ސްރީލަންކާއިން ދުވާލަކު 10 ގަޑިއިރަށް ކަރަންޓު ކަނޑަން ފަށައިފިއެވެ.
ލަންކާގައި ކަރަންޓު ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ)ން ބުނީ އެގައުމުގައި ކަރަންޓު ކަނޑަން ޖެހިފައި ވަނީ ތެޔޮ ނުލިބުމުގެ ސަބަބުން މިހާރު ގައުމަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދެން ނެތުމުން ކަމަށެވެ.
ލަންކާއިން އިއްޔެ ފެށީ 10 ގަޑިއިރަށް ކަރަންޓު ކަނޑަން ކަމުގައިވީ ނަމަވެސް މިއަދު އެގައުމުން 13 ގަޑިއިރަށް ވަނީ ކަރަންޓް ކަނޑާލާފައެވެ.
ކޮވިޑް-19އިގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓި، ބޭރު ފައިސާ ނުލިބުމުގެ ސަބަބުން އެގައުމުގެ އަސާސީ މުދާ ގަންނަން ވެސް ޚަރަދު ކުރާނެ ގޮތެއް ވަނީ ނެތިފައެވެ. އެއާއެކު ތެޔޮ ލިބުން ދަތިވެ، ކަރަންޓު އުފެއްދުން މަޑުޖެހުމުގެ ސަބަބުން މިދިޔަ މަހުން ފަށައިގެން އެގައުމުން ދަނީ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންނެވެ.
ލަންކާއަށް ބޭނުންވާ ކަރަންޓުގެ 40 ޕަސެންޓު އުފައްދަނީ ހައިޑްރޯޕަވާ ނުވަތަ ފެން ބޭނުންކޮށްގެންނެވެ. ނަމަވެސް އެގައުމަށް ވާރޭ ވެހޭ މިންވަރު މަދުވުމުގެ ސަބަބުން ރިޒަވަޔާތަކުން ވެސް ފެން މަދުވެ، އެފަދަ ކާރުހާނާތަކުން ކަރަންޓު އުފައްދާ މިންވަރު ވަނީ މަދުވެފައެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ލަންކާގެ ބޭރު ފައިސާގެ ރިޒާވް ވަނީ 70 ޕަސެންޓު ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު އެ އަދަދު ވަނީ 2.31 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.
މީގެ އިތުރުން އެގައުމުގައި ތެލުގެ އަގުތައް އުފުލެމުން ގޮސް، މިއަހަރު ފެށުނު ފަހުން ޕެޓްރޯލުގެ އަގު ދެގުނައަށް އިތުރުވެ ޑީސެލްގެ އަގު ވަނީ 76 ޕަސެންޓު އިތުރުވެފައެވެ. އަދި އެގައުމުގެ ފައިސާގެ އަގު ވެއްޓި، ޑޮލަރަކަށް ޖެހޭ ވަރު ވަނީ 293.82 ލަންކާ ރުޕީސްއަށް ވެއްޓިފައެވެ.
އޭގެ ސަބަބުން ދަތުރުފަތުރަށާއި ވިޔަފާރިއަށް ބުރޫ އެރުމުގެ ސަބަބުން އެގައުމުގައި ދަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ.