އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ފެކަލްޓީ ސްކޫލް އޮފް ނާސިން (އެސްއެން)އިން އެމްއެންޔޫ ބިޒްނަސް ސުކޫލް (އެމްއެންޔޫބީއެސް)ގެ މައްޗަށް ކުރިހޯދައި މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު ފައިނަލް މެޗު އެސްއެން ކާމިޔާބުކުރީ ސީދާ ތިން ސެޓުން އެމްއެންޔޫ ބީއެސްގެ މައްޗަށް ކުރިހޯދައިގެންނެވެ.
އެސްއެން އާއި އެމްއެންޔޫބީއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެ ތީމުން ކާމިޔާބުކުރީ 25-12 އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓު 25-13 އިން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-19 ގެ ނަތީޖާއަކުންނެވެ.
އެސްއެން މިދިޔަ އަހަރު ފައިނަލްގައި ކުޅެ އެ ޓީމު ވަނީ ފައިނަލްގައި އެމްއެންޔޫބީއެސް އަތުން ބަލިވެފައެވެ.

މިއަދު ހަވީރު އެސްއެންއާއި އެމްއެންޔޫބީއެސްއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.