ދެވަނަ މެޗުގައި މަގޫދޫން ނިލަންދޫ ވެސް ބަލިކޮށްފި

މިއަދު މަގޫދޫ އާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ސޯޝަލް މީޑިއާ

ފ. އަތޮޅު މަގޫދޫގައި މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު މަގޫދޫން ނިލަންދޫ ބަލިކޮށްފިއެވެ.

މިއަދުގެ މެޗު މަގޫދޫން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު މަގޫދޫން ކާމިޔާބުކުރީ 25-20 އިންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް ނިލަންދޫން ވަނީ ތިން ވަނަ ސެޓު ހޯދާފައެވެ. މި ސެޓު ނިލަންދޫން ކާމިޔާބުކުރީ 25-22 އިންނެވެ. ފޯރި ގަދަ ކުޅުމަކަށްފަހު މަގޫދޫން ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫ ޓީމުގެ ސެޓަރު އިބްރާހިމް ނަދީމްއެވެ.

މަގޫދޫން ވަނީ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މެޗުގައި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ބަލިކޮށްފައެވެ. އެ މެޗު މަގޫދޫން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ ނިލަންދޫ ނިކުންނާނީ މަގޫދޫއާ ދެކޮޅަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި މާދަމާ ހަވީރު އެފްޑީއެސް ނިކުންނާނީ ބިލެއްދޫއާ ދެކޮޅަށެވެ. އަދި އަންހެން ޑިވިޝަންގައި އެރޭ އެފްޑީއެސް ނިކުންނާނީ ދަރަނބޫދޫއާ ދެކޮޅަށެވެ.

comment ކޮމެންޓް