ޕްރޮފެސަރު އުގައިލްގެ ކުޑައިރުގެ ޢީދު ހަނދާންތައް ކިޔައިދެއްވައިފި

ޕްރޮފެސަރު ޙަސަން އުގައިލް--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި ސައިންޓިސްޓް، ހަސަން އުގައިލްގެ ކުޑައިރުގެ ޢީދު ހަނދާންތައް ކިޔައިދެއްވައިފިއެވެ.

ފިތުރު ޢީދު ދުވަހާ ގުޅުވައިގެން އުގައިލް ނެރުއްވި ކޮލަމްގައި ލިޔުއްވާފައިވަނީ މިއީ މީގެ ސާޅީހަކަށް އަހަރު ކުރީގެ ވާހަކަތަކެއް ކަމަށާއި އެއީ އޭނާގެ ހަޔާތުގެ ބާބުތަކުން ޢީދުގެ ހަނދާންތައް ބަޔާންކޮށްދޭ ސަފްހާ ތަކުން ކިޔައިދެއްވާ ވާހަކަތަކެއް ކަމަށެވެ.

އުގައިލް ވިދާޅުވީ އެޒަމާނުގައި ޢީދަށް މީހުން ވަރަށް ދުރާލާ ތައްޔާރުވާން ފަށާ ކަމަށެވެ. އެގޮތުން، ފިތުރު ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަމަޟާން މަހުގެ އެންމެފަހު ދެތިންދުވަހު ކުކުޅުހާ ހިފުމުގެ ކަންތައްތަކުގައި ރަށުގެ މީހުން މަޝްއޫލުވާ ކަމަށެވެ.

"ކުކުޅުހާ ހިފަން، އެސޮރުމެން ފަހަތުން ގޯތިތައް ގިރާކޮށް ދުވެ ހެދުމަކީ އަޅުގަނޑު ވެސް ވަރަށް ގަޔާވެގެން އޭރު ކޮށްއުޅުނު ކަމެއް. އެޒަމާނަކީ ބޭނުންހާ ދުވަސްތަކުގައި ކުކުޅުކޮޅެއް ކާލަން ލިބޭ ޒަމާނެއް ނޫން. އެހެންކަމުން، ޢީދު ދުވަހުގެ މެންދުރު ލިބޭ ކުކުޅު ކެއުމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ،" އުގައިލް ވިދާޅުވެފައިވެއެވެ.

ކުކުޅުގެ އިތުރުން ވެސް ޢީދުދުވަހު ލިބޭ "ޢީދު ބޯކިބާ" އަދި އެހެނިހެން ހެދިކާއާއެކު ލިބޭ "ކިރުސައި" ބުއިމަކީ ވެސް ޢީދު ދުވަހުގެ ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން އުގައިލް ވިދާޅުވެފައިވަނީ ޢީދު ދުވަހު ކުކުޅު ކެއުމަށް އިންތިޒާރުކުރެވޭ ފަދައިން ހެނދުނު ލިބޭ ސަޔަށް ވެސް އިންތިޒާރުކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ހަނދާން ކުށް ނޫންނަމަ، ކިރުސައިފޮދެއް އޭރު ލިބެނީ ހަމައެކަނި ޢީދު ދުވަހު. އެހެންކަމުން، ޢީދުނަމާދަށް ފަހު، ތިމާގެމީހުންނާއި އަވަށްޓެރިންގެ ގޭގެއަށް ގޮސް ސައި ބުއިމުގައި މަޝްއޫލުވެ އުޅޭ ހަނދާން އަޅުގަނޑު އެބަހުރި،" އުގައިލް ވިދާޅުވިއެވެ.

ޢީދު ދުވަހު ދެން އެންމެ ފާހަގަ ކޮށްލެވޭ މުހިންމު ކަމެއްގެ ގޮތުގައި އުގައިލް ވިދާޅުވީ ޢީދަށް އާހެދުން ހޯދުން ކަމަށެވެ. އެގޮތުން ޢީދު އައުމުގެ ދެތިން ދުވަސް ކުރިން ޢީދު ހެދުން ފަހާ ޢީދަށް ތައްޔާރުވާ ކަމަށާއި އެޒަމާނުގައި ހެދުން ލިބުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ވެސް ފާހަގަ ކުރެއްވިއެވެ.

"އެހެންކަމުން ޢީދު ދުވަހު، އާ ހެދުން ލައި ޒީނަތްތެރިވެގެން ގެއިން ބޭރަށް ނިކުމެ އުޅުމަކީ ވަރަށް އުފާވާ ކަމެއް،" އުގައިލް ލިޔުއްވާފައިވެއެވެ.

ޢީދުގެ ބަންދު ދުވަސްތަކުގައި ރައްޓެހިންނާއެކު މަގުމަތީގައި ފުޓްބޯޅަ ކުޅޭ ހަނދާން އެބަހުރި ކަން ފާހަގަ ކުރައްވަމުން އުގައިލް ވިދާޅުވީ އޭރު ބޯޅައެއްގެ ގޮތުގައި ބޭނުން ކުރެވުނީ ސްޓާކީނަކަށް ފޮއްޗާއި، ސްޕޮންޖް އަޅައި ބަނދެގެން ހަދާފައިވާ ބޯޅައެއް ކަމަށެވެ. އަދި މަގުމަތީގެ ދެފަރާތުގައި ގަލުން "ގޯލު" ހަދައިގެން އެ ދުވަސްވަރު ފުޓްބޯޅަ ކުޅެ އުޅުއްވިކަމަށް ވިދާޅުވިއެވެ.

"ޢީދު ދުވަހުގެ ކުޅިވަރު ތަކުގައި ފެންކުޅިކުޅުމަކީ ވެސް އޭރު ވަރަށް ކޮށްއުޅޭ ކަމެއް. މިގޮތުން "ޢީދު ހެދުން" ލައިގެން ހުރިމީހެއްގެ ގަޔަށް ފެންޖެހުން އެއީ ކުރެވޭ ވަރަށް މޮޅު ކަމެއް،" އުގައިލް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮތް ބްރެޑްފޯޑުގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާގެ މަޤާމު ވެސް އަދާ ކުރައްވަމުން ގެންދަވާ އުގައިލް ވިދާޅުވެފައިވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނުކުންނާން ޖެހެނީ އިލްމީ އަދި އެކަމަށް ގާބިލް ބޭފުޅުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅޭނީ ފަސްބައިގައި އެއްވެސް މިލައެއް ނެތް، އިލްމީ ބަޔަކު އެ ދާއިރާއަށް ނުކުމެގެން ކަމަށް ވާތީ ކަމަށެވެ.

comment ކޮމެންޓް