ޔާމީންގެ މައްސަލަ ފިނިހަކަ ދުވެލީގައި، ޝަރީއަތް ފެށުމުގެ ކުރިން ލައިވް ކުރަން މަސައްކަތް ކުރަނީ

ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ ލައިވް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ ވެސް މަޑު ދުވެއްޔެއްގައި ކުރިއަށްދާއިރު ޝަރީއަތް ފެށުމުގެ ކުރިން ލައިވްކޮށް ދުރަށް ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ގާޒީ ވިދާޅުވެއްޖެއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލާފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހެވެ. އެ އަޑުއެހުމުގައި ގާޒީ ވަނީ ހެކި ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިޢުލާން ކުރައްވާފައެވެ.

ނަމަވެސް އެންމެ ފަހުން އަޑުއެހުން ބޭއްވިފަހުން މަހެއްވާން ދެ ދުވަހަށް ވެފައިވަނިކޮށް މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ފަރާތުން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އެދިވަޑައިގަތީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެ ފުރުސަތުގައި ލިއުމުން ޝަރީއަތަށް ހެކި ހުށަހަޅުއްވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުނީ, ބައެއް ހެކިވެރިންގެ މައުލޫމާތު ލިބިފައިނުވާތީ އާއި ހެކި ލިސްޓް އެއްކޮށް ތައްޔާރުކުރެވިފައި ނުވާތީ ކަމަށް ވެސް ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތަށް ހެކި ހުށަހެޅުމަށް ދިން ފުރުސަތުގައި އެދުނީ, އެއް މަޖިލީހެއްގައި ހެކި ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާދިނުމަށެވެ. ނަމަވެސް ޝަރީއަތުން އިސް ގާޒީ އަޙުމަދު ޝަކީލް ވިދާޅުވީ, އެއީ ކޮންމެހެން ކުރަން ލާޒިމް ކަމެއް ނޫން ކަމަށާއި ދައުލަތުން ތައްޔާރު ނަމަ މިއަދު ހެކި ހުށަހެޅުމަށެވެ.

ދަޢުވާ ލިބޭ ދެ ބޭފުޅުންވެސް އިއުތިރާޒް ނުކުރުމުން, ދައުލަތުން ހެކި ހުށަހެޅީ ލިޔުމުންނެވެ. ތަފްސީލަކަށް ނުދެއެވެ.

މައްސަލައިގެ ސްޕީޑް ލަސް!

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލާފައި އޮތް ނަމަވެސް އެއާ އެއްގޮތަށް ކުރިއަށް ދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ދެ އަޑުއެހުމެއް ކެންސަލް ކުރަން ޖެހިފައިވާ ކަން ގާޒީ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ހެކި ހުށަހެޅުމަށް ޔޫސުފް ނައީމްގެ ފަރާތުން ދިހަ ދުވަސް ދޭން އެދުނު ނަމަވެސް ގާޒީ ދެއްވީ ފަސް ދުވަހެވެ. ފަސް ދުވަސް ތެރޭގައި ހެކި ހުށަހެޅުމަށް އަންގާފައިވާއިރު މިމަހުގެ 31 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ގާޒީ އިޢުލާން ކުރެއްވިއެވެ.

އެ އަޑުއެހުމުގައި ހެއްކާ ބެހޭ ގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކުމުގެ އިތުރުން ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދެއްވާނެއެވެ. އެއަށްފަހު މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއްތޯ ގާޒީ ނިންމަވައި ޝަރީއަތް ފެށުމާ ގުޅޭ ގޮތުންވެސް ގޮތެއް ނިންމަވާނެއެވެ.

ޝަރީއަތް ފެށުމުގެ ކުރިން ލައިވް ކުރަން މަސައްކަތް ކުރަނީ

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު, މިއަދު ވެސް ވަނީ ޔާމީންގެ މައްސަލަ ލައިވް ނުކޮށް ކުރިއަށް ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި އިސް ގަޒީ ޝަކީލް ވިދާޅުވީ, މައްސަލަ ލައިވް ކުރުމާ ގުޅޭ ގޮތުން ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށާއި މަސައްކަތް ކުރަމުން ދަނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއްތޯ ނިންމުމަށްފަހު, ޝަރީއަތް ފަށާއިރު ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް މީގެ ކުރިން އެދިފައެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތީ ލައިވް ކުރާނެ ވަސީލަތްތައް ކްރިމިނަލް ކޯޓުގައި ނެތުމުން ކަމަށް ގާޒީ އޭރު ވިދާޅުވިއެވެ. އަދި، އެ ވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް