މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އަންނަ ހުރިހާ އެތުލީޓުންނާ އެއްތަނަކުން ބައްދަލުވުމަކީ އުފާވާ ކަމެއް ކަމަށް ސްވިޑެންގެ މަޝްހޫރު ފެތުންތެރިޔާ ސާރާ ޚޮރޮސްޓްރޮމް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އެވޯޑު ހަފްލާއަށް މިއަދު ރާއްޖެ އައުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ.
ރާއްޖެއައުމާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ސާރާ ބުނެފައިވަނީ ފުރަތަމަ ފަހަރަށް ރާއްޖެ އާދެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ގިނަ އެތުލީޓުން އެއް ހަފްލާއެއްގައި އެއްތަނަކުން ބައްދަލުނުވެވި އޮތުމަށްފަހު، މިފަދަ ހަފްލާއެއްގައި އެއްތަނަކުން ބައްދަލުވެވޭތީ އުފާވާކަމަށް ވެސް އޭނާ ބުންޏެވެ.
"ފުރަތަމަ ފަހަރަށް ރާއްޖެ އާދެވުމުން ވަރަށް އުފާވޭ. އަދި ރާއްޖެ އައުމުން ކީ މަރުހަބާއަށް ވެސް ޝުކުރު އަދާކުރަން. ކޮވިޑްގެ ސަބަބުން ގިން އެތިލީޓުން އެއްތަނަކުން ބައްދަލުނުވެ ތިބުމަށްފަހު، މިގޮތަށް ބައްދަލުވާތީ ވެސް އުފާވޭ،" ސާރާ ބުންޏެވެ.
މީގެ އިތުރުން ސާރާ ބުނެފައިވަނީ ސްޕޯޓްސް އެވޯޑް ހަފްލާގައި އޭނާ ބައިވެރިވުމަކީ ރާއްޖޭގެ ޒުވާން ފެތުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެކަމެއް ކަމަށް ގަބޫލުކުރާކަމަށެވެ.
ސާރާ މިއަދު ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެ.
އުމުރުން 28 އަހަރުގެ ސާރާއަކީ އޮލިމްޕިކްސްގެ ގޯލްޑް މެޑަލް ހޯދާފައިވާ އެތުލީޓެކެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕްސްގެ 14 ގޯލްޑް މެޑަލް އޭނާ ހޯދާފައިވެއެވެ. އޭގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕްސްގެ 26 ގޯލްޑް މެޑަލް ވެސް ސާރާ ވަނީ ހޯދާފައެވެ. ސާރާ އަކީ މި ވަގުތުވެސް ދުނިޔޭގެ ރެކޯޑް ހޯލްޑް ކުރާ އެތުލީޓެކެވެ.