ބާސެލޯނާއިން އަބަދުވެސް މެސީއަށް މަރުހަބާ ކިޔާނަން: ޒަވީ

ބާސެލޯނާއަށް ކުރިން ކުޅުނު މެސީ އަދި ޒަވީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީއަށް އަބަދުވެސް އެ ކުލަބުން މަރުހަބާ ކިޔާނެކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

މެސީއާ ގުޅޭގޮތުން ޒަވީ ވާހަކަ ދައްކާފައިވަނީ ސްޕެނިޝް ލީގުގެ އެލްކްލެސިކޯގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި މެސީއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.

"މެސީއަކީ ތާރީޚުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ. ބާސެލޯނާގެ ދޮރު އަބަދުވެސް މެސީ އަށް އޮތީ ހުޅުވިފައި. ކުލަބުގެ ތަމްރީންތައް ބަލަން ވިޔަސް، ނޫނީ އަހަންނާ ވާހަކަދައްކަން ވިޔަސް މެސީއަށް އަބަދުވެސް އެންމެން ވެސް މަރުހަބާ ކިޔާނެ،" މެސީއާއެކު ބާސެލޯނާއަށް ކުޅުނު އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ބުންޏެވެ.

މިހާރު ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ޒަވީ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ބާސެލޯނާއިން މެސީއަށް އެކަށީގެންވާ އަލްވަދާއުއެއް ނުކިޔާކަމަށެވެ. ބާސެލޯނާއަށް މެސީ ކޮށްދިން ކަންތައްތަކުގެ އަގު ވަޒަންކުރަން ސަޕޯޓަރުންނަށް ފުރުސަތު ދެވެން އޮތްނަމަ އެކަމަށް މަސައްކަތްކުރާނެ ކަމަށްވެސް ޒަވީ ބުންޏެވެ.

މެސީ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ބާސާއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ބާސާގެ ކޯޗެއްގެ ގޮތުގައި އޭރު ހުރި ރޮނާލްޑް ކޫމަން ވަކިކޮށް އެޓީމުން ވަނީ ޒަވީ ކޯޗަކަށް ހަމަޖައްސައިފައެވެ. ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އެޓީމުން މިހާރު އޮތީ ލަލީގާގެ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި އެޓީމުން ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ.

މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ އެ ޓީމުގައި 21 އަހަރު ހޭދަކޮށްފައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވެފައިވަނީ މި ސީޒަން ފެށުމުގެ ކުރިން ހިލޭ ޓްރާންސްފާއެއްގައެވެ.

ޕީއެސްޖީއަށް ބަދަލުވި ފަހުން އޭނާ އެ ޓީމަށް ކުޅެދިން 26 މެޗުގައި ވަނީ ހަތް ގޯލު ޖަހާފައެވެ. އެއީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފަސް ގޯލާއި ފްރާންސް ލީގުގައި އޭނާ ޖެހި ދެ ގޯލެވެ.

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ވާދަކުރާ އެލްކްލެސިކޯ މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން އެކެއް ޖަހާއިރުއެވެ.

comment ކޮމެންޓް