ރޯދަ ހިފުމަކީ ބާރުގަދަ ބޭސް ގުޅައަކަށް ވުރެ ވެސް ފައިދާ ބޮޑު ކަމެއް: އުގެއިލް

ޕްރޮފެސަރު ޙަސަން އުގެއިލް: ރޯދަ ހިފުން އެއީ ބާރުގަދަ ބޭސް ގުޅައަކަށް ވުރެން ވެސް ފައިދާ ބޮޑު ކަމެއް ކަމަށް ވިދާޅުވި ---

ރޯދަ ހިފުމަކީ ބާރުގަދަ ބޭސް ގުޅައަކަށް ވުރެ ވެސް އިންސާނާއަށް ފައިދާ ބޮޑު ކަމެއް ކަމަށް ޕްރޮފެސަރު ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިއަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު މި ދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަ އަންނަ ކަމަށާއި އޭގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާ ކުރެވެނީ އެންމެ 500 މީހުން ކަމަށެވެ. އަދި ވިދާޅުވީ އެ 500އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް ގަވައިދުން ރޯދަ ހިފުން ނުވަތަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބޭ ކަމަށެވެ.

"ކީރިތި ވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުޟު ކުރައްވާފައިވާ ކޮންމެ ކަމަކީ ވެސް އެކަމެއްގައި ހިކުމަތުން ފުރިގެންވާ އަދި ދެދުނިޔޭގައިވެސް އޭގެ ފައިދާއާއި މަންފާ އެކުލެވޭ ކަމެއް ކަމާމެދު ކުޑަވެސް ޝައްކެއް އަދި ވަސްވާހެއްވެސް ނެތް. ހަމަކަށަވަރުން ރޯދަ އަކީވެސް މީގެ ލާމަސީލު މިސާލެއް،" އުގެއިލް ވިދާޅުވެފައިވެއެވެ.

އޭގެ ސާފު މިސާލެއްގެ ގޮތުގައި އުގެއިލް ވިދާޅުވީ އެމެރިކާގެ އަވަށެއް ކަމުގައިވާ މޮންޓާނާގައި ދިރިއުޅުނު ވޯލްޓާ ބުރޫނިން އަކީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި އުޅުނު މީހެއް ކަމަށާއި އޭނާގެ ކެއުމުގެ ވައްޓަފާޅިއަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނާއަކީ ވެސް މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

އޭނާ ކައި އުޅުނީ ކޮންމެ ދުވަހަކު އެންމެ ދެ ފަހަރު ކަމަށާއި އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގައި ކަމަށް އުގެއިލް ވިދާޅުވިއެވެ.

"ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފެހެއްޓުމަށް ބާރުއަޅާދޭ ކަމެއް. ހަމަ އެހެންމެ، ގަވައިދުން ރޯދަހިފުމަކީ އިންސާނާ އަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދިނުމަށް ބާރު އަޅާ ކަމެއް. އިންސާނުންގެ އިތުރުން ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުން ކޮށްގެން ކުރެވުނު އެތަކެއް ތަހުލީލުތަކުންވެސް މިޙަޤީޤަތް ވަރަށް ފުރިހަމައަށް ހާމަވޭ،" އުގެއިލް ވިދާޅުވިއެވެ.

ރޯދައިގެ ސިއްހީ ފައިދާ އެންމެ އެދެވޭ ގޮތަށް ހާސިލު ކުރުމަށް ކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ މުހިންމު އުސޫލެއް ފާހަގަ ކުރައްވަމުން އުގެއިލް ވިދާޅުވީ އެއީ، ކެއިންބުއިމުގައި، ރޯދައަށް ހުންނަ ދުވަހެކޭ އަދި އެހެން ދުވަހެކޭ ތަފާތު ނުކުރުން ކަމަށެވެ.

"މިސާލަކަށް، ރޯދަމަހު އަޅުގަނޑުމެން ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައެއް އޮވޭ. އެއީ، ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި އަދި ރޭގަނޑުގެ އެހެން ގަޑިތަކުގައި ވެސް އާދަޔާ ޚިލާފަށް ގިނައިން ކެއުން،" އުގެއިލް ވިދާޅުވިއެވެ.

އޭގެ ސަބަބުން ރޯދަމަސް ނިމޭއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބަރުދަން އިތުރުވެ، ހަކުރުބަލި ފަދަ ދާއިމީ ފަރުވާއެއް ނެތް ބަލިތަކަށް މަގުފަހިވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދުއަށް އުފަން އުގެއިލް އިތުރަށް ވިދާޅުވީ ދެދުނިޔޭގެ ލާބައާއި މަންފާ ހޯދުމަށާއި ރަނގަޅު ސިއްހަތެއްގައި އަމިއްލަ ހަޔާތް ވޭތު ކުރުމުގެ ނިޔަތުގައި އޭނާއަކީ ވެސް ގަވައިދުން ރޯދަ ހިފާ މީހެއް ކަމަށެވެ. އެގޮތުން، ރޯދަމަހުގެ ބޭރުންވެސް ހަފްތާއަކު ދެދުވަސްވަރު ރޯދައަށް ހުންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު، ކެއުމުގެ މިންގަނޑު އަބަދު ވެސް އެއްވަރެއްގައި ހިފަހައްޓައި ރޯދައަށް ހުންނަ ދުވަހެކޭ ނުވަތަ އެނޫން ދުވަހެކޭ ތަފާތެއް ނުކުރަން،" އުގެއިލް ވިދާޅުވިއެވެ.

comment ކޮމެންޓް