މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ އުރީދޫ މަސް ރޭސް 2023ގެ އައްޑޫ ސިޓީގައި އޮތް ރޭހުގެ ޗެމްޕިއަންކަން މުބާރާތުގައި ބައިވެރިވި ޓީމު ފެހުރިހިން ހޯދައިފިއެވެ.
އިއްޔެ އޮތް މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވާދަކުރިއިރު މުބާރާތުގެ ވަނަތައް އިއުލާނުކޮށްފައި ވެސްވަނީ ހަމަ އިއްޔެއެވެ.
ވަނަތައް އިއުލާނުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

އައްޑޫގައި އޮތް އުރީދޫ މަސް ރޭހުގެ ރަނަރަޕް ޓީމް -- ފޮޓޯ/ އުރީދޫ
ފެހުރިިހިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 220.9 ޕޮއިންޓާއެކުގައެވެ.
މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 141.6 ޕޮއިންޓާއެކު ޓީމް ހޮންޑެއްޔެވެ.
މި މުބާރާތުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 5.5 ކިލޯ ހުންނަ ކުރުމަހެކެވެ.
އެންމެ ބަރު މަސް ބޭނީ ޗެމްޕިއަންކަން ހޯދި ފެހުރިހި ޓީމުންނެވެ. އެންމެ ބަރު މަސް ބޭނި މަސްވެރިޔާއަށް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރުގެ ފަރާތުން ދީފައިވަނީ ސީގިއާގެ އަގުހުރި ގިފްޓް ޕެކެކެވެ.

އައްޑޫގައި އޮތް އުރީދޫ މަސް ރޭހުގައި އެންމެ ބަރު މަސް ބޭނި މީހާ -- ފޮޓޯ/ އުރީދޫ
އުރީދޫއިން ބުނީ މަސް ރޭހުގެ ތާރީޚުގައި ވެސް މި ފަހަރަކީ ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރުކަމަށެވެ. ކައްޓެޅި ބާނާފައިވަނީ މުބާރާތުގެ ތިންވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުންނެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ހޯދީ ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲއެވެ.
އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ކާމިޔާބުކޮށްފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒެވެ. އިބްރާހިމް އަބްދުﷲ ހަތް މަސް ބާނާފައިވާއިރު އަޒްލިފާ އަޒީޒް ބާނާފައިވަނީ ހަތަރު މަހެވެ.
މި މުބާރާތް އޮންނަ އެންމެ ފަހު ސިޓީކަމަށްވާ ފުވައްމުލައް ސިޓީގައި މަސް ރޭސް އޮންނާނީ ދެން އަންނަ ހުކުރު ދުވަހެވެ.