އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ފުޓްސަލް ޓީމު ފުރައިފި

ކޮލިފައިން އަށް ދިޔަ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން -- ފޮޓޯ / އެފްއޭއެމް

ކިރްގިސްތާނުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ކުޅުމަށް ގައުމީ ފުޓްސަލް ޓީމު ރޭ ފުރައިފިއެވެ.

މި ކޮލިފައިން ކުރިއަށް ދާނީ ކިރްގިސްތާންގެ ބިޝްކެކްގައެވެ.

މިއީ އޭޝިއާ ފުޓްސަލް މުބާރާތެއްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމު ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ޓީމުން ވަނީ މިދިޔަ މަހު ތައިލެންޑުގައި އޮތް އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގައި ވެސް ކުޅެފައެވެ. ގައުމީ ޓީމަށް އެ މުބާރާތުން ލިބުނީ ފަސް ވަނައެވެ.

އަދި އެ މުބާރާތުގައި ގައުމީ ފުޓްސަލް ޓީމުން ވަނީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ފުރަތަމަ މޮޅު ހޯދާފައެވެ. އެއީ ރޭންކިން މެޗުގައި ޕެނަލްޓީ ޖަހައިގެން މޮންގޯލިއާ ބަލިކޮށްގެންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ޢަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖޭގެ ފުޓްސަލް ކުޅުންތެރިޔަކު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދި ފުރަތަމަ ފަހަރެވެ.

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގައެވެ. ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ އިރާން، ކިރްގިސްތާން އަދި ތުރުކުމެނިސްތާނެވެ. ގްރޫޕް ބީގައި އޮތީ ތަޖިކިސްތާން، ނޭޕާލް، އަފްޣާނިސްތާން އަދި އުޒްބެކިސްތާނެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެއިން އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އިރާނާ ދެކޮޅަށެވެ. އަދި ހޯމަ ދުވަހު ކްރިގިސްތާނާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ތުރުކެމެނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންއަށް ގައުމީ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންނަކީ، ޒައިދާން އަޙުމަދު، މުޙައްމަދު ވިލްފް، އިސްމާޢީލް ފާތިހު (ތާޑޭ)، ޢަބްދުﷲ ނާސިހު، އިޝާން އިބްރާހީމް (ސައްޓު)، މުޙައްމަދު އިމްރާން (އިންމި)، ޢަބްދުﷲ ޝާފިއު (ޝާއްޕެ)، ޢަލީ ހާފިޒް (ހާއްޕެ)، މުޙައްމަދު ޔަފާއު (ޔާ)، ޢަބްދުﷲ ޝައްފާން (ޝާކާ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ޙަސަން ސުހޭލް (ސޮކޭ)، ސާމިން މުޙައްމަދު އަދި ޙުސެއިން ޝަރީފް (އޮންލީ)އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަށް ރަނގަޅު ދަނޑެއް ނެތުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ. މާލޭގައި ސަރުކާރުތަކުން ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކަކަށް ނުވާތީ، ބައިނަލްއަޤްވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެއެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައިވަނީ ހިރިޔާ ސްކޫލްގައެވެ. މިއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހިރިޔާ ސްކޫލްގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ހަމަޖެއްސި ތަނެކެވެ.

comment ކޮމެންޓް