ސްޕޯޓްސް އެވޯޑްސް ހަފްލާ ކާމިޔާބުކަމާއެކު ނިންމާލައިފި

މަޝްހޫރު ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސްއަށް ރައީސް އެވޯޑް ހަވާލުކޮށް ދެއްވަނީ-- ސަން ފޮޓޯ: ހައްޔާން

ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަށްފަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ގެ ހަފްލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެކުވެނި ޓްރެކްގައި ރޭ އޮތް ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ އިތުރުން އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުން ވަނީ މި ހަލްފާގައި ބައިވެރިވެފައެވެ.

މި ހަފްލާގައި އެކިއެކި ކުޅިވަރުތަކުގެ އެއް ވަނަ އެތުލީޓް ހޮވާފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓު ވެސް ވަނީ ހޮވާފައެވެ. މީގެ އިތުރުން އެކި އެކި ގޮތް ގޮތުން ކުޅިވަރަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށް ވަނީ އެ ބޭފުޅުންނަށް ވެސް އެވޯޑު ދެއްވާފައެވެ.

މި ހަފްލާގައި ވަނީ ހަ ފަރާތަކަށް ސްޕެޝަލް ރިކޮގްނިޝަން އެވޯޑު އަރުވާފައެވެ. އެއީ ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރުސެލް، ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަ ޕަކްސާ، ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓާ އޮފް ސްޕޯޓްސް ބަދުރް ޢަބްދުލް ރަހުމާނާއި ހުސެއިން އަރީފާއި އަހުމަދު ނަޒީރުއެވެ.

މީގެ އިތުރުން މި ހަފްލާގައި ވަނީ 16 ފަރާތަކަށް ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު އަރުވާފައެވެ. އެއީ އަލްމަރުހޫމް ޢަލީ ނަސީމް، އަލްމަރުހޫމް ބަނީ ޔޫސުފްފުޅު، ޙަސަން ނިޒާރު އަޙުމަދު، އަލްމަރުހޫމް އުމަރު ޒާހިރު، ޑރ. ޒާހިރު ހުސައިން، މުޙައްމަދު ވަހީދުއްދީން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ގައްޔޫމް، މުޙައްމަދު ސައީދު، އިބްރާހީމް އިސްމާއިލް، ކެނެރީ އަބްދުއް ސައްތާރު، މައިޒާން އަލި މަނިކު، ފާއިޒް ސަމަދު، އަލްމަރުހޫމް މާދިހް އިސްމާއިލް އަދި ހަންމާދުﷲ ފެނާންޑޯއެވެ.

މީގެ އިތުރުން ސްޕޯޓްސް އައިކަން އެވޯޑް އަރުވާފައިވާ ފަރާތްތަކަކީ ރޮބާޓޯ ކާލޮސް، ފެބްރީޒިއޯ ރޮމާނޯ، މިޝެއިލް ސަލްގާޑޯ، ސުރޭޝް ރައިނާ، ގިލްބާޓޯ ގޮޑޮއީ (ގިބާ)، އަލްބިން އައުޝަން، ސާރާ ޚޮރޮސްޓްރޮމް، ތަރްޖީނީ ސިވަލިންގަމް، ޒޯރަން ޕްރިމޮރަކް، ގޯޑޮން ރެއިޑް ޖޭމްސް، ލޫސީ ޝުކާ، ޚަލީލޮއޮ ފަޑީގާ، މާކުސް ރޫޑީ، ޖަޔަސޫރިޔާ ސަނަތް، އެޑްގާ ޑޭވިސް އަދި އަސަފާ ޕޮވެލްއެވެ.

މީގެ އިތުރުން މި ހަފްލާގައި ވަނީ ސްޕޯޓްސް ޖާނަލިސްޓް އޮފް ދަ އިޔާ، އޮންލައިން މީޑީއާ އޮފް ދަ އިޔާ، ބްރޯޑްކާސްޓިން މީޑިއާ އޮފް ދަ އިޔާއާއި ފޮޓޯ ޖާނަލިސްޓް އޮފް ދަ އިޔާ ވެސް ހޮވާފައެވެ.

މި ހަފްލާގައި ކުޅިވަރުގެ 16 ލެޖެންޑެއް ބައިވެރިވެފައިވާއިރު، މިއީ މިފަދަ ލެޖެންޑުންތަކަކާއެކު ރާއްޖޭގައި ސްޕޯޓްސް އެވޯޑް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް