އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުތަކުން މޮޅުވެ ފެކަލްޓީއޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އާއި އެމްއެންޔޫ ބިޒްނަސް ސްކޫލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެފްއެޗްއެސް އިން ވަނީ ސީދާ ދެ ސެޓުން ސްކޫލް އޮފް މެޑިސިން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި އެމްއެންޔޫބީއެސް ވަނީ ދެ ސެޓުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) ބަލިކޮށްފައެވެ.
އެފްއެޗްއެސް އަދި އެސްއެމް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު އެފްއެޗްއެސްއިން ގެންދިޔައީ 25-07އިންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-06ގެ ނަތިޖާއަކުންނެވެ.
މި މުބާރާތުގައި އެފްއެޗްއެސް ބައްދަލުކުރި ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ. އެ މެޗުގައި ސީދާ ދެ ސެޓުން އެފްއެޗްއެސް ބަލިކުރީ ސްކޫލް އޮފް ނާސިންއިންނެވެ.
އެހެން ނަމަވެސް، ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ)ގެ މައްޗަށް ކުރިހޯދައި އެ ޓީމުން ސެމީގެ އުންމީދު އައުކުރިއެވެ.
ދެވަނަ މެޗުގައި އެމްއެންޔޫބީއެސް އައި އެފްއެސްއެލް ބައްދަލުކުރި މެޗުގައި އެމްއެންޔޫބީއެސް އިން ސެޓުތައް ގެންދިޔައީ 25-09 އަދި 25-04 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫބީއެސްގެ ޖާޒީ ނަންބަރު 11، ފިރުޝާނާ ނަސީރުއެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭއަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.