ފުލުހުންނަށް ގޮންޖަހައި، އިދިކޮޅުން ބުނަނީ އެއްވުން ބާއްވާނެ ކަމަށް

މީގެ ކުރިން މާލޭގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ހުކުރު ދުވަހު ޕީޕީއެމުން މާލޭގައި ބާއްވަން ރާވައިފައިވާ މުޒާހަރާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފައިވީ ނަމަވެސް، އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ބާއްވާ އެއްވުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެއްވުމެކެވެ.

މި އެއްވުމާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި އެއްވުން ނުބޭއްވޭނެ ކަމުގެ އިންޒާރުދީފައެވެ. މުޒާހަރާ ނުބާއްވާން އެންގީ އެ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.

އެއްވުން ރޫޅައިލައި، އެއްވުމުގެ ބައިވެރިވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނާ ގުޅިގެން އިދިކޮޅުގެ ލީޑާޝިޕުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅުގެ އެއްވުމުގެ ތެރެއިން ނުރައްކާތެރި ކަންތައްތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް އެ ކޯލިޝަނާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެ ކޯލިޝަނުން އިއްޔެ ފުލުހުންނާ ބައްދަލުކުރުމުން ވެސް އެ ސުވާލުތަކަށް ޖަވާބު ލިބިފައި ނުވާތީ، އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ސިޓީއަކުން އެދި ދަންނަވައިފައިވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފުލުހުން ދައްކަމުން އަންނަ ވާހަކައަކީ ހުސް ބަހަނާ ކަމަށާއި މިއީ "އިންޑިއާ އައުޓް" މާލޭ ހަރަކާތަށް ގިނަ ބަޔަކު އެއްވާނެކަން އެނގޭތީ ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

"މިއުޅެނީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިގެނެއް ނޫނޭ ހަމަ ޙަޤީޤަތުގައި ވެސް މި ސަރުކާރުން ނޭވާ ހޮޅިއަށް އެޅިގެންނޭ މިއުޅެނީ، އެހެންވީމަ މިފަދަ އެއްވުމަކަށް ޖާގަ ދެއްވަން ކެރިވަޑައިނުގަތީ އޭ،" އަދުރޭ ވިދާޅުވިއެވެ.

ހަމައެހެންމެ ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކީ ޙަޤީޤަތެއް އޮތް ކަމެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެފަދަ ތުހުމަތެއް ކުރެވިގެން މިހާތަނަށް ތަހުގީގަށް ބަޔަކު ހާޒިރުކޮށް، ސުވާލުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބަހަނާއެއް ދައްކައިފައިވާ ދޮގު ތުހުމަތުތަކެއް މި އަޅުވަނީ އެއްވެސް ޙަޤީޤަތެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް ހުކުރު ދުވަހު ބޭއްވުމަށް ރާވައިފައިވާ އެއްވުން ކުރިއަށް ދާނެ ކަމަށެވެ. އަދި މި ހަރަކާތަށް ފުލުހުން ހުރަސް ނޭޅުމަށް ވެސް އަދުރޭ އެދިފައިވެއެވެ.

"އަޅުގަނޑުމެން ބާއްވަން އުޅޭ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް، މި ހަރަކާތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ފުލުހުންނަށް ގޮންޖައްސަވައި، އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް