މަހްލޫފް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި

މަހްލޫފްގެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ----

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުން ނިންމާލައިފިއެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތުމުންނެވެ.

ޕްރްސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ވަނީ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

މެންދުރު 2:00ގައި ފެށި މައްސަލަ ދޮޅުގަޑިއިރު ފަހުން ނިންމާލިއިރު ދެ ފަރާތުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ, އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށެވެ. އެކަމަށް ބާރުދޭ ހުށަހެޅުންތަކެއް ވެސް ހުށަހެޅިއެވެ.

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް ޢަލީ ވެސް ހިމެނެއެވެ.

ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.

"ޖުމްލަކޮށް ދަންނަވަނީ ނަމަ މި މައްސަލައިގެ ހެކިތަކަށް އެންމެ ފުނަށް ފީނައިގެން ފަނޑިޔާރުން ހަގީގަތުގައި ފަނޑިޔާރުން ހެކި ވަޒަންކޮށްފައި ނުވާކަން އިސްތިއުނާފް ރައްދުވާ ފަރާތުން ފާހަގަކުރަން," މަހުލޫފްގެ ވަކީލް ވިދާޅުވިއެވެ.

ދެ ފަރާތުގެ ހުށަހެޅުންތައް ނިމުމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނީ އެ މައްސަލައިގައި ގޮތެއް ނިންމުން ކަމަށެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ދުވަހެއް އިޢުލާނެއް ނުކުރެއެވެ.

comment ކޮމެންޓް