މާދަމާގެ މެޗު ކުޅޭނީ ދިވެހި ކުޅުންތެރިންނާއެކު: ފެސްކޯ

ވެލެންސިއާގެ ކޯޗު ފެސްކޯ -- ސަން ފޮޓޯ

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ރޭ ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެލެންސިއާ އިން ނިކުންނާނީ ދިވެހި ކުޅުންތެރިންނާއެކު ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަޙްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

އޭނާ އެހެން ބުނެފައިވަނީ މެޗުގެ ކުރިން މިއަދު ގަލޮޅު ރަސްމީ ދަނޑުގައި އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

"މިވަގުތު އަޅުގަނޑުމެންގެ މެއިން ފޯކަސް ހުރީ މާދަމާ ރޭގެ މެޗުގައި ދިވެހި ކުޅުންތެރިންލައިގެން ކުޅެން،" ފެސްކޯ ބުންޏެެވެ.

އެ ސުވާލާ ގުޅިގެން ނޫސްވެރިޔަކު ވަނީ ޓީމުގައި ބިދޭސީ ކުޅުންތެރިން ތިބި ނަމަވެސް، އެ ކުޅުންތެރިން ބޭނުންނުކުރާނެތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ފެސްކޯ ބުނީ އެވަގުތު ވަގުތު ޖެހުމުން ނިންމަންޖެހޭ ނިންމުންތައް ނިންމާނެ ކަމަށެވެ.

ފެސްކޯ ބުނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އެންމެ ބޭނުންވާ ގޮތަށް ބައެއް މެޗުތައް ނުދިޔަ ނަމަވެސް، މާދަމާ ރޭ ޕަރޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް އެކަން ފުބެއްދޭނެކަމަށެވެ.

ފެސްކޯ ފާހަގަކުރި ގޮތުގައި ވެލެންސިއާއިން ލީގަށް ނިކުތީ ބޮޑެތި ޗެލެންޖިންތަކަކާއެކުއެވެ. އެއާއެކުވެސް ލީގުގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ޓީމަކަށް ވެލެންސިއާ ވާނެ ކަމަށް ފެސްކޯ ބުންޏެވެ. އަދި ލީގުގައި ވެލެންސިއާ އޮތީ ގޯސް ހިސާބެއްގައި ނޫންކަމަށާއި ޓީމު އޮތީ ލީގު ކެޗްއަޕް ކުރެވޭ ހިސާބުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

މާދަމާ ރޭ ވެލެންސިއާ އާއި ޕަރޯ އެފްސީ ބައްދަލުކުރާ މެޗުން މޮޅުވާާ ޓީމެއް މުބާރާތުގެ ޕްލޭއޮފް ބުރަށް ކޮލިފައިވާނެއެވެ. އަދި މޮޅުވާ ޓީމު އެބުރުގައި ބައްދަލުކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ.

comment ކޮމެންޓް