ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ދެވަނަ މެޗުގައި ވެސް ފިޔޯރީ ބަލިކޮށް ވާދޫން ޗެމްޕިއަންކަން ހޯދައިފި

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) -- ފޮޓޯ / ވީއޭއެމް

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ އަތޮޅުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި)އިން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި ދެ ޓީމު ބައިވެރިވެފައިވާތީ، މި ޑިވިޝަން ކުޅުނީ ބެސްޓް އޮފް ތްރީއަށެވެ. އެއީ ދެ ޓީމުގެ ދެމެދުގައި ތިން މެޗު ކުޅޭ ގޮތަށެވެ. ދެ މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

އެސްވީވައި އިން ވަނީ ފުރަތަމަ މެޗުގައި ވެސް ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ) ބަލިކޮށްފައެވެ.

މިރޭ ކުޅުނު ދެ ވަނަ މެޗު އެސްވީވައި އިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެސްވީވައި އިން ކާމިޔާބުކޮށްފައިވަނީ 25-20، 25-22 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްވީވައިގެ އަޙުމަދު ހަމީދުއެވެ.

ފިރިހެން ޑިވިޝަންގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ ފައިނަލް މެޗަށް ފަހުއެވެ.

އަންހެން ޑިވިޝަންގައި މިއަދު ހަވީރު ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކާއްޑޭ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ)އިން ވަނީ ހޯދާފައެވެ.

ފައިނަލްގައި ކޭއެސްއޭ ވާދަކުރާނީ ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ)އާއެވެ. މި ދެޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައެވެ.

މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.

comment ކޮމެންޓް