ފ. ނިލަންދޫއިން 129 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، ގޯއްޗަށް އެދި ހުށަހެޅުމަށް ރޭ ނިލަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
އެރަށު ކައުންސިލުން ރޭ ގްޒެޓްކުރި އިއުލާނެއްގައިވާ ގޮތުން މި މަހު ތިނެއްގައި ބޭއްވި ކައުންސިލްގެ މި އަހަރުގެ 14 ވަނަ ޖަލްސާގަައި، ނިލަންދޫއިން ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ފާސްކޮށްފައެވެ.
އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެޒެޓްކުރި ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ބައެއް ބަދަލުތައް ގެނެސް، އެ ބަދަލުތަކާއެކު އަލުން އެ އުސޫލު ގެޒެޓްކޮށްފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.
އެހެންވެ، ކައުންސިލުން ނިންމާފައިވާ ގޮތަށް ނިލަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށާއި އެއީ 129 ގޯތި ކަމަށް ނިލަންދޫ ކައުންސިލުން ބުނެއެވެ.
ނިލަންދޫއިން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ސައިޒަށް ބަލާއިރު 2000 އަކަފޫޓުގެ 96 ގޯތީގެ އިތުރުން 2800 އަކަފޫޓުގެ 33 ގޯތި ހިމެނެއެވެ.
މީގެއިތުރުން، އިއުލާނުގައިވާ ގޮތުން ގޯތިތައް ދޫކުރާނީ އެ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި އެ ރަށު "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރައްދުން ހަތަރު ގޯތީގެ އިތުރުން ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯތި ކަމަށެވެ.
ނިލަންދޫއިން ގޯއްޗަށް ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައި ވުމާއި އުމުރުން 18 އަހަރުވެފައި ވުމާއި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް ގޯއްޗަށް އެދޭ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެއެވެ.
އެއާއެކު، ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއް ނަމުގައި ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުމާއި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓްރީވެފައިވާނަމަ ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުންގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހޭނެ ކަމަށް ނިލަންދޫ ކައުންސިލުން ބުނެއެވެ.
އަދި ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށްވުރެ ބޮޑު ފްލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފްލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެއްޖެނަމަ އެތަން ދޫކޮށްލާފައިވުން ނުވަތަ ވިއްކާލާފައި ވާންޖެހެއެވެ.
އެ އިއުލާނުގައިވާ ގޮތުން ގޯއްޗަށް މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގައި ކަނޑއެޅިފައިވާ ޖުމްލަ ޕޮއިންޓު 60 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ ފަރާތެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
ނިލަންދޫ ކައުންސިލުން ބުނީ ގޯއްޗަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ހިޔާވަހި" ޕޯޓަލްގެ ތެރެއިން އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ނިލަންދޫ ކައުންސިލުން ފޯމު ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައިވެއެވެ.
ގޯއްޗަށް ޝަރުތު ހަމަވާ މީހުންނަށް އެ ފުރުސަތު ހުޅުވާލަފައިވަނީ އަންނަ މަހުގެ 30ގެ 13:00 ގެ ނިޔަލަށެވެ.