ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގެ ފަހު މެޗުގައި މިއަދު ހަވީރު ނިލަންދޫ ސްޕޯޓްސް ޖަނެރޭޝަން ކުލަބް (އެސްޖީސީ)އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ދަރބޫދޫ ޕާޕަލް ޕަވާ (ޑީޕީޕީ) އިން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.
މެޗަށް ނިކުތްއިރު ސެ ޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ. އަދި ދެ ޓީމު ވެސް މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
މިއަދުގެ މެޗު ދަރަނބޫދޫން ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ.
ވާދަވެރި ކުޅުމަކަށްފަހު މެެޗުގެ ފުރަތަމަ ސެޓު ދަރަނބޫދޫން ކާމިޔާބުކޮށްފައިވަނީ 30-28 އިންނެވެ. ދެ ވަނަ ސެޓު ނިލަންދޫން ކާމިޔާބުކޮށްފައިވަނީ 26-24 އިންނެވެ. އަދި ތިން ވަނަ ސެޓު ވެސް ނިލަންދޫން ގެންދިޔައިރު، މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-23 އިންނެވެ.
ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މަޗުން މޮޅުވުމުގެ ރޫހުގައުި ނިލަންދޫން ނިކުން ނަމަވެސް، ފޯރިގަދަ ކުޅުމަކަށްފަހު ދަރަނބޫދޫން ހަތަރު ވަނަ ސެޓު ކާމިޔާބުކުރީ 26-24 އިންނެވެ. އަދި ޖެހިގެން އައި ފަސްވަނަ ސެޓު ދަރަނބޫދޫން ކާމިޔާބުކުރީ 16-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަރަނބޫދޫގެ އަޒްހާން ޚަލީލްއެވެ.
މި މޮޅާއެކު ދަރަނބޫދޫން މުބާރާތް ނިންމާލާފައިވަނީ ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ ހަތަރު ވަނައިގައި އޮވެގެންނެވެ. މެޗުން ބަލިވި ނިލަންދޫއަށް އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ތާވަލްގެ ފުލުގައެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ބުދަ ދުވަހު ކުރިއަށްދާނެއެވެ. އެ ދުވަހުގެ ހަވީރު ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ބިލެއްދޫ ރައިސިން ސްޓާ (ބީއާރުއެސް) އާއި މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލްގައި އެރޭ މަގޫދޫ ނިކުންނާނީ ދަރަނބޫދޫއާ ދެކޮޅަށެވެ.
ފ. އަތޮޅުގެ ބުރު ނިންމުމަށްފަހު ވޮލީބޯލް އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ރޯދައިގެ ކުރިން ދެ އަތޮޅެއްގައި މުބާރާތް ބޭއްވުމަށެވެ. އެއީ ގދ. ވާދޫގައި ކުރިއަށްގެންދާ އެ އަތޮޅު މުބާރާތާއި، ފޮނަދޫގައި ބާއްވަން ނިންމާފައިވާ ލ. އަތޮޅު މުބާރާތެވެ.
އަތޮޅު މުބާރާތަށްފަހު ދެން ކުރިއަށް ދަނީ ޒޯން މުބާރާތެވެ. ޒޯން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ހަތް ބަޔަކަށް ބަހާލައިގެންނެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ. ހދ އަދި ށ. އަތޮޅެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އަތޮޅެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އަތޮޅެވެ. ޒޯން ހަތަރެއްގައި އޮތީ މ. ފ އަދި ދ އަތޮޅެވެ. ޒޯން ފަހެއްގައި އޮތީ ތ. އަތޮޅާއި ލ. އަތޮޅެވެ. ޒޯން ހައެއްގައި ގއ. އަތޮޅާއި ގދ. އަތޮޅު އޮތްއިރު، ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.
މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމާއި، އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގެނުވުމަށް އަދި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމް އިން ކުރާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.