އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ވަގުތު މިރޭ ހަމަވަނީ

2019ވަނަ އަހަރު ބޭއްވި އުރީދޫ މަސްރޭސް މުބާރާތުގެ ތެރެއިން--ފޮޓޯ/ އުރީދޫ

އުރީދޫން ރޯދަ މަހާ ދިމާކޮށް ބާއްވާ އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ވަގުތު މިރޭ ހަމަވާނެއެވެ.

އެގޮތުން އެ މަސްރޭހުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އުރީދޫ މޯލްޑިވްސްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:
• އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ
• އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާ އާއި ރަންކޯރި
• އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ

މި މަސްރޭހާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި މަސްރޭހުގެ މަގުސަދަކީ ސަގާފަތް ދިރުވުމާއި ގުޅުންބަދަހިކުރުން ކަމަށެވެ.

"ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭސްގެ 11 ވަނަ ސީޒަން އަޅުގަނޑުމެން މި އިއުލާން ކުރީ ނުހަނު އުފަލާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި،" އޭނާ ވިދާޅުވިއެވެ.

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި މީހުންނަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫން ވަނީ ދައުވަތު އަރުވާފައެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

comment ކޮމެންޓް