އުރީދޫ މަސްރޭސް ފުވައްމުލައް ސިޓީގެ ޗެމްޕިއަންކަން ރީފް ރައިޑާސްއަށް

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ މަސް ޗެމްޕިއަން ޓީމުން އުފާފާޅުކުރަނީ --- ފޮޓޯ/ އުރީދޫ

އުރީދޫ މަސްރޭސް ފުވަމުލައް ސިޓީ ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ކާމިޔާބު ކޮށްފިއެވެ.

ޖުމްލަ 1326.45 ޕޮއިންޓާ އެކު، އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ހޯދި ޓީމް ރީފްރައިޑާސްއިން ވަނީ 25،000 ރުފިޔާ ހޯދައިފައެވެ.

ފޯރިއާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ރަނަރަޕްކަން ހޯދައިފައިވަނީ ޖުމްލަ 335 ޕޮއިންޓާއެކު ޓީމް ނަގާއި ހާލީ އިންނެވެ. އަދި ތިން ވަނަ ހޯދާފައިވަނީ ޖުމްލަ 175.8 ޕޮއިންޓާއެކު މޭރި ބޮލް ޓީމުންނެވެ. މި މަސްރޭހުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދުނާނެވެ.

ފުވަމުލަކު ބަނދަރުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފުވަމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ބައިވެރިވެވަޑައިގަތެވެ. އަދި ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވަމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުވެސް ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ މަސް ރޭހުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އެ މަސްރޭހުގައި ބައިވެރިން ބާނާފައިވާ އެންމެ ބަރު މަހަކީ 8.05 ކިލޯ ހުންނަ ރޫބީ އެކެވެ. މި މަސް ބާނައި، އެންމެ ބަރު މަސް ބޭނި ކަމުގެ މަގާމު ހޯދައިފައި ވަނީ، ޗެމްޕއިންކަން ހޯދި ޓީމުގެ އަބްދުﷲ އިބްރާހީމެވެ. އޭނާ އަށް މި އަހަރުގެ ގިފްޓް ޕާޓްނަރެއް ކަމުގައިވާ ސީގިއާ އިން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ. އެންމެ ބަރު މަހުގެ އިތުރުން އޭނާ ވަނީ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އުރީދޫ މަސް ރޭހުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

މި މަސްރޭހުގައި ވަނަ ވަނަ ހާސިލް ކުރި ފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ ޓީމުން އަދި މި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެެއް ކިޔާފައެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމައްޓަކައި މިއަހަރު ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ވަނީ ކުލަގަދަ ކޮށް ބާއްވައިފައެވެ.

comment ކޮމެންޓް