ފެންނަނީ ހުޅުމާލޭގެ މަލަމަތިން ސީޕްލޭނެއް އުދުހިފައި އަންނަ މަންޒަރެވެ. އާންމުކޮށް ފެންނަ ވަރަށްވުރެ ކައިރިންނެވެ. ބަލާލަން ރީތި، ހިތްގައިމު މަންޒަރެކެވެ.
އިއްޔެއިން ސުރެ ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯ ފުރަތަމަ ފެނުމުން އާދައިގެ މީހަކަށް އޭގެ ފަހަތުގައިވީ ނުރައްކާ އަންދާޒާ ނުކުރެވިދާނެއެވެ. ނަމަވެސް މިއީ ބޮޑު ހާދިސާއެއް ހިނގުމަށް މަގުފަހިވާފަދަ ނުރައްކާ ބޮޑު ކަމެކެވެ.
ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ
އެ ވީޑިއޯ އަށް ސޯޝަލް މީޑިއާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ކިބައިންނެވެ. އެ ފަރާތަތްތަކުން ބުނަމުން ދިޔައީ ޖައްސަންދާ މަތިންދާބޯޓަކާ އެހާ ކައިރިން ޑްރޯން އެރުވުމަކީ ނުރައްކާތެރި ހާދިސާއަކަށް ބޯޓުގައި ތިބި އެންމެން ހުށަހެޅިދާނެ ކަމެއް ކަމަށެވެ.
"އެހާ ބާރަށް ލޭންޑު ކުރަން ދާއިރު، ޑްރޯން އެއްހާ ކުޑަ އެއްޗެއް އެތާ އިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ކިތަންމެ ކުޑަ އެއްޗެއް ވިޔަސް ބޯޓުގައި ޖެހިއްޖެއްޔާ ހަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ" އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ މީހަކު "ސަން"އަށް ކިޔައިދިނެވެ.
Drone pilots need to be more aware. Your social media feed may look cool but you are jeopardising air safety. Neither Air Traffic Control nor the pilot would know your position, which may lead to a catastrophic accident. @VelanaAirport @MACLmedia @matca_info pic.twitter.com/bSvkyIrFDb
— Saddam (@saalhey) April 5, 2022
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު "ސަން"އަށް ވިދާޅުވީ އެއީ އެއާޕޯޓުގެ ސެކިއުރީޓީއަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. އަދި، ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ އެއާޕޯޓު ސަރަހައްދުގައި ޑްރޯން އެރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެމްއޭސީއެލްގެ ހާއްސަ ހުއްދައެއް ޑްރޯން ކުންފުންޏަށް ހުށަހަޅައިގެން އެ ޖިއޯ ފެންސް ތެރޭ އުދުހުމުގެ ހުއްދައެއް ލިބޭނީ. އެވެސް ޓަވަރާ ރަނގަޅަށް ކޮމިއުނިކޭޓުކުރެވިގެން ވަރަށް ގާތުން މޮނިޓާ ކުރެވިގެން" ޝައްމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއާލައިންތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅޭތީކަމަށެވެ.
ހަރުކަށި ފިޔަވަޅުތަކަކާއެކު ބަލަހައްޓަން ޖެހޭ
ޑްރޯނަކާއި މަތިންދާބޯޓެއް ޖެހުމުގެ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭ ކެނެޑާގެ މަތިންދާބޯޓެއްގެ ފިޔަގަނޑުގައި ޑްރޯނެއް ޖެހި، އެ ބޯޓަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް، އެ ހާދިސާގައި ބޯޓު ރައްކާތެރިކަމާއެކު ޖެއްސޭ ވަރު ވިއެވެ.
އެމެރިކާގެ ޑޭޓަން ޔުނިވާސިޓީއިން 2018ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުން 1ކިލޯގެ ޑްރޯނެއް ގަޑިއަކު 383 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރަމުންދާ މަތިންދާބޯޓަކާ މުޑިއަރައިފިނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
މި ސަބަބުތަކާ ހުރެ ދުނިޔޭގެ ބޮޑެތި އެއާޕޯޓު ތަކުގެ ސަރަހައްދުގައި ޑްރޯން އަރުވާނަމަ، އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
ރާއްޖޭގައި ވެސް މި ފަދަ ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި ޑްރޯން އެރުވުމުގެ ހުއްދަ ދެވިފައިވަނީ މާލޭ ރަސްފަންނު ސަރަހައްދުގަޔާއި ހުޅުމާލޭ ސެންޓްރަލް ޕާކުގައި 400 ފޫޓު ތިރިން ދުއްވުމަށެވެ. އެހެން ތަނަކު ޑްރޯން އަރުވާނަމަ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެމްއެންޑީއެފްގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް، މި އުސޫލު ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން މިފަދަ ހާދިސާތަކުން ހާމަވެއެވެ.
އެންމެ މުހިއްމު ކަމަކީ ކުރާ ކޮންމެ ކަމަކުން ވެސް އަނެކުންނަށް ލިބިދާނެ ގެއްލުމަކާ މެދު ވިސްނުން ބެހެއްޓުމެވެ. ތިމާގެ އިންސްޓަގްރާމް ފީޑް ރީތިކޮށްލަން ކުރާ ކަމަކުން ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ އެކަކު ވެސް އެދޭނެ ގޮތެއް ނޫނެވެ.