ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި މިއަދު ހަވީރު ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (އެސްއެފްއީ)އިން ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) ވެސް ބަލިކޮށްފިއެވެ.
އެސްއެފްއީ އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކާއްޑޭ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ) ބަލިކޮށްފައެވެ. އެ މެޗުން އެސްއެފްއީ މޮޅުވެފައިވަނީ 3-1 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްއެފްއީގެ އައިޝަތު އިބްރާހީމްއެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ އަތޮޅުގެ އަންހެން ޑިވިޝަންގެ ތެރެއިން -- ފޮޓޯ / ވީއޭއެމް
މިއަދުގެ މެޗު އެސްއެފްއީން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެސްއެފްއީން ކާމިޔާބުކޮށްފައިވަނީ 25-10، 25-10 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އެސްއެފްއީގެ ޢާއިޝަތު އިބްރާހީމްއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރޭ އެސްއެފްއީ އާއި އެސްވީވައި ބައްދަލު ކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ އެސްވީވައިއެވެ. މެޗުގެ ސެޓުތައް އެސްވީވައި އިން ގެންގޮސްފައިވަނީ 25-23، 25-21 އަދި 25،14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްއެފްއީގެ މުޙައްމަދު ނާއިލްއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މާދަމާ ހަވީރު ކޭއެސްއޭ ނިކުންނާނީ އެސްވީވައިއާ ދެކޮޅަށެވެ. އަދި ފިރިހެން ޑިވިޝަންގައި އެރޭ އެސްވީވައި އަދި އެސްއެފްއީ ކުޅޭ މެޗު ކާމިޔާބުކޮށްގެން އެސްވީވައި އަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުުރުސަތު އެބައޮތެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ އަތޮޅުގެ ފިރިހެން ޑިވިޝަންގެ ތެރެއިން -- ފޮޓޯ / ވީއޭއެމް
ފިރިހެން ޑިވިޝަންގައި ދެ ޓީމު ބައިވެރިވެފައިވާތީ، މި ޑިވިޝަން ކުޅޭނީ ބެސްޓް އޮފް ތްރީއަށެވެ. އެއީ ދެ ޓީމުގެ ދެމެދުގައި ތިން މެޗު ކުޅޭ ގޮތަށެވެ. ދެ މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.
މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.