މި އަހަރުގެ އުރީދޫ މަސްރޭހަށް ގިނަ ބައެއްގެ ތަރުހީބު ލިބި ގިނަ ރިކޯޑުތަކަކާއެކު އުރީދޫ މަސްރޭހަށް ވަރަށް ގިނަ، ތާރީޚި ކާމިޔާބުތަކެއް ލިބިއްޖެއެވެ.
މި މަސްރޭސް މާލެ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވަމުލައް ސިޓީގައި ކުރިއަށް ގެންގޮސް، ކޮންމެ ސިޓީ އަކުންވެސް ވަނީ އެއްވަނަ، ދެވަނަ، ތިން ވަނަ ހޮވާފައެވެ.
މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްވެސް ހޮވާފައިވެއެވެ.
މާލެ ސިޓީން ޓީމް ކްރަންޗީޒްގެ ނައުޝާދު ޖުމްލަ 17 މަސް ބާނައި، އެންމެ މޮޅު ފިރިހެން ކެޔޮޅުގެ ލަގަބު ހޯދައިފައިވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ ޝަރަފު ހޯދީ ޑީޓިއުންފިޝިންގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަސްވެރިކަމަށް ލޯބިކުރާ ފާތިމަތު ފެޒްލީން (ފެޒޫ) ހޯދައިފައެވެ.
ކުޅުދުއްފުށި ސިޓީން އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމް ޖުމްލަ 16 މަސް ބާނައި، ޓީމް ލައިޓިން އާދަމް ހިލްމީ ހޯދައިފައިވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ޓީމް ދަމާ ނަގާގެ ޚަދީޖާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ.
އަދި އައްޑޫ ސިޓީން ޖުމްލަ ހަތް މަސް ބާނާ، ޓީމް ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ހޯދައިފައި ވާއިރު، އެ ސިޓީން އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހޯދައިފައި ވަނީ، ފެހުރިހީގެ އަޒްލިފާ އަޒީޒެވެ. މީގެ އިތުރުން ފުވަމުލައް ސިޓީން އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު އަބްދުﷲ އިބްރާހިމް ޖުމްލަ 17 މަސް ބާނައި ހޯދައިފައިވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ހާސިލު ކޮށްފައި ވަނީ ޓީމް މޭރި ބޮލް އިން ސަފާ އަދްނާނެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބޭއްވި މި މަސްރޭހުއްގައި 74 ޓީމަކުން ބައިވެރިވިއެވެ. އެ ޓީމުތަކުން ވަނީ މި މަސްރޭހުގެ ކުރީގެ ރެކޯޑްތައް މުގުރާލައި، މަސްރޭހުގެ ތާރީޚުގައި އަދި ބޭނިފައި ނުވާ މަސް ވެސް ބާނައިފައެވެ.
މިދިޔަ އަހަރުގެ މަސްރޭހުގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯގެ ކަނބަލުންގެ ރިކޯޑް މުގުރާލާ، މި އަހަރު މޮޅުވި ޓީމުތަކުގެ ތެރެއިން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓު ހޯދާފައެވެ. އަދި ކުޅުދުއްފުށި ސިޓީއިން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓު ހޯދައިފައިވާއިރު، މާލެ ސިޓީން މުބާރާތް ކާމިޔާބު ކުރީ 860 ޕޮއިންޓު ހޯދައިގެން ސޮނީ ފިޝިން ޓީމުންނެވެ.
މި މަސްރޭސް ފުޅާ ވެގެން ދިއުމަކީ މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކަށް ލިބިގެންދާ ބޮޑު އުފަލެއްކަމަށް ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަން ޓީމް ބުޅިކެނޑިން މުހައްމަދު އުމަރު ބުންޏެވެ.
"އުރީދޫ މަސްރޭސް މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާވެގެން ދިއުމަކީ މަސްވެރިކަމަށް ލޯބިކުރާފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. މި ފަދަ ބޮޑު ކުލަގަދަ އަދި މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު އުރީދޫއިން ފަހިކޮށްދިން ކަމަށްޓަކާ އުރީދޫއަށް ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން." މުހައްމަދު ބުންޏެވެ.
މީގެ އިތުރަށް އޭނާ ބުނީ މަސްރޭސް އިއުލާނު ކުރީއްސުރެ ފެށިގެން ކުޅުދުއްފުށިން މަސްވެރިކަމަށް ލޯބިކުރާ ވަރަށް ގިނަ ފަރާތްތަކުން މުބާރާތަށް ތައްޔާރު ވާން ފެށިކަމަށެވެ. އެގޮތުން ބުޅި ކެނޑި ޓީމުން ވެސް އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ އެއްވަނަ ހާސިލު ކުރަން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެކަން ހާސިލު ވުމަކީ ބޮޑު ފަހުރެއް ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
އުރީދޫ މަސް ރޭހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު އުރީދޫ މަސްރޭހުގައި މުޅީން އަލަށް ހިބަރު ބާނައިފައިވެއެވެ. ކުޅުދުއްފުށީ ސިޓީގެ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމުން ވަނީ ޖުމްލަ ތިން ހިބަރު ބާނާ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދީފައި ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ މަސްރޭހުގެ ތާރީޚުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ވެސް މިފަހަރު މަސްރޭހުގައި ބޭނުމެވެ. ކަނޑުގެ އެންމެ އަޑީގައި ދިރިއުޅޭ މި މަހަކީ ބާނަން އުނދަގު ބާވަތެކެވެ. ކައްޓެޅި މަސް ބާނައިފައި ވަނީ، އައްޑޫ ސިޓީ އަދި ފުވަމުލައް ސިޓީގެ ޗެމްޕިއަން ޓީމުންނެވެ. މި އާދަޔާ ޚިލާފު މަސް ބޭނުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަރަމުން އަންނަ ކަނޑުގެ ދިރުންތައް ދައްކައިދޭ ކަމަށް އުރީދޫއިން ބުންޏެވެ.
މި މަސްރޭހުގެ އެންމެ ބަރު މަހުގެ ކެޓަގަރީން ވެސް ތަފާތު މަސްތަކެއްވަނީ ފެނިފައެވެ. އެގޮތުން، މާލެ ސިޓީ އިން ޓީމް ސޮނީ ފިޝިންގް އިން 17.54 ކިލޯގެ މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީގެ ޓީމް ބުޅި ކެނޑިން ވަނީ 25.85 ކިލޯގްރާމްގެ ބޮޑު ހިބަރެއް ބާނާފައެވެ. އަދި އައްޑޫ ސިޓީގެ ޗެމްޕިއަން ޓީމް، ފެހުރިހިން 5.5 ކިލޯގެ ކުރުމަސް ބާނާފައިވާއިރު، ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސްއިން ވަނީ 8.05 ކިލޯގްރާމްގެ ރޫބީއެއް ބާނައިފައެވެ.
ތަފާތު މަސް ބޭނި މަސްވެރިންނަށް ސީ ގިއާ މޯލްޑިވްސް އިން ވަނީ ގިފްޓް ޕެކުވެސް ހަދިޔާ ކޮށްފައެވެ.