ޔޫއޭއީން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިއްޖެއެވެ.
އެ ގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫސުފް އަލްޢުތައިބާ އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި އެ ގައުމުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، އޯޕެކްގެ އެހެން ގައުމުތަކަށް އެކަމަށް ބާރުއަޅާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި ބަޔާނާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ އެކި މިންގަނޑުތަކުން ވަނީ ބޮޑެތި ވެއްޓުންތަކެއް ދައްކާފައެވެ.
އެގޮތުން ޑަބްލިއުޓީއައިގެ ތެޔޮ ފީފާއެއްގެ އަގު 123 ޑޮލަރުން 110 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 130 ޑޮލަރުން 113 ޑޮލަރަށް ވަނީ ވެއްޓިފައެވެ.
ކޮވިޑުގެ ހާލަތު ރަނގަޅުވެ، ބައިނަލްއަޤްވާމީ ދަތުރުތައް ގިނަވާން ފެށުމާއެކު ތެލުގެ ޑިމާންޑު ބޮޑުވެ، އަގު މައްޗަށް ދާން ފެށިއެވެ.
ނަމަވެސް އޭގެ ފަހުން، ރަޝިޔާއާއި ޔޫކްރޭނާ ދެމެދު މަޝްރަހު ހޫނުވެ، ހަނގުރާމަ ފެށުމާއެކު، ތެލުގެ އަގުތައް ވަނީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭ ނުއުފުލޭ މިންވަރަކަށް އުފުލިފައެވެ.
އޭގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިިއްކާ އަގު 12.98 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ވިއްކާ އަގު 13.04 ރުފިޔާއަށް އިތުރުކުރިއެވެ.
އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު އަނެއްކާވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 14.80 ރުފިޔާއަށް އިތުރުކޮށްފައެވެ.