އޭޝިއާ ޔުނިވާސިޓީތަކުގެ ބައްދަލުވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލާ ބައިވެރިވެ ވަޑައިގެންފި

މި މަހުގެ 17 އިން 23ށް ތުރުކީ ވިލާތުގެ އިސްތަންބޯލުގައި ކުރިއަށްދިޔަ ޔުނިއަން އޮފް އެފްރޯ- އޭޝިއާ ޔުނިވާސިޓީތަކުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސްލާމި ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި އެފްރޯ- އޭޝިއާ ޔުނިވާސިޓީތަކުގެ 12 ވަރަކަށް ތައުލީމީ މުއައްސަސާތަކާއި ޔުނިވާސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ޔުނިއަން އޮފް އެފްރޯ- އޭޝިއާ ޔުނިވާސިޓީތަކުގެ މި ބައްދަލުވުމުގައި ޔޫނިއަން އޮފް އެފްރިކަން އޭޝިއަން މުސްލިމް ޔުނިވާސިޓީތަކުގެ ކަރިކިއުލަމް އަކީ ބަދަލުވަމުންދާ ދުނިޔޭގެ ހާލަތާއި މައްސަލަތަކަށް އަމާޒުވާ ކަރިކިއުލަމް އަކަށް ހެދުމާ ބެހޭގޮތުން އަދި މި ޔުނިވާސިޓީތަކުން ނުކުންނަ ދަރިވަރުންގެ ކިބައިގައި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އިތުރުކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޭގެއިތުރުން، އެފްރިކަން އޭޝިއާ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ މަންހަޖަކީ ފައިދާހުރި ޢިލްމާއި އިސްލާމީ ޝަރީޢަތުގެ ދެ އަސްލުކަމުގައިވާ ޤުރުއާނާއި ސުންނަތުގެ މައްޗަށް ބިނާވެގެންވާ އިންޓެގްރޭޓެޑް ކަރިކިއުލަމްއެއް އެކުލަވާލުމާއި އަދި އެ މަންހަޖު ކިޔަވައިދިނުމަށްޓަކައި ލެކްޗަރާރުން ތަމްރީނު ކުރުމުގެ ސްޓްރެޓަޖީއެއް އެކަށައެޅުމާ ބެހޭގޮތުންވެސް މި ބައްދަލުވުން ތަކުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުންތަކުގެ ހަވާސާގައި އެފްރޯ-އޭޝިއާ ޔުނިވާސިޓީތަކުގެ ޔުނިއަންއާއެކު ފަހުމުނާމާގައި ސޮއިކުރެވިގެން ދިޔައެވެ.

މި ފަހުމުނާމާގެ ދަށުން އެފްރޯ- އޭޝިއާ ޔުނިވާސިޓީތަކުގެ ދެމެދުގައި ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިދާނެއެވެ.

ވަކިން ޚާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމުތައް ހިންގިގެން ދިއުމާއި ޓްރެއިނިން ސެޝަން އަދި ސެމިނާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދިއުމާއި އަދި ހަމައެހެންމެ ފަހުމުނާމާގައި ސޮއިކުރެއްވި އެފްރޯ-އޭޝިއާ ޔުނިވާސިޓީތައް ގުޅިގެން ރިސާޗް ޕްރޮޖެކްޓްތައް ހިންގިގެންދާނެއެވެ.

ވައިސް ޗާންސިލާގެ މި ދަތުރުފުޅުގައި ތުރުކީ ވިލާތުގެ 19 ވަނަ ގަރުނުގެ މެދުތެރޭގައި ފެތުރެމުން ދިޔަ އިލްޙާދީ ފިކުރުތަކާ ދެކޮޅަށް ޖިހާދު ކުރެއްވި ސައީދު އަލްނޫރުސީ ޒިކުރާ އާކުރުމަށް ބޭއްވުނު ތުރުކީގެ ޤައުމީ ފެންވަރުގެ ޖަލްސާގައި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ތަޤުރީރު ކުރެއްވިއެވެ.

ވައިސް ޗާންސެލާގެ ތަޤުރީރުގައި ސައީދު ނޫރުސީ އިލްހާދީ ފިކުރުތައް ހުއްޓުވުމަށްޓަކައި ކުރެއްވި ޖިހާދީ މަސައްކަތްތަކާބެހޭ ދިރާސާތައް އައިޔޫއެމްގައި ކުރިއަށް ގެންދިއުމުގެ ހިޔާލުފުޅު ކުރައްވާކަމުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް