ކުޅިވަރުތަކުގެ އެންމެ މޮޅު އެތުލީޓުން ހޮވައިފި

އެވޯޑް ހާސިލް ކުރި އެޓްރީޓުންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓި-- ސަން ފޮޓޯ: ހައްޔާން

ރޭ ކުރިއަށް ދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ކުޅިވަރުތަކުގެ އެންމެ މޮޅެތި އެތުލީޓުން ހޮވައި އެވޯޑު ހަވާލުކޮށްފިއެވެ.

އެކުވެނި ޓްރެކްގައި އޮތް ކުލަ ގަދަ މި ހަފްލާގައި ވަނީ 18 ކުޅިވަރަކުން އެންމެ މޮޅު އެތުލީޓަށް އެވޯޑު ހަވާލުކޮށްފައެވެ.

މިރޭގެ ރަސްމިއްޔާތުގައު ބާސްކެޓު ބޯޅައިގެން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ފާތިމަތު ރިޝްމާއެވެ. އަދި ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ޢަބްދު ﷲ އަމްޒާރް މުޙައްމަދު އެވެ. ނެޓް ބޯޅައިގެން އެންމެ މޮޅު އަަންހެން އެތުލީޓަކަށް ހޮވިފައިވަނީ އާމިނަތު ރަބާބް އިބްރާހީމްއެވެ.

ފުޓުބޯޅައިގެން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަމްޒާ މުޙައްމަދު (ހަމްޕު) ހޮވުނުއިރު، އަންހެން ހިވިފައިވަނީ އާމިނަތު ލީޒާއެވެ. ސްވިމިންގެ އަންހެން އެތުލީޓަކަށް ޢާއިޝަތު ސައުޝަން ހޮވުނުއިރު، ފިރިހެން ބައިން ހޮވިފައިވަނީ ޢަލީ އިމާންއެވެ.

ފުޓުބޯޅައިގެން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ހަމްޒާ މުޙައްމަދާ އެވޯޑް ހަވާލު ކުރަނީ-- ސަން ފޮޓޯ: ހައްޔާން

ހޭންޑް ބޯލްގެ ފިރިހެން އެތުލީޓަކަށް މުޙައްމަދު ފިރުނާޝް ޢަބްދުﷲ ހޮވުނުއިރު، އަންހެން ބައިން ހޮވިފައިވަނީ ނަޝްފާ އާމިރުއެވެ. ޕޫލް ބިލިއާޑުގެ އަންހެން އެތުލީޓަކަށް އާމިނަތު ފަތުހީ ހޮވުނުއިރު، ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ހަސަން ޝާޒް މުޙައްމަދެވެ.

ސާރފިންގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ހުސައިން އަރީފްއެވެ. ކެރަމްގެ އަންހެން އެތުލީޓަކަށް އާމިނަތު ވިދާދު ހޮވުނުއިރު، ފިރިހެން ހޮވިފައިވަނީ އިސްމާއިލް އަޒްމީންއެވެ.

އަންހެން އެންމެ މޮޅު ކޯޗަކަށް ހޮވުނީ މީޝާ ހަލީމްއެވެ. ދެ ވަނައަށް ދިޔައީ ޔަޒްނީ ނަޝީދާއެވެ. ފިރިހެން އެންމެ މޮޅު ކޯޗަކަށް އަޙުމަދު ފާއިލް ހޮވުނުއިރު، ދެ ވަނަ ލިބުނީ މުޙައްމަދު ސާޖިދުއަށެވެ.

ޓެނިސްގެ އަންހެން އެތުލީޓަކަށް ހޮވުނީ ނަބާ ނިޝާންއެވެ. އަދި ފިރިހެން ހޮވުނީ ޢަބްދުﷲ ފާއިހް ފަޒީލްއެވެ. ވޮލީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހައްވާ ރާޝިދާއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އާދަމް ނަސީމް (އެޑަމް)އެވެެ.

ޓޭބަލް ޓެނިސް (ޓީޓީ)ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ފާތިމަތު ދީމާ ޢަލީއެވެ. ޓީޓީގެ ފިރިހެން އެންމެ މޮލޫ އެތުލީޓަކަށް ހޮވުނީ މޫސާ މުންސިފް އަޙުމަދުއެވެ.

ބެޑްމިންޓަންގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ފާތިމަތު ނަބާހާ އަބަދުއް ރައްޒާގެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. ކްރިކެޓްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އާދަމް ނާސިފް އުމަރުއެވެ.

ބޮޑީ ބޯޑިންގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޢަލީ ޚުޝްރުވާން އަހުމަދެވެ. އަދި ބޮޑީ ބިލްޑިންގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ މުޙައްމަދު މޫސާއެވެ.

ޝޫޓިންގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އާސިފާ ޖައުފަރެވެ. ޝޫޓިންގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޒިޔާން ޝިޔާއުއެވެ.

އެތްލެޓިކްސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އައިޝަތު ހިމްނާ ހަސަންއެވެ. އަދި ފިރިހެން ހޮވުނީ ހަސަން ސާއިދުއެވެ.

ޗެސްގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ނިހާ މުޙައްމަދެވެ. އަދި ފިރިހެން ހޮވުނީ މުޙައްމަދު ޝުއާއުއެވެ.

މީގެ އިތުރުން އެންމެ މޮޅު ސްޕޯޓްސް މެޑިކްއަކަށް ހޮވުނީ ޑރ ޢަބްދުﷲ ރާފިޔުއެވެ. ދެ ވަނަ އަޙުމަދު ޝަކީބުއަށް ލިބުނުއިރު، ތިން ވަނަ ލިބިފައިވަނީ މުޙައްމަދު ފަޔާޒުއަށެވެ.

އަންހެން އެންމެ މޮޅު ޓެކްނިކަލް އޮފިސަރަކަށް ޙައްވާ ޢަބްދުލް މަޖީދު ހޮވުނުއިރު، ފިރިހެން ހޮވުނީ އަޙުމަދު ޝިހާމްއެވެ. އަހަރުގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަނަކަށް ހޮވިފައިވަނީ ޓީޓީ އެސޯސިއޭޝަނެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ސްޕެޝަލް އެބްލެޑް އެތުލީޓަކަށް ހައްވާ އީޝަލް ރިޔާޒް ހޮވުނުއިރު، ފިރިހެން ހޮވުނީ މުޙައްމަދު މާޒިންއެވެ.

ސްޕޯޓްސް މެން އޮފް ދަ އިޔާ އަކަށް ހޮވުނީ ހަސަން ސާއިދުއެވެ. ދެ ވަނަ ހުސެއިން ޒަޔާން ޝަހީދު ޒަކީއަށް ލިބުނު އިރު، ތިން ވަމަ ލިބުނީ އާދަމް ނަސީމް (އެޑަމް) އަށެވެ.

ސްޕޯޓްސް ވޮމެން އޮފް ދަ އިޔާ އަކަށް ހޮވުނީ ނަބާހާ ޢަބްދުއް ރައްޒާގުއެވެ. ދެ ވަނަ ނަބީހާ ޢަބްދުއް ރައްޒާގަށް ލިބުނު އިރު، ތިން ވަނަ ލިބުނީ ފާތިމަތު ދީމާ ޢަލީ އަށެވެ.

މިރޭގެ އެވޯޑް ހަފްލާ ނިންމާާލާފައިވާއިރު، އެވޯޑާ ގުޅިގެން ބާއްވާ ޚާއްސަ މިޔުޒިކް ޝޯވް އެއް މާދަމާ ރޭ 20:45 ގައި ޓްރެކްގައި އޮންނާނެއެވެ.

comment ކޮމެންޓް