އަސާސީ ބާވަތްތަކުގެ ސަޕްލައިއާ ބެހޭ މަޝްވަރާއަށް އެމްޕީއެލުން ސޫތުކުޅިއަށް

އެމްޕީއެލްގެ ވެރިން ސޫތުކުޅީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/އެމްޕީއެލް

ރާއްޖެއަށް އެތެރެކުރާ ބައެއް އަސާސީ ބާވަތްތަކުގެ ސަޕްލައިއާ ބެހޭ މަޝްވަރާއަކަށް އެމްޕީއެލުގެ ސީނިއާ މެނޭޖްމަންޓުގެ ވަފުދެއް، އިންޑިއާގެ ސޫތުކުޅިއަށް ދަތުރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ފުރި އެ ވަފުދުގައި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް ޢަބްދުﷲގެ އިތުރުން ތިން އެސިސްޓެންޓު ޖެނެރަލް މެނޭޖަރަކު ބައިވެރިވިއެވެ. އަދި، ކަސްޓަމްސްގެ ދެ އޮފިސަރަކު ވެސް އެ ދަތުރުގައި ވަނީ ބައިވެރިވެފައެވެ.

އެ ދަތުރުގައި އެމްޕީއެލުން ވަނީ، ކުރު މުއްދަތެއްގެ ތެރޭ ހަލާކުވާ ޒާތުގެ ގިނަ މުދާ ރާއްޖެއަށް ފޮނުވާ އެސޯސިއޭޝަނެއް ކަމުގައިވާ، ކޯސްޓަލް މެކަނައިޒްޑް ސެއިލިން ވެސަލް އޯނާސް އެސޯސިއޭޝަނާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި، ރާއްޖެއަށް ސޫތުކުޅިން އެތެރެކުރާ ބާވަތްތައް ހުއްޓުމަކާ ނުލައި އަންނަ ރޯދަމަހު ސަޕްލައިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެފަދަ ބާވަތްތައް ފޯރުކޮށްދިނުމުގައި ބޯޓު ދަތުރުކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާ މެދު ވެސް މަޝްވަރާ ކުރި ކަމަށް އެމްޕީއެލުން ބުނެއެވެ.

ރާއްޖެއަށް މުދާ ފޮނުވުމުގެ 200 އަހަރަށް ވުރެ ދިގު ތާރީޚެއް އޮންނަ ސޫތުކުޅިން ރާއްޖެއަށް މިހާރު އެތެރެ ކުރާ މައިގަނޑު ބާވަތްތަކަކީ ފިޔާ، އަލުވި، ބިހެވެ. ކުރުމުއްދަތެއްގެ ތެރޭ ހަލާކުވާ ޒާތުގެ މުދަލުގެ 90 ޕަސެންޓު މިހާރު ވެސް އެތެރެ ކުރަނީ ސޫތުކުޅިންނެވެ.

comment ކޮމެންޓް