއްތަނަކުން ވަރަށް ދިގު ސިޓީއެއް ފޮނުވައިފައި އޮތެވެ.

"ދެން މަ ސީވީ ހެދި އިރު ވެސް ދެ އޮލިމްޕިކްސްއަށް ދިޔަ ވާހަކަ ޖެހީ ފޮންޓު ސާދައިގައި. އޯލެވެލް ނަތީޖާ ޖެހީ ފޮންޓު އަށެއްގައި،" ހުސައިން ކިޔައިދިނެވެ.

އެ ސިޓީގައި އޮތީ އެ މީހުންނަށް ދުވެދޭން ޝަރުތުކޮށް، ސްކޯލާޝިޕް ދޭން އެއްބަސްވެފައެވެ. އެއީ 60،000 ޑޮލަރުގެ ސްކޯލާޝިޕެކެވެ.

ކުޑަ ހުސައިންއަކީ މިއަދު ޕީއެޗްޑީ ހޯލްޑަރެއް --

ލިވިން އެކްސްޕެންސް އޭރު ހަމަ ނުޖެހެއެވެ. އެހެންކަމުން، ޕްލޭނިން މިނިސްޓްރީއަށް އެކަމަށް އެދުނެވެ. ނަސީބަކުން، އެކަން ފަސޭހައިން ހަމަޖެހުނެވެ.

"އެ ހިސާބުން ސްކޯލާޝިޕަށް ނައްޓާލީ،"

އެއީ 1994ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭނާ ކިޔަވަން ދިޔައީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ އޮސްޓްރޭލިއަން ކޮލެޖް އޮފް ފިޒިކަލް އެޑިއުކޭޝަނަށެވެ. އޭނާ ޑިގްރީ ހެދީ ފިޒިކަލް އެޑިއުކޭޝަނުންނެވެ.

ފުރަތަމަ ދަސްކުރީ އިނގިރޭސި!

އެންމެ ފުރަތަމަ ބޭރަށް ކިޔަވަން ގޮސް ހުސައިންއަށް ޖެހުނީ އިނގިރޭސި ދަސްކުރާށެވެ. މާ ބޮޑަށް ސުކޫލު ދައުރުގައި އުނގެނެވިފައި ނެތުމުންނެވެ.

އެ ކޮލެޖަށް ކޮންމެ ރެޔަކު ވެސް އިނގިރޭސި ކިޔަވައިދޭ ޓީޗަރަކު ދެޔެވެ. ކޮންމެ ރެޔަކު ގަވާއިދުން އޭނާ އެ ޓީޗަރު ގާތަށް ދެއެވެ.

"ދެން ގޮސްގެން ކިޔެވީ. ހެދި ގޮތަކީ ހަތަރު އަހަރުގެ ކޯހެއް މަ ކިޔެވީ ތިން އަހަރުން. އިތުރަށް ކިޔަވައިގެން. އޭރުން އެއް އަހަރުގެ ލިވިން އެކްސްޕެންސް ސޭވްވީތާ. ކޮށްފަ މަ ސަރުކާރަށް އަނެއްކާ އެދުނީ، އެއް އަހަރުގެ ޓިއުޝަން ފީ ހަމަޖައްސައިދީފިއްޔާ މި އޮތީ ކިޔަވަން ފުރުސަތެއް ލިބިފައޭ،" ހުސައިން ކިޔައިދިނެވެ.

އެ ފަހަރު އޭނާ ހެދީ މާސްޓާސްއެވެ. މާސްޓާސް ހަދައި ނިންމައިފައި މާލެއަށް އައިސް އޭނާ އުޅުނީ ސްޕޯޓްސް މިނިސްޓްރީގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައެވެ.

ޕީއެޗްޑީއަށް ކިޔަވަން ދިއުން!

އޭރު މާލެއަށް އައިސް، އޭނާ އެންމެ ފުރަތަމަ އުޅުނީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޓްރެއިނަރަކަށެވެ. އެއަށްފަހު، ޖެހިގެން އައި އަހަރު އުޅުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓްރެއިނަރަކަށެވެ.

ނިއުރޭޑިއަންޓުގައި އޭނާ އޭރު އުޅުނީ، މޫސާ މަނިކު (ކުޑަ މޫސަ) މެންނާއެކުގައެވެ. ހުސައިން ކިޔައިދިން ގޮތުގައި، އޭރު ކުޑަ މޫސައާ މުހައްމަދު ވަހީދުއްދީނާ ވަރަށް ގާތެވެ.

"ދެން މޫސަ ގާތު މަ ބުނެފިން ޕީއެޗްޑީ ހަދަން ދާން ބޭނުމޭ. ވަހީދުއްދީން ކައިރިއަށް ހިނގާށޭ ވާހަކަ ދައްކާލަން ދާން،" ހުސައިން ކިޔައިދިނެވެ.

އޭގެ ކުރިން، ނިއުޒިލެންޑުން ކިޔަވައި ނިންމައިފައި އައުމުގެ ކުރިން އޭނާ އޮތީ އެ ތަނުގެ ކޮލެޖަކަށް ޕީއެޗްޑީއަށް އެދިފައެވެ. އޭގެ ޖަވާބު ލިބުނީ އެ ދުވަސްކޮޅުއެވެ.

އެ ގައުމުގެ ޔުނިވާސިޓީ އޮފް އޮޓާގޯއިން ފޮނުވި ޖަވާބުގައި އޮތީ ޕީއެޗްޑީ ޖާގަ ލިބިދާނެ ކަމަށެވެ. ނަމަވެސް، ހަރަދުތައް ހަމަޖައްސައިދެވެން ނެތް ކަމަށެވެ.

"އެ ގޮތަށް އޮއްވާ ވަހީދުއްދީންއާ ބަނޑޮހުގައި ބައްދަލުކޮށްލަން ބުނީމަ ވަގުތުން ލޯންޗު ހަމަޖައްސައިދެއްވައިފި. ދެން ގޮސް ފޭބީމަ ވިދާޅުވެއްޖެ، ކުޑަ ހުސައިންއާ ކުޑަ މޫސައާ ކީއްކުރަންހޭ މާ ސީރިއަސް ކޮށް މަށާ ބައްދަލުކުރަން،" ހުސައިން ކިޔައިދިނެވެ.

ވަހީދުއްދީން ގާތަށް ދިޔަ ބޭނުން ކުޑަ ހުސައިން ކިޔައިދިނެވެ. ކިޔަވަން ދާން ބޭނުންވާ ވާހަކަ ބުނުމުން، ވިދާޅުވީ އެކަން ހަމަޖެހޭނެ ކަމަށެވެ.

އަނެއްކާ ވެސް ކިޔަވަން ނިއުޒިލެންޑަށް!

ޕީއެޗްޑީ ހަދަން ފައިސާ ލިބުމުން 2000ވަނަ އަހަރު ހުސައިން ނައްޓާލީ އަނެއްކާ ވެސް ކިޔަވާށެވެ. އެކަމަކު، ޕީއެޗްޑީ ހެދުމުގެ ކުރިން އެ ގައުމުގެ ސަރުކާރުން ދިން ސްކޯލާޝިޕެއްގައި އަނެއްކާ ވެސް ހެދީ މާސްޓާސްއެކެވެ.

އެ މާސްޓާސް އޭނާ ހެދީ ސްޕޯޓްސް ސޯޝިއަލަޖީއިންނެވެ. ދެހާސް އެކެއްގައި އޭނާ ދިރާސާ ކުރީ ކުދިން ކުޅިވަރު ކުޅެނީ، އަދި ނުކުޅެނީ ކީއްވެތޯއެވެ.

"އެއަށްފަހު ޕީއެޗްޑީ ހެދީ ސްޕޯޓްސް ކޯޗިންއިން. ސޯޝިއަލޮޖީ އޮފް ސްޕޯޓްސް ކޯޗިން. އޭގެ މާނައަކީ ކޯޗު، އެތުލީޓު ރިލޭޝަންޝިޕް ހާއްސަކޮށް ބެލުން،" ހުސައިން ކިޔައިދިނެވެ.

ހުސައިން ޕީއެޗްޑީ ހެދީ ތިން އަހަރު ދުވަހުންނެވެ. އެއީ 2001އިން 2004އަކަށެވެ. އޭނާ ކިޔެވުމުގައި އޮސްޓްރޭލިޔާގައި ފަސް އަހަރު އަދި ނިއުޒިލެންޑުގައި ފަސް އަހަރު ހޭދަކުރިއެވެ.

ރާއްޖެ އައިސް އެމްއެންޑީއެފަށް!

ކިޔަވައި ނިންމައިފައި އޭނާ ރާއްޖެ ބަދަލުވީ 2004ވަނަ އަހަރުއެވެ. ސުނާމީ ކާރިސާ ކުރިމަތިވީ އޭނާ ރާއްޖެ އައިތާ ދެތިން ހަފްތާ ފަހުންނެވެ.

"އެ ފަހަރު ވޮލެންޓިއާކޮށްގެން މަ ދިޔައިން ށ، ނ، ރ ގެ ހުރިހާ ރަށަކަށް. ބައިވަރު ކުދިންތަކެއް ގޮވައިގެން ކާ އެއްޗެހި ހިފައިގެން، ޕްލަސް އެ ރަށްރަށަށް ވެފައިހުރި ގެއްލުން ބަލަން،" ހުސައިން ކިޔައިދިނެވެ.

އެންމެ ފުރަތަމަ ހިތަށް އެރީ ސްޕޯޓްސް މިނިސްޓްރީއަށް ވަންނާށެވެ. އެކަަމަކު، އެތަނުން ލިބޭ މުސާރައިން ދެކޮޅު ޖެހޭނެކަމަކަށް ނުފެނުނެވެ.

އެހެންކަމުން، އޭނާ ވަނީ ސިފައިންގެއަށެވެ. ސިފައިންގޭގައި އުޅެގެން އޭނާއަށް ރަނގަޅު މުސްތަގުބަލެއް ލިބޭނޭ ކަމަށް ވިސްނައިފައެވެެ.

"ސިފައިންގެއަށް މަ ވަނީ ރެކްރޫޓް ޓްރެއިނިން ހަދައި ނިންމާފަ ކެޕްޓަނަކަށް ވާ ގޮތަށް. އެއީ ސިފައިންގެ ތާރީހުގައި ވެސް އެންމެ މަތީ މަގާމު އަލަށް ވަން މީހަކަށް،" ހުސައިން ކިޔައިދިނެވެ.

ސިފައިންގެއަށް ވަނުމުން ވެސް އޭނާއަށް އެކިކަހަލަ ދަތި އުނދަގޫ ކަންކަމާ ދިމާވިއެވެ. ރެކްރޫޓް ޓްރެއިނިން ނިންމުމަށްފަހު ކެޕްޓަނަކަށްވުމުން، ބައެއް މީހުން ހަސަދަވެރިވިއެވެ.

ދެން ކަންތައް ކުރަން ޖެހުނީ ވެރިން ބުނާ ގޮތަށެވެ. ވެރިންގެ އަމުރު ބައެެއް ފަހަރަށް އަންނަނީ، އޭނާ ކިޔަވައިފައި އޮންނަ އެއްޗަކާ އިދިކޮޅަކަށެވެ. ބައެއް ފަހަރަށް އޭނާ ދެކެން ބޭނުންނުވާ ފަދަ މަންޒަރުތައް ވެސް ފެންނަން ފެށީއެވެ.

އެހެންކަމުން، އޭނާ ސިފައިންގެއިން ކެނޑުނީއެވެ. އޭނާ ކެނޑުނުއިރު ހުރީ ލެފްޓިނެންޓް ކާނަލްއެއްގެ މަގާމުގައެވެ.

"ވަރަށް ބޮޑު މުސާރަ، ވަރަށް އިނާޔަތްތައް ގިނަވެފައި. ވާ ގޮތަކީ މުސާރަ ހަލާލުވާވަރަށް މަސައްކަތް ނުދައްކާކަމަށް ބަލައިފަ. އެހާ ބޮޑު މުސާރައެއްގައި ﷲ ގަންދީ ހުވާކޮށްގެން ހުންނަން ބޭނުންނުވީ،" ހުސައިން ކިޔައިދިނެވެ.

ސިފައިންގެއިން ކުޑަ ހުސައިން ކެނޑުނީ މަތީ މަގާމެއް ފުރުއްވުމަށްފަހު --

ސިފައިންގޭގައި އޭނާ ހޭދަކުރި ފަހު ދެ އަހަރު ދެ ފޮތެއް ލިޔުނެވެ. އެއް ފޮތަކީ 1988ގެ އުދުވާނީ ހަމަލާގެ ޝަހީދުންނާ ގުޅޭގޮތުން ލިޔުނު ފޮތެކެވެ. ދެވަނަ ފޮތަކަށް ލިޔުނީ ޝަހީދު ހުސައިން އާދަމްގެ ބަޔޮގްރަފީއެކެވެ.

"އޭރު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްއަކަށް ވެސް، ޝޫޓިން އެސޯސިއޭޝަންގެ ނައިބު ރައީސްއަކަށް ވެސް އުޅުނިން. އެކިއެކި ކުޅިވަރު ކައުންސިލްތަކުގައި 10 ވަރަކަށް އަހަރު އުޅުނިން. އެކަމަކު ކޮންމެ ތާކު ވެސް ކަންތައްތައް އޮންނަ ގޮތުން ނޯވޭ ޕްރޮފެޝަނަލިޒަމް ޕްރެކްޓިސް ކުރެވޭކަށެއް،" ހުސައިން ބުންޏެވެ.

އެހެންކަމުން ހުރިހާ މަގާމެއް އޭނާ ދޫކޮށްލީއެވެ. ސަލާންޖަހަން އުޅެން ޖެހުނަސް އެ ގޮތަށް އުޅެން ބޭނުންނުވީއެވެ.

ކުޑަ ހުސައިން މިހާރު ހިންގަނީ އޭނާގެ އަމިއްލަ އެކެޑަމީއެއް --

އެ ހުރިހާ ތަނަކުން ކެނޑުމަށްފަހު ފުރަތަމަ އޭނާ އަހަރެއް ވަންދެން އުޅުނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރަކަށެވެ. ދެން އެއަށްފަހު، ރައްޓެއްސެއްގެ ހިޔާލާއެކު "ކުޑަހުސައިން ސްޕޯޓްސް އެކަޑަމީ" ފެށީއެވެ.

ހުސައިން ދީނަށް ލޯބި ޖެހުން!

ކުޑައިރު މާ ބޮޑަކަށް ހުސައިންއަކަށް ތައުލީމު ހާސިލެއް ނުކުރެވުނެވެ. އުޅެވުނީ މާ ރަނގަޅު ރައްޓެހިންތަކަކާ އެކުގައެއް ވެސް ނޫނެވެ.

އޭރު އޭނާގެ ހަމައެކަނި އުފަލަކީ ދުވުމެވެ. އޭރު ނަމާދެއް އޭނާ ނުކުރެއެވެ. ދީނީ މާ ގިނަ ކަންކަމެއް ވެސް އެނގިފައެއް ނެތެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ހުސައިންގެ ރޯލް މޮޑެލްއަކީ އޭނާގެ ބައްޕައެވެ. ހުސައިން ކިޔައިދިން ގޮތުގައި އެއީ މަޑުމައިތިރި، ހިތްތިރި އަދި އެހާމެ ހިތްހެޔޮ މުސްލިމެކެވެ.

"ރަނގަޅު ތެދުވެރި މުސްލިމަކަށްވުމުގެ ބޭނުމާއި މުހިންމުކަން ބައްޕަ ކިޔައިދިން. އަމަލުން ވެސް ދެއްކި. ބައްޕަ އުޅުނީ ހެޔޮ މުސްލިމެއް ގޮތުގައި. އުމުރުން ހަތަރު އަހަރާއި ނުވަ އަހަރާ ދެމެދު ބައްޕަގެ ފިޔަވަޅުތައް މަތީ ހިނގޭތޯ މަސައްކަތް ކުރިން،" ހުސައިން ކިޔައިދިނެވެ.

ފުރާވަރަށް އަޅައިގެން އައިއިރު ވެސް ހުސައިން ގަބޫލުކުރާ ގޮތުގައި އޭނާއަކީ ހަމައެކަނި ނަމުން މުސްލިމެކެެވެ. ނަމާދު ކުރަނީ ހަމައެކަނި ރަމަޟާން މަހުއެވެ. އެއީ ވެސް ބައެއް ފަހަރަށެވެ.

"ނަމަކަށް މުސްލިމެއްގެ ގޮތުގައި އަހަރެން އޭރު ހުރީ. ބައެއް ފަހަރަށް ހަފްތާއެއް ތެރޭ އެންމެ ނަމާދެއް ވެސް ނުކުރެވި ގޮސްދާނެ،" ހުސައިން ކިޔައިދިނެވެ.

ދުވުމަކީ އޭރު އޭނާގެ ދިރިއުޅުމެވެ. އޭނާ ދުވަން ފެށުމުން، އަޅުކަންތައް އަދާކުރުމަށްވުރެ އޭނާއަށް މުހިންމުވީ އެކަމެވެ.

ކުޑަ ހުސައިންގެ ދިރިއުޅުމަކީ ޒުވާންއިރު ދުވުން --

އެ ގޮތަށް އުޅެފައި އޭނާ ކިޔަވަން އޮސްޓްރޭލިޔާއަށް 1994ވަނަ އަހަރު ދިޔައެވެ. އޭރު އެތަނުގައި އޭނާ އުޅުނީ އިތުރު 15 މީހުންނާއެކުގައެވެ. އެއީ އެކި ދީންތަކަށް ނިސްބަތްވާ މީހުންނެވެ.

އެ މީހުންގެ ސަގާފަތާއި އާދަކާދައިގެ ތެރެއިން ރަނގަޅު އެތައް ކަމެއް ހުސައިން ދަސްކުރިއެވެ. އެކަމަކު، ނުރަނގަޅު އެތައް ކަމެއް ވެސް އޭނާއަށް ފެނުނެވެ. އެއީ އޭނާ ނަފްރަތުކުރާ ކަންކަމެވެ.

އެ މީހުންގެ އުފަލަކީ މަސްތުވުމެވެ. ކްލަބްތަކަށް ގޮސް މަޖާނެގުމެވެ. ނެށުމާއި ލަވަކިޔުމެވެ. ބިޔަރަކީ އެމީހުންގެ ލެޔެވެ.

އެކަމަކު އެއިން އެއްވެސް ކަމަކަށް ހުސައިންގެ ޝައުގުވެރިކަމެއް ނުދެއެވެ. އެއީ އޭނާގެ ނަސީބެވެ. މިއަދު ވެސް އޭނާ ޝުކުރު ކުރާ ކަމެކެވެ.

ހުސައިން އެގޮތަށް ކިޔަވަން އުޅުމުގެ ތެރޭގައި ބައްދަލުވީ ރާއްޖޭގެ ދަރިވަރުންތަކަކާއެވެ. އެއީ އޭނާގެ ހިތުގައި އިސްލާމްދީނަށް ލޯބި އުފެދެން ފެށި ހިސާބެވެ.

"އެ މީހުންގެ ހީރޯއަކަށް މަ ވެއްޖެ ދެން. އެކަމަކު ހީރޯ ނަމާދެއް ނުކުރޭ. އެހެންވީމަ އެ މީހުން ބުނެފި ތިހެން ކަމަކު ނުދާނޭ ނަމާދުކުރަން ވާނޭ،" ހުސައިން ކިޔައިދިނެވެ.

ދެ އަހަރު ދުވަހު އޮސްޓްރޭލިޔާގެ ދަރިވަރުންތަކަކާއެކު އުޅުމަށްފަހު ހުސައިން ބަދަލުވީ ރާއްޖެ ކުދިންނާއެކުގައެވެ.

"ވަރަށް ދުވަސް ނެގި ގަވާއިދުން ނަމާދުކުރަން ފަށަން. އެއީ ނަވާރަސަތޭކަ ނުވަދިހަފަހެއްގައި. ފުރަތަމަ ނިންމީ އެއް ނަމާދުކުރަން. އެގޮތަށް ގޮސް، ނަވާރަސަތޭކަ ނުވަދިހަ ނުވައެއްގައި އަހަރެން ބަރާބަރަށް ފަސްވަގުތު ނަމާދުކުރަން،" ހުސައިން ކިޔައިދިނެވެ.

"ބަރާބަރަށް ނަމާދުތައް ކުރީމަކަމަށް އަހަރެން ގަބޫލުކުރަނީ މުސްލިމަކަށް ވަނީ. އެހެންވީމަ އަހަރެން މުސްލިމަކަށްވީ 1999ގައި،"

ކުޑަ ހުސައިން އޭނާގެ އަންހެން ދަރިފުޅާއެކު، މިހާރު އޭނާ ދީނީ ކަންކަމަށް ވަރަށް އިސްކަން ދޭ --

ކޮވިޑާއެކު އައި ފުރަބަންދުގެ ތެރޭގައި ދީނީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އޭނާ ކުރީ ތަފާތު ކަމެކެވެ. އޭނާ ލިޔުނީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސިޔަރަތެވެ.

"ހަ މަސް ވަންދެން ކޮންމެ ދުވަހަކު ބާރަ ގަޑިއިރު ލިޔުނީ ސިޔަރަތު. ދެން ހަފްތާއަކު އެއް ދުވަސް ރެސްޓު. ދެން ހަމަސް ދުވަސް ތެރޭގައި ދެހާސް ސޮފުހާ، ނުވަ ވޮލިއަމް ނިންމީ. ދެން މިދިޔަ ދުވަސްތަކުގައި މިދިޔައީ ރާއްޖޭގެ ޝެއިހުންނާއެކު ވެސް އެޑިޓް ކުރަމުން،" ހުސައިން ކިޔައިދިނެވެ.

މި ސިޔަރަތުގެ ވޮލިއަމްތައް ޕަބްލިޝްކުރުމުގެ ހުއްދަނެގުމުގެ ކުރިން އޭނާ ކުރަން ނިންމައިފައިވާ ކަމެއް އެބައޮތެވެ. އެއީ މި ރަމަޟާންމަހުގެ ފަހު ދިހައިގައި އޭނާ މައްކާއަށް އުމްރާއަށް ދާއިރު، އެ ތަނަށް ގޮސް އެ ފޮތްތައް ކިޔައިލުމެވެ.

ކުޑަ ހުސައިންގެ ވާހަކައަކީ އިބުރަތުން ފުރިފައިވާ ވާހަކައެކެވެ. ކިތަންމެ ކުރުކޮށް، ލިޔެލަން ބޭނުންވިޔަސް ކުރުކުރެވޭކަށް ނެތް ވާހަކައެކެވެ.

ހުސައިން ކިޔައިދެނީ ހިތްވަރުއެލުވައިނުލައި ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަމެވެ. ކާމިޔާބީއަކީ ވަކި މީހެއްގެ ހައްގެއް ނޫން ކަމެވެ. އެއީ ހިންމަތާއެކު މަސައްކަތްކޮށްފި ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމެވެ.

ނަމާދުކުރަން ފަށައި ﷲގެ ހަޒްރަތަށް ރުޖޫއަވެ، އަޅުކަން ކުރަން ވަކި އުމުރެއް ނެތް ކަމެވެ. އިއްޔެ އުޅެވިފައިވަނީ ގޯސްކޮށް ކަމަށްވިޔަސް، މިއަދު އުޅުން ރަނގަޅު ކުރެވިދާނެ ކަމެވެ.

ސުކޫލުން ފާސްނުވެގެން ކަނޑާލުމަކީ ދިރިއުޅުމުގެ ނިމުން ނޫންކަމެވެ. އެއީ ތިބާ ދިރިއުޅުމުގައި ފެއިލްވާންވީ ސަބަބެއް ނޫންކަމެވެ.

ހުސައިން އެކަން ސާބިތުކޮށްދިނެވެ. ބުލީކޮށް އޭނާ ބާކީކޮށްލުމުން ވެސް، ހުސައިން ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާއަކީ ކުޅިވަރުގައި ވެސް، ކިޔެވުމުގައި ވެސް ޗެމްޕިއަނެކެވެ.

އަދުގެ ޒުވާނުންނަށް ފެންނަން ހުރި ދިރިހުރި ލާމަސީލު ނަމޫނާއެކެވެ.

comment ކޮމެންޓް