ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގަތުމަށް ހަވާލުކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލައިގައި ދަޢުވާ ނުކުރަން އަދި ނިންމާފައި ނުވާ ކަމަށް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އޭސީސީން އުމަރުގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ނަމަވެސް އެ މައްސަލަ ވެސް މިހާރު ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލާފާއެވެ.
މި މައްސަލައާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އުމަރާ ދެކޮޅަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ވެސް އޭސީސީއަށް އަނބުރާ ފޮނުވައިލީ އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށެވެ.
"ދެން ފަހުން ފޮނުވި އެއްޗެހި ތެރޭގައި ވެސް އިތުރަށް ކަންކަން ސާފު ކުރަން ހުރީމަ އެކަންކަން ސާފު ކުރަން އަނެއްކާ އޭސީސީއަށް މިހާރު ވާނީ ފޮނުވާފައި. އަޅުގަނޑުމެން މި ބުނީ އަދި މިހިރި މިހިރި ކަންކަން އެބަހުއްޓޭ އިތުރަށް ސާފު ކޮށްލަން ބޭނުންވާ. އެކަން ސާފުކޮށްދެއްވާށޭ. އެހެންވީމަ އެކަން މިހާރު އެ ކުރަނީ،" ޕީޖީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިތުރަށް ތަހުގީގު ފުރިހަމަކުރަން ބޭނުންވާ ކަންކަން ހޯދުމަށްފަހު މި މައްސަލައާއެކު ކުރިއަށް ދާނީ. މި އެއްޗެއްސަށް ބެލުމަށްފަހު އަޅުގަނޑުމެން ގޮތެއް ނިންމާނަން."
އޭސީސީން ބުނީ ޓެގު ގަތުމަށް 2015 ވަނަ އަހަރު ތެރޭގައި ހަވާލުކޮށްފައިވަނީ އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށެވެ. އެގޮތުން އެކަން ހަވާލުކޮށްފައިވާ ސްޓެލްވާޓް މޯލްޑިވްސް ކުންފުނީގެ ހަތަރު ހިއްސާދާރުންނަކީ ވެސް އުމަރުގެ ވިޔަފާރީގެ ބައިވެރިން ކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ ޓެގް ހޯދުމާ ގުޅޭ ކަންކަން މިނިސްޓްރީން ކޮށްފައިވަނީ، އާންމު އުސޫލުތަކާ ހިލާފަށް، ސީދާ އުމަރުގެ ބެލުމުގެ ދަށުން ކަމަށް ތަހުގީގުން ހާމަވެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އުމަރު "ސަން"އަށް މިއަދު ވިދާޅުވީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ބިޑަށް ލުމަށްފަހު، އެންމެ ކުޑަ އަގު ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ ކަމަށެވެ.
މިކަމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އުމަރު ވިދާޅުވީ އެކަމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައި، އޭސީސީގެ ކްލިއަރެންސް ވެސް ހޯދައިފައިވާނެ ކަމަށެވެ.