ފ. ނިލަންދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ހަބަރު ނިލަންދޫގެ ރައްޔިތުންނަށް ދެއްވީ އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ދިގު ރާސްތާ މާސްޓާ ޕްލޭންގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ޑިވަލޮޕްމެންޓް ޒޯންގެ އިތުރުން ހަތް ސަރަހައްދެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރުމަށްވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އޭގެ ތެރެއިން އެއް އާބަން ސެންޓަރަކީ ނިލަންދޫ ކަމަށާ، އެ ރަށުގެ ރައްޔިތުން ފަހުރުވެރިވާ ފަދަ އާބަން ސެންޓަރެއްގެ ގޮތުގައި އެ ރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ ކަމަށް ޓަކައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެކަން ރައީސްވަނީ ފާހަގަ ކުރައްވާފައެވެ.
"ތަރައްގީގެ ދުވެލީގައި ބާރު ސްޕީޑުގައި ކުރިޔަށް ދިއުމަށް ޓަކައި ތި ބޭފުޅުން ކަމަރު ބަނދެގެން ތައްޔާރުވެގެން މަސައްކަތް ފައްޓަވަންވީ. އަޅުގަނޑު ހުންނާނީ ތި ބޭފޫޅުން ދާން ބޭނުންވާ ބާރު ސްޕީޑެއްގައި ދިއުމުގައި ތި ބޭފުޅުންނަށްވުރެން ވެސް ކުރީގައި އިރާދަކުރެއްވިއްޔާ ހުރެގެން ތި ބޭފުޅުންގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނަން," ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ އިތުރުން، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންތައްތަކުގެ ދިގު ލިސްޓެއް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި މިކަމަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ނިލަންދޫ ކައުންސިލްގެ ރައީސާއި އެ ރަށުގެ ރައްޔިތުންނަށް ވިދާޅުވީ މާޔޫސްނުވުމަށެވެ.
އާބަން ސެންޓަރެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރެވިގެންދާއިރު، ކައުންސިލް ރައީސް ވިދާޅުވި ލިސްޓުގައިހުރި ކަންކަމުގެ އިތުރުން ވެސް ތަރައްގީގެ އެތައް ކަމެއް އެ ރަށުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ގޮތުން އެ ރަށުގައި ފަށާ ވަކިވަކި މަޝްރޫއުތަކުގެ މަސައްކަތް އާބަން ސެންޓަރެއްގެ ފެންވަރުގައި ކުރިޔަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"...އެއީ އެއް އަހަރުން ނިމޭނެ ކަންކަމެއް ވެސް ނޫން. މި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއްބައި ހިމަނަންޖެހޭ. އަދި ފުރިހަމަކުރެވެމުންދާ ވަރަކަށް ދެން އަންނަ އަހަރުގެ ބަޖެޓަށް ވެސް ލާންޖެހޭނަމަ ލަމުންދާނީ" ރައީސް ވިދާޅުވިއެވެ.
ނިލަންދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މިހާރުވަނީ މަސައްކަތް ފަށާފައެވެ.
މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ޑިވަލޮޕްމެންޓް ޒޯންގެ އިތުރުން، ރާއްޖޭގެ ހަތް ސަރަހައްދެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ތަންތަން ތަރައްގީކޮށް ނިމުމުން، އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.