މޮނާކޯ އަތުން ބަލިވުމަކީ ލަދުވެތިކަމެއް: ޕޮޗެޓީނޯ

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ފްރާންސް ލީގުގައި މިރޭ މޮނާކޯ އަތުން ބަލިވުމަކީ ލަދުވެތި ކަމެއް ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ފްރާންސް ލީގުގެ ހަތް ވަނައިގައި އޮތް މޮނާކޯ އަތުން މިރޭ ޕީއެސްޖީ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނެފައިވަނީ ޕީއެސްޖީއިން މެޗު ފެށި ގޮތާ މެދު ވެސް އޭނާ މާޔޫސްވާކަމަށެވެ.

"އަހަރަމެންނަށް މެޗު ފެށުނު ގޮތުން ވެސް ވަރަށް މާޔޫސްވެފައި މިހުރީ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނެފައިވަނީ މެޗުގެ ނަތީޖާއަކީ ކުޅިވަރުގެ ހަމަތަކުން ބަލާއިރު ލަދުގަންނަން ޖެހޭ ނަތީޖާއެއްކަމަށެވެ.

"ކުޅިވަރުގެ ހަމަތަކުން ބަލާއިރު މިއީ ލަދުގަންނަން ޖެހޭ ނަތީޖާއެއް. އަހަރެމެން ކޮންމެ ހެން ވެސް އެބަޖެހޭ ޗެމްޕިއަންސް ލީގުން ކެޓުމުން ލިބިފައިވާ މާޔޫސްކަމުން ވީ އެންމެ އަވަހަށް އަރައިގަންނަން،" ޕޮޗެޓީނޯ ބުންޏެވެ.

ދާދި ފަހުން ޕީއެސްޖީއިން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑު އަތުން ވެސް ބަލިވެފައެވެ. އެ ބައްޔަށްފަހު ޕީއެސްޖީގެ ފޯމު ފެންނަނީ ދަށްކޮށެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް، ޕީއެސްޖީން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. 28 މެޗުން އެ ޓީމަށް ލިބިފައިވަނީ 65 ޕޮއިންޓެެވެ. ދެވަނަގައި އޮތް މާސެއިލްއަށް 28 މެޗުން ލިބެނީ 50 ޕޮއިންޓެވެ.

comment ކޮމެންޓް