މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: މާކަސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް މާކަސް މިއަދު ރާއްޖެ އައުން -- ފޮޓޯ / ޔޫތު މިނިސްޓްރީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަކީ އޭނާއާއި އޭނާގެ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ފުޓުބޯޅައިގެ ލެޖެންޑް ރެފްރީ މާކަސް މާކް ބުނެފިއެވެ.

މާކަސް އަދި އޭނާގެ އަންހެނުން މިއަދު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައިސް ބައްސާމް އަދީލް ޖަލީލެވެ.

އެއަށްފަހު މާކަސް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ.

"އެވޯޑު ހަފްލާގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަކީ އަހަރެންނާއި އަހަރެންގެ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް. އަހަރެން އުންމީދު ކުރަނީ މިކަމުގެ ފުރިހަމަ އުފާ ލިބުމާއި، ބައެއް ރެފްރީންނާ ބައްދަލުވުން. ވަރަށް އުފާވޭ،" މާކަސް ބުންޏެވެ.

އޭނާ ބުނެފައިވަނީ ރާއްޖޭގެ ކުޅިވަރުގެ އެކި ފަރާތްތަކާ ބައްދަލުވުމަކީ ވެސް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި އޭގެ ތެރެއިން އޭނާގެ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރެވޭނެ ކަމަށް މާކަސް ބުންޏެވެ.

މާކަސްއަކީ ފީފާއިން ހޮވާ އެންމެ މޮޅު ރެފްރީގެ މަޤާމް ތިންފަހަރެއްގެ މަތިން ހޯދާފައިވާ ރެފްރީއެކެވެ. އަދި ބުންޑަސްލީގުގެ އެންމެ ގިނަ މެޗުތަކުގައި އިންސާފްކުރި ރެފްރީއަކީވެސް މާކަސްއެވެ. އޭނާ ވަނީ ޖަރުމަނުގެ އެންމެ މޮޅު ރެފްރީގެ އެވޯޑް ހަ ފަހަރު ހޯދާފައެވެ.

comment ކޮމެންޓް